ޝާހީ މައާފަކުން ނަޖީބު ރައްޒާގު 12 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެ ވަޑައިގަތުމުގެ ފުރުސަތު ވަރަށް ބޮޑު

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު

ކޮރަޕްޝަންގެ މައްސަލަ ސާބިތުވެ ދިގުމުއްދަތުގެ ޖަލު ހުކުމެއް ކުރިމަތިވެވަޑައިގެންފައިވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް މެލޭޝިއާގެ ރަސްގެފާނު މައާފް ދެއްވުން ވަރަށް ގާތްކަމަށް އެގައުމުގެ ތަރައްގީގެ ބާނީ އަދި ކުރީގެ ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދު ވަނީ ވިދާޅުވެފައެވެ.

މަހާތީރު ވިދާޅުވިގޮތުގައި ރަސްގެފާނު ނަޖީބަށް މައާފް ދެއްވުމަކީ ވަރަށް ގާތްކަމެކެވެ. ރަސްގެފާނު މައާފް ދެއްވައިފިނަމަ ޖަލުހުކުމުން ނަޖީބު ސަލާމަތްވެވަޑައިގަންނަވާނެއެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދު

މެލޭޝިއާގެ ދައުލަތުން ނަޖީބު ރައްޒާގުގެ މައްޗަށް ދައުވާކުރީ ނަޖީބުގެ ވެރިކަމުގައި އެގައުމުގެ ތަރައްގީގެ ފަންޑުކަމަށްވާ "ވަން މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދު" (ވަންއެމްޑީބީ) ގެ ފައިސާގެ ތެރެއިން އެތަށް ބިލިޔަން ޑޮލަރަކަށް ޚިޔާނާތްވުމުގައި ނަޖީބު ހިންގަވާފައިވާ ކޮރަޕްޝަނުގެ އަމަލުތަކާ ގުޅިގެންނެވެ. މި ޚިޔާނާތުގައި މެލޭޝިއާގެ ބައެއް ވިޔަފާރިވެރިންނާއި ނަޖީބު ނޫން ސިޔާސީ ފަރާތްތައްވެސް ބައިވެރިވި ކަމަށްވަނީ ތުހުމަތު ކުރެވިފައެވެ.

މިމައްސަލަ ބެލި މެލެޝިއާގެ ދަށު ކޯޓުގެ ޝަރީއަތުން ނަޖީބުގެ މައްޗަށް ސާބިތުވީ "ވަންއެމްޑީބީ" ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "އެސްއާރުސީ އިންޓަނޭޝަނަލް" އިން ނަޖީބުގެ އަމިއްލަ އެކައުންޓަށް 10.4 މިލިއަން ޑޮލަރު ޖަމާކުރިކަމާއި އެފައިސާ ލޯންޑާ ކުރި ކަމެވެ. މިކަން ޝަރީއަތަށް ސާބިތުވީ 2020 ވަނަ އަހަރުއެވެ. މި އަމަލު ނަޖީބުގެ މައްޗަށް ސާބިތުވުމާގުޅިގެން އެކޯޓުންވަނީ 2020 ވަނައަހަރު 12 އަހަރުގެ ޖަލު ހުކުމެއް ނަޖީބުގެ މައްޗަށް އިއްވާފައެވެ.

ނަޖީބުގެ ގާނޫނީ ޓީމުން، އެ ހުކުމް މެލޭޝިއާގެ އެންމެ މަތީ ކޯޓުކަމަށްވާ ފެޑްރަލް ކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން އަލުން އެމައްސަލަ ބަލައި ދަށުކޯޓުގެ ހުކުމް ރަނގަނޅު ކަމަށް ނިންމައި އަލުން އެހުކުމް ދެހެއްޓީ މިދިޔަ އަންގާރަ ދުވަހުއެވެ. ފެޑްރަލްގެ ކޯޓުގެ ފައިނަލް ހުކުމާއެކު 12 އަހަރުގެ ޖަލުގެ އަދަބުން ސަލާމަތްވާނެ ވަރަށް ހަނި މަގެއްމެނުވީ ނަޖީބު ރައްޒާގަށްވަނީ ބަންދުވެފައެވެ.

މެލެޝިއާގެ ރަސްގެފާނު ސުލްތާން އަބްދުﷲ : ރަސްގެފާނަކީ މެލޭޝިއާގެ ދައުލަތުގެ އިއްތިހާދުގެ އެންމެ ސްޕްރީމް ހެޑް ނުވަތަ މުޅި ދައުލަތުގެ ކަންކަމުގައި އެންމެ ފަހުބަސް ވިދާޅުވާ އެންމެ އިސް ވެރިޔާއެވެ.

12 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވުމަށް ނަޖީބަށް އޮތް ހަމައެކަނި މަގަކީ މެލޭޝިއާގެ ރަސްގެފާނު އޭނާއަށް މައާފު ދެއްވުމެވެ. މިކަން ކުރެވޭނީ ދެގޮތަކުންނެވެ. އެއީ މެލޭޝިއާގެ ސަރުކާރުގެ ފަރާތުން ބޮޑުވަޒީރު ރަސްމީ ސިފައެއްގައި ރަސްގެފާނަށް ސިޓީއެއް ފޮނުއްވައިފެން ރަސްގެފާނުގެ އަރިހުން މިކަމަށް އެދިވަޑައިގަތުމެވެ.

އަނެއްގޮތަކީ ރައްޔިތުންގެ ގިނަ ބަޔަކު ޕެޓިޝަނެއް ހަދައިގެން ރައްޔިތުން އެދޭކަމެއްގެ ގޮތުގައި ނަޖީބަށް މައާފު ދިނުމަށް އެދި ރަސްގެފާނަށް ހުށަހެޅުމެވެ. މިކަން ނަޖީބުގެ ސަޕޯޓަރުން މިހާރުވަނީކޮށްފައެެވެ.

މެލޭޝިއާގެ މިހާރުގެ ސަރުކާރަކީވެސް ނަޖީބު ރައްޒާގުގެ އަމްނޯ ޕާޓީގެ ބޮޑު ހިއްސާއެއް އޮންނަ ކޯލިޝަން ސަރުކާރެކެވެ. ބޮޑުވަޒީރު އިސްމާއީލް ސަބްރީ ނިސްބަތްވެވަޑައިގަންނަވަނީ ނަޖީބު ރައްޒާގުގެ އަމްނޯ ޕާޓީއަށެވެ. މެލޭޝިއާގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު އޮތީވެސް އަމްނޯއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކަށެވެ.

ނަމަވެސް މެލޭޝިއާގައި ކުރިޔަށްއޮތީ އާންމު އިންތިޚާބުކަމަށްވާތީ ނަޖީބަށް މައާފު ދެއްވުންއެދި ރަސްގެފާނަށް ހުށަހެޅުމަކީ ސިޔާސީ ގޮތުން ބޮޑުވަޒީރު އިސްމާއީލް ސަބްރީއަށް ކުރައްވަން ފަސޭހަފުޅު ކަމެއްނޫނެވެ. ފަހަރެއްގައި އިންތިޚާބަށްފަހު އަލުން އަމްނޯގެ ސަރުކާރެއް އަތުވެއްޖެނަމަ ނަޖީބު ރައްޒާގުގެ މައާފުގެ މައްސަލަ އެސަރުކާރުގެ ފަރާތުން ރަސްގެފާނަށް ހުށަހެޅުން އެކަށީގެންވެއެވެ.

މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު އިސްމާއީލް ސަބްރީ (މެލޭޝިއާގެ ވެރިކަމުގެ ތަންފީޒީ ބާރުތައް އޮންނަނީ ބޮޑުވަޒީރުގެ އަތްޕުޅުގައި)

ކަންމިގޮތަށް އޮތުމުން އަމްނޯ އާއި ނަޖީބު ރައްޒާގުގެ ސަޕޯޓަރުން ވަނީ ނަޖީބަށް މައާފުދީ އޭނާ 12 އަހަރުގެ ޖަލު ހުކުމުން ސަލާމަތް ކޮށްދިނުމަށްއެދި މެލޭޝިއާގެ ރަސްގެފާނު ސުލްތާން ޢަބްދު ﷲ އަށް އިއްޔެ ޕެޓިޝަނެއް ހުށަހަޅާފައެވެ. މަހާތީރު ވިދާޅުވަނީ މިޕެޓިޝަނަކަށް ރިއާޔަތް ކުރައްވައި ރަސްގެފާނު ނަޖީބަށް މައާފުދެއްވުން ވަރަށް ގާތްކަމުގައެވެ. ރަސްގެފާނަކީ މެލޭޝިއާގެ ދައުލަތުގެ އިއްތިހާދުގެ ސްޕްރީމް ހެޑް ނުވަތަ މުޅި ދައުލަތުގެ ކަންކަމުގައި އެންމެ ފަހުބަސް ވިދާޅުވާ އެންމެ އިސް ވެރިޔާއެވެ.

އުމުރުން 69 އަހަރުގެ ނަޖީބު ރައްޒާގަކީ މެލޭޝިއާގެ ވަރަށް މަތީ ޚާންދާނެއްގެ ބޭފުޅެކެވެ. އޭނާގެ ބައްޕާފުޅަކީ 1970 ވަނަ އަހަރުން 1975 ވަނަ އަހަށް މެލޭޝިއާގައި ބޮޑުވަޒީރުކަން ކުރެއްވި ޓުން އަބްދުއްރައްޒާގް އެވެ. ޓުން އަބްދުއްރައްޒާގް އަކީ އިނގިރޭސީންގެ އަޅުވެތިކަމާއި އިސްތިއުމާރުން މެލޭޝިއާ މިނިވަންކުރުމަށް މަސައްކަތް ކުރެއްވި ގައުމީ އަބްތާލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ނަޖީބުނ ރައްޒާގުގެ ބައްޕާފުޅު މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަރުހޫމް ޓުން އަބްދުއްރައްޒާގު

އަނެއްކޮޅުން ނަޖީބުރައްޒާގުގެ އަމްނޯ ޕާޓީއަކީ މެލޭޝިއާގެ އެންމެ ބޮޑު ޕާޓީއެވެ. ސަޕޯޓްބޭސް އެންމެ ވަރުގަދަ ޕާޓީއެވެ. މިނިވަންކަން ނުލިބި އޮތް ޒަމާނުން ފެށިގެން މިހާތަނަށްވެސް މެލޭޝިއާގައި ވެރިކަންކުރަމުން އަންނަ ޕާޓީއަކީ އަމްނޯ ޕާޓީއެވެ. މި ދިގު މުއްދަތުގައި އެންމެ ފަހަރަކު ނޫނީ އަމްނޯ އަށް މެލޭޝިއާގެ ވެރިކަން ގެއްލިފައެއް ނުވެއެވެ. އެހެންކަމުން އަމްނޯގެ ސަޕޯޓްބޭސް އަދިވެސް މެލޭޝިއާގައި ވަރަށް ވަރުގަދައެވެ. އަމްނޯގެ ރައީސަކީ ނަޖީބު ރައްޒާގެވެ.

މެލޭޝިއާގެ ރަސްގެފާނު ޝާހީ މައާފެއް ނަޖީބަށް ދެއްވިނަމަވެސް ނަޖީބަށް ޖަލު ހުކުމުން ސަލާމަތް ވެވަޑައިގެންނެވޭނީ ޖަލު ހުކުމުގެ ޖޫރިމަނާއެއްގެ ގޮތުގައި މެލޭޝިއާގެ ދައުލަތަށް އެތަށް މިލިޔަން ރިންގެޓް ދައްކައިގެންނެވެ. ޖަލު ހުކުމުގެ އިތުރުން ފެޑްރަލް ކޯޓުން ނަޖީބުގެ މައްޗަށް ވަނީ އޭނާގެ މައްޗަށް ސާބިތުވި ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން 46.88 މިލިޔަން އެމެރިކާ ޑޮލަރުވެސް މެލޭޝިއާގެ ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައެވެ. މިފައިސާވެސް ނަޖީބު ދައުލަތަށް ދައްކަވަން ޖެހޭނެއެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު

ޖަލު ހުކުމުން ސަލާމަތްވެ ވަޑައިގަތަސް ޖޫރިމަނާގެ ފައިސާއާ އަދި ހުކުމުގައި ދައުލަތަށް ދައްކަން އަމުރުކޮށްފައިވާ 46.88 މިލިޔަން ޑޮލަރު ދައުލަތަށް ދައްކަން ނަޖީބަށް ޖެހިވަޑައިގަންނަވާނެއެވެ. އެފައިސާ ދައްކަން ކުރި ހުކުމުން ނަޖީބަށް ސަލާމަތްވެވަޑައި ނުގެންނެވޭނެއެވެ.

ނަޖީބު ރައްޒާގުގެ މައްޗަށް ސާބިތުވެފައި ވަނީ މެލޭޝިޔާގެ ތަރައްގީގެ ފަންޑުކަމަށްވާ "ވަންމެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދު" (ވަން އެމްޑިބީ) ގެ ފައިސާގެ ތެރެއިން 10.4 މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ކުށާއި އަދި އެފައިސާ މަނީ ލޯންޑް ކުރެއްވި (ކޮރަޕްޝަނުގެ ފައިސާގެ ހަގީގަތް އޮޅުވާލުމަށްޓަކައި އެފައިސާ ދޮވުނު) ކަމުގެ ކުށެވެ.

"ވަން އެމްޑިބީ" ގެ ފައިސާގެ ތެރެއިން 10.4 މިލިޔަން ޑޮލަރު ނަޖީބުގެ އެކައުންޓަށް ޖަމާވިކަންވަނީ ހުރިހާ ގޮތަކުންވެސް ކޯޓަށްވަނީ ސާބިތުވެފައެވެ. ހުކުމް އައީ އެކަން ޝައްކެތް ނެތްމިންވަރަށް ސާބިތުވެގެންނެވެ.

ނަޖީބު ރައްޒާގު މެލޭޝިއާގައި ބޮޑުވަޒީރުކަން ކުރެއްވީ 2009 ން 2018 ވަނައަހަރަށެވެ. 2018 ވަނަ އަހަރުގައި ބޭއްވި އާންމު އިންތިޚާބުން ނަޖީބު ރައްޒާގުގެ ޕާޓީ ބަލިކޮށްލެވުނީ ކޮރަޕްޝަނުގެ މި މައްސަލައާ ގުޅިގެން އެޕާޓީއާ ދެކޮޅަށް ކުރީގެ ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދާއި އަދި ހުރިހާ އިދިކޮޅު ލީޑަރުންނާ އަދި އިދިކޮޅު ޕާޓީތައް އެއްކޯލިޝަނެއްގެ ގޮތުގައި ނުކުމެގެންނެވެ.

ނަމަވެސް ނަޖީބުގެ ވެރިކަން އިންތިޚާބުން ވައްޓާލި ވަރުގަދަ އަދި ފުޅާ ކޯލިޝަން ވެރިކަމަށް އައިތާ ދޮޅު އަހަރުތެރޭގައިވަނީ ރޫޅިގެން ގޮސްފައެވެ. އަދި އެކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތައް ކޯލިޝަނުން ވަކިވެ 2021 ވަނަ އަހަރުވަނީ ނަޖީބުގެ އަމްނޯ އާ ގުޅިގެން އަލުން ކޯލިޝަނެއް އެކުލަވާލައި ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދައި އިންތިޚާބަކާ ނުލައި މެލެޝިއާގެ ވެރިކަން އަލުން ހޯދާފައެވެ.

މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު އިސްމާއީލް ސަބްރީ ޔަޢުގޫބު އަކީ ނަޖީބުގެ އަމްނޯ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ނަޖީބު ރައްޒާގު މެލޭޝިއާގެ ބޮޑުވަޒީރުކަމުގައި ހުންނެވި ދުވަސްވަރު ނަޖީބުވަނީ އޭނާގެ މައްޗަށް އިދިކޮޅުން ކުރި ކޮރަޕްޝަންގެ ތުހުމަތުތައް ތަހުގީގު ކުރުމަށް ހުރަސް އަޅުއްވާފައެވެ.

"ވަންމެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދު" (ވަން އެމްޑިބީ) ފަންޑަކީ ނަޖީބުގެ ސަރުކާރުން 2009 ވަނަ އަހަރު އުފެއްދި މެލޭޝިއާގެ ތަރައްގީގެ ފަންޑެވެ.

ގުޅޭ ޓެގު
comment ކޮމެންޓް