ރައީސް އޮފީހުގެ ތަރުޖަމާނު ކަމުން މަބްރޫކް އިސްތިއުފާ ދެއްވައިފި

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއޯއީސީ

ރައީސް އޮފީހުގެ ތަރުޖަމާނުކަމުން މުހައްމަދު މަބްރޫކް އަޒީޒް އިސްތިއުފާ ދެއްވައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ވަނީ އެކަން ކަށަވަރުވެފައެވެ.

"ސަން"އަށް ކަށަވަރު ވެފައިވާ ގޮތުގައި އޭނާގެ އިސްތިއުފާގެ ސިޓީ މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަތްޕުޅަށް ލިބިފައެވެ.

އިސްތިއުފާއާ ބެހޭގޮތުން މި ވަގުތު ތައިލެންޑްގައި ހުންނެވި މަބްރޫކްގެ ބަހެއް ލިބޭގޮތެއް އަދި ނުވެއެވެ.

ތަރުޖަމާނު ކަމަށް ވަޑައިގަތުމުގެ ކުރިން މަބްރޫކް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަޤާމުގައެވެ. މިނިސްޓަރުގެ ނައިބު ފެންވަރުގައި ތަރުޖަމާނުގެ މަޤާމް ދެއްވީ މިދިޔަ އަހަރުގެ ޖެނުއަރީގައެވެ.

ތައިލެންޑުގެ ކަނބަލަކާ މަބްރޫކް ކައިވެނި ބައްލަވައިގެންފައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއަށްފަހު އޭނާ ގިނައިން އުޅުއްވަނީ އެ ގައުމުގައެވެ.

މަބްރޫކް އާއްމުންގެ ތެރޭގައި މަޤުބޫލް ވެގެން އައީ ކޮވިޑް ޕެންޑެމިކް ފެށިގެން އައި ދުވަސްކޮޅު ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނެއްގެ ދައުރު އަދާ ކުރެއްވުމުގައި ދެއްކެވި ހިތްވަރާއި މުރާލިކަމުންނެވެ.

ކޮންމެ ރެއަކު ނޫސްވެރިންނާ ބައްދަލު ކުރައްވައި ކޮވިޑް ހާލަތާބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމުގައި ސާބިތުކޮށްދެއްވި ކުޅަދާނަކަމުންނެވެ.

comment ކޮމެންޓް