ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާ ކޮންމެ މީހަކަށް ޚިދުމަތުގެ އިނާޔަތް ދޭން ބުނާ މާއްދާ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުން އުނިކުރަން ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ އެ ބިލު ހުށަހަޅުއްވާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް އެވެ.
އެ ބިލުގައި ވަނީ، މަޖިލީހުގައި އެއް ދައުރަށް ނުވަތަ ދެ ދައުރަށް މެންބަރުކަން ކުރައްވާފައިވާ މީހަކަށް ޚިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން ތަފާތު އިނާޔަތްތަކެއް ދިނުމަށް ކަނޑައަޅާފައިވާއިރު، އެއީ ދައުލަތަށް އެތަކެއް އަހަރު ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތްތަކެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާގައިވާ ގޮތުން މަޖިލިސް މެންބަރުކަން އެއް ދައުރަށް ކުރައްވާފައިވާ މީހަކަށް މާލީ އިނާޔަތެއްގެ ގޮތުގައި މަޖިލީސް މެންބަރެއްގެ މުސާރައިގެ 30 ޕަސެންޓް ދައުލަތުން ދޭންޖެހެއެވެ. އަދި ދެ ދައުރު މެންބަރުކަން ކުރައްވާފައިވާ މީހަކަށް މަޖިލިސް މެންބަރެއްގެ މުސާރައިގެ 45 ޕަސެންޓް ދޭން ޖެހެއެވެ.
އެ މާއްދާގައި ވާގޮތުން އެ އިނާޔަތްތައް ލިބޭނީ އެ މެންބަރަކު މަޖިލީހުން ވަކި ވުމަށްފަހު އަދި އެ މެންބަރެއްގެ އުމުރުން 55 އަހަރު ވުމަށް ފަހުގައެވެ. އަދި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާނަމަ އެ ވަޒީފާ އަދާކުރާ މުއްދަތުގައި އިނާޔަތް ނުލިބޭނެ ކަމަށް އެ މާއްދާގައި ބަޔާން ކޮށްފައިވެއެވެ.
މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އޮފިޝަލް ޕާސްޕޯޓް ލިބޭނެ ކަމަށް ވެސް އެ މާއްދާގައިވެއެވެ. މީގެ އިތުރުން އެ އިނާޔަތް ލިބޭނަމަ ދައުލަތުގެ އިތުރު ޕެންޝަނެއް ނުވަތަ މާލީ އިނާޔަތެއް ދައުލަތުން ނުލިބޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ވާނެ ކަމަށް އެ މާއްދާގައި ވަނީ ބަޔާން ކޮށްފައެވެ.
މެންބަރު އުޝާމް ވަނީ އެ ގާނޫނުން އަށް ވަނާ މާއްދާގައި ބަޔާން ކޮށްފައިވާ ހުރިހާ އަކުރެއް އުނިކުރަން ހުށަހަޅުއްވާފައެވެ.