ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި އާމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އަދީ ފާތިމަތު ނަބާހާ (ނަބާ) ބައްދަލު ކުރާ މެޗު އައިސް ޓީވީން ވަގުތުން ދައްކާ ގޮތަށް ހަމަޖައްސައިފިއެވެ.
ރާއްޖޭގެ ބެޑްމިންޓަނުގެ ގިނަ ރެކޯޑްތަކެއް މުގުރަމުން އަންނަ ޒުވާން ދެބެން ކަމަށްވާ ނަބީ އާއި ނަބާ މިހާރު ހުރީ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލް ކުރުމަށްޓަކައި ޖަޕާނުގައެވެ.
މާދަމާއިން ފެށިގެން 28 އޯގްސްޓުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ކުޅޭ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ފަތިހު 05:00ގައެވެ.
މިރޭ ފަތިހު ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ނަބާ އަދި ނަބީ ބައްދަލު ކުރާނީ އިންޑިއާގެ ދެ ކުޅުންތެރިންކަމަށްވާ އަޝްވިނި އަދި ރެޑީ އާއި ދެކޮޅަށެވެ.
ޓޯކިޔޯގައި ކުރިއަށްދާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ނަބާ އާއި ނަބީ ކުޅޭނީ ޑަބަލްސްގައެވެ. ނަބާ އާއި ނަބީގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ގައުމީ ލެވަލްގައި ގިނަ އަހަރުތަކެއް ކުޅެފައިވާ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ހުރި ނަޝްފާން މުހައްމަދެވެ.
މި ފަހަރު ޖަޕާނުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ނަބާ އާއި ނަބީ ވާދަކުރާއިރު، މިއީ ރާއްޖޭގެ ބެޑްމިންޓަން ތާރީޚްގައި ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕެއްގައި ރާއްޖޭގެ ކުޅުންތެރިން ތަމްސީލް ކުރާނެ ފުރަތަމަ ފަހަރެވެ.
މި ފޯރިގަދަ މެޗު މީޑިއާނެޓު މެދުވެރިކޮށް އައިސް ޓީވީން ވަގުތުން ފެންނާނެއެވެ. މީގެއިތުރުން، އެމްއެސް ޑިޖިޓަލް މޯބައިލް އެޕަށް ސަބްކްރައިބްކޮށްގެން ނުވަތަ ކުއިކް ޕޭ މެދުވެރިކޮށް ވައުޗަރެއް ނަގައިގެން ކޮންމެ ތަނަކު ހުރެގެން ވެސް ފަސޭހަކަމާއެކު މި މެޗު ބަލައިލެވޭނެއެވެ.
މީގެއިތުރުން މީޑިއާނެޓްގެ އެމް އެސް ޓީވީ ނުވަތަ އެމް އެސް ލައިޓްއިން ކެޗަޕް ފީޗާ ބޭނުން ކޮއްލައިން ފަހުންވެސް މެޗް ބަލާލެވޭނެއެވެ.