ހުޅުދުއްފާރުގެ ރަމްޒު ކަމަށްވާ ބޮޑުމަގުގެ ރުއްތައް ނަގައިފި

ރ. ހުޅުދުއްފާރު

ރ. ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެރަށުގެ މަގުތަކުން ގިނަ އަދަދަކަށް ރުއްގަސް ކަނޑައިފިއެވެ.

ހުޅުދުއްފާރު ބޮޑުމަގުގެ ދެ ފަރާތަކުގައި ހައްދާފައި ހުރި ބޮޑެތި ރުއްތަކަކީ އެ ރަށުގެ ރަމްޒެވެ. އެރަށް މަޝްހޫރުވެފައި ވަނީ އެ ރީތި ރުއްތަކުގެ ސަބަބުންނެވެ.

އެކަމާ ގުޅިގެން ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުހައްމަދު އާތިފް "ސަން"އަށް މިއަދު ވިދާޅުވީ ހުޅުދުއްފާރުގެ މަގުހެދުމުގެ މަސައްކަތް ކުރާއިރު، މިހާރު ކުރިއަށްދަނީ މަގުތަކުން ނަގަންޖެހޭ ރުއްގަސް ނެގުމުގެ މަސައްކަތްކަމަށެވެ.

ހުޅުދުއްފާރު ބޮޑު މަގުގެ ރުއްތައް ނަގާފައި-- ފޮޓޯ: ހާތިމް

އާތިފް ވިދާޅުވީ ބޮޑުމަގުގައި ހުންނަ ރުއްތައް ހިމެނޭހެން މުޅި ރަށުން 304 ރުއްގަސް ކަނޑާފައިވާކަމަށެވެ.

"އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ލިބިގެން ހުރިހާ މަގަކުން 304 ރުއްގަސް ކެނޑީ،" އޭނާ ވިދާޅުވިއެވެ.

ހުޅުދުއްފާރުގެ ބޮޑުމަގަކީ 3.3 ކިލޯމީޓަރުގެ ދިގުމަގެކެވެ. މިމަގުގައި ހުންނަ ރުއްތަކަކީ ހުޅުދުއްފާރު ރަމްޒުކޮއްދޭ ރުއްތަކެއްކަމަށް އެރަށު މީހުން ބުނެއެވެ.

އާތިފް ވިދާޅުވީ މަގުހެދުމުގެ މަޝްރޫއަށް ރުއްގަސް ކެނޑިނަމަވެސް ރަށުގެ ރައްޔިތުންގެ މާބޮޑު ކަންބޮޑުވުމެއް ނެތްކަމަށެވެ.

"ރުއްތައް ހުންނަތާ ވެސް މިހާރު 35ވަރަކަށް އަހަރު ވެދާނެ. ބައެއް ރުއްތައް ހުރީ ދުވަސްވެ މުސްކުޅިވެފައި،" އޭނާ ވިދާޅުވިއެވެ.

އާތިފް މިހެން ވިދާޅުވި ނަމަވެސް ހުޅުދުއްފާރުގެ ރަމްޒުކަމުގައިވާ ރީތި ބޮޑުމަގުގެ ރުއްތައް ކަނޑާތީ އެރަށުގެ ބައެއް ރައްޔިތުން ވަނީ ކަންބޮޑުވުން ފާހަގަކޮށްފައެވެ.

އެގޮތުން ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ހިއްސާކުރި މީހެއް ބުނީ ތަރައްގީގެ ނަމުގައި ހުޅުދުއްފާރު ރަމްޒުކޮށްދޭ އެރަށުގެ ބޮޑުމަގުގައި ހުރި ރުއްތައް މިހާރު ނަގަންފަށާފައި ވާކަމަށެވެ.

comment ކޮމެންޓް