ޕްލެޓްފޯމް ފަރަށް އެރުމަކީ ބްރިޖުގެ މަސައްކަތް ލަސްވާންޖެހޭ ސަބަބެއް ނޫން: އަސްލަމް

ޕްލޭނިންގެ މިނިސްޓަރު މުޙައްމަދު އަސްލަމް--- ފޮޓޯ/ މަޖިލިސް

ވިލިމާލެ ފަރަށް ޕްލެޓްފޯމް އެރި ނަމަވެސް އެއީ ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވާން ޖެހޭ ސަބަބެއް ނޫން ކަމަށް ޕްލޭނިންގެ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވަނީ އެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުމާ ބެހޭ ގޮތުންނާއި އޭގެ ސަބަބުން ބްރިޖް އެޅުމުގެ މަސައްކަތް ލަސްވެދާނެތޯ ސުވާލުކުރައްވާފައެވެ.

ޝިޔާމްގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބްރިޖަށް ހޭދަވީ ކިހާ އަދަދެއްކަން ކުއްލިއަކަށް ވިދާޅުވާން ދަތި ކަމަށެވެ.

"ތިލަމާލެ ބްރިޖަށް ހޭދަވީ އަދަދެއް ޓަސްލާފަ ދަންނަވަން އަޅުގަނޑަކަށް ނޭންގޭ،" އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖްގެ މަސައްކަތް ކުރުމަށްޓަކައި ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން ހަދައި، ވިލިނގިލީ ފަރަށް ގެއްލުން ލިބުނުތޯ ބެލުމަށް އެސެސްމަންޓެއް ހަދަމުންދާ ކަމަށެވެ.

އަދި އެ އެސެސްމަންޓު ހަދާ ނިމުމުން، ގެއްލުންވި މިންވަރާއި ޖޫރިމަނާއަށް އަރާނެ އަދަދު ދެނެގަނެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް އެ ހާދިސާގެ ސަބަބުން ބްރިޖުގެ މަސައްކަތް ލަސްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބްރިޖްގެ ޕްލެޓްފޯމް ފަރަށްއެރި ހާދިސާއާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނަރަލް އިބްރާހީމް ނައީމް އިއްޔެ "ސަން"އަށް ވިދާޅުވީ ބްރިޖް ޕްލެޓްފޯމުން ފަރަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ފަރަށް ގެއްލުމެއް ލިބިފަވާނަމަ ބަޔަކު ޖޫރިމަނާ ކުރާނެތޯ ނުވަތަ އެކަންކަން ކުރިއަށް ދާނީ ކިހިނެއްތޯވެސް ބުނެދެން އިނގޭނީ މިހާރު ބަލާ ކަންކަން ނިމުނީމަ. ލިބުނު ގެއްލުމަށް ބަލާފަ އިނގޭނީ ޖޫރިމަނާ ކުރާނަމަ ކުރާނެ ވަރެއްވެސް ބުނަން. އަދި ނޭނގެ އެހެން ބުނާކަށް،" ނައީމް ވިދާޅުވިއެވެ.

އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ފުުލުހުން ބުންޏެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށް، ކަމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިމަހުގެ ދެވަނަ ދުވަހު އެ މަޝްރޫއުގެ ބިންގާވަނީ އަޅުއްވާފައެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރުމަށް ބޭނުން ކުރަމުން އައި ޕްލެޓްފޯމެއް ފަރަށް އަރާފައިވާއިރު، މިފަދަ ހާދިސާތަކުގައި ފަރުތަކަށް ލިބޭ ގެއްލުމަށް އީޕީއޭއިން ބޮޑެތި ޖޫރިމަނާތައް ކުރެއެވެ.

comment ކޮމެންޓް