ޕެޓްރޯލް ލީޓަރަކުން 58 ލާރި، ޑީސަލް ލީޓަރަކުން 45 ލާރި ހެޔޮކޮށްފި

ހެންވޭރު ޕެޓްރޯލް ސެޑުން ބަޔަކު ޕެޓްރޯލް އަޅަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ރޭ ހާމަކުރިގޮތުގައި މިއަދުން ފެށިގެން އެ ކުންފުނިން ވިއްކާ ތެލުގެ އަގު ހެޔޮކުރަން ވަނީ ނިންމާފައެވެ.

އެގޮތުން ތެލަށް އައި ބަދަލާއެކު ކުރިން 16.77 ރުފިޔާއަށް ވިއްކަމުން އައި ޑީސަލް ލިޓަރެއް ދެން ވިއްކާނީ 16.32ރުފިޔާއަށެވެ. އެއީ 45 ލާރީގެ ހެޔޮ އަގެކެވެ.

ހަމައެއާއެކު މީގެ ކުރިން 16.55ރުފިޔާއަށް ޕެޓްރޯލް ލީޓަރެއްގެ އަގު ހުރިއިރު އެސްޓީއޯއިން ރޭ ގެނައި ބަދަލާއެކު ދެން ޕެޓްރޯލް ލީޓަރެއް 15.97ރުފިޔާއަަށް ލިބޭނެއެވެ. އެއީ 58ލާރީގެ ހެޔޮ ވުމެކެވެ.

އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގަށް ބަދަލުގެނައީ ޖޫން މަހުގެ ތެރޭގައެވެ. އެ ފަހަރު ޕެޓްރޯލް ލިޓަރަކުން 1.95ރުފިޔާ ބޮޑުކޮށްފައިވާއިރު ޑީސަލް ލީޓަރަކުން 1.97ރުފިޔާ ވަނީ ބޮޑުކޮށްފައެވެ.

ހާއްސަކޮށް ކޮވިޑު19ގެ ބަލިމަޑުކަމާއި ރަޝިޔާ-ޔޫކްރައިންގެ ހަނގުރާމައިގެ ސަބަބުން ދުނިޔާގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އޭގެ ސަބަބެއްގެ ގޮތުން ރާއްޖޭގެ ތެޔޮ ވިއްކާ އަގުވެސް ވަނީ ބޮޑުކޮށްފައެވެ.

ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް އެސްޓީއޯއިން ބުނީ ތެޔޮ ގަންނަ އަގު ބޮޑިވި ނިސްބަތުން ތެލުގެ އަގު ބޮޑު ނުކުރާ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި މިހާރު ތެލުގެ އަގު އަންނަނީ ދަށަށް ދަމުންނެވެ.

comment ކޮމެންޓް