ޓީނޭޖް ބަލިކޮށް ދެވަނަ ޑިވިޝަންގެ ތާޖު ބުރު ސްޕޯޓްސް ކުލަބަށް

ބުރުގެ ކުޅުންތެރިން ދެވަނަ ޑިވިޝަންގެ ތަށި އުފުލާލަނީ--- ފޮޓޯ/ އެފްއޭއެމް

ކުލަބް ޓީނޭޖު ބަލިކޮށް އެފްއޭއެމް ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

މިރޭ ގަލޮޅު ދަނޑުގައި ކުޅުނު ޓީނޭޖާ ދެކޮޅަށް ކުޅުނު ދެވަނަ ޑިވިޝަންގެ ފައިނަލް މެޗު ބުރުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ބުރު ޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި ބުރަށް ލީޑު ނަގައިދިނީ މިރްޖާލޯލް ކަސީމޯވްއެވެ. އެ ގޯލަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މީގެ އިތުރުން މެޗުގެ 42 ވަނަ މިނެޓުގައި މުހައްމަދު ތަސްމީން ވަނީ ޓީނޭޖުގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށް ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިން ވަނަ މިނެޓުގައި ބުރުގެ މިރްޖާލޯލް ވަނީ އަނާގެ ދެވަނަ ގޯލު ކާމިޔާބުކޮށްފަައެވެ. އެ ގޯލަކީ ތަސްމީން ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެން އޭނާ ޖެހި ގޯލެކެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ބަދަލު ކުޅުންރިއެއްގެ ގޮތުގައި ކުޅެން ނިކުމެ އަބްދުﷲ ޝާފިއު ވަނީ ބުރަށް އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިދީފައެވެ.

އެ މޮޅާއެކު ބުރުން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، އެ ޓީމު އެ މުބާރާތުގެ އެއްވެސް މެޗަކުން އަދި ބަލިވެފައެއް ނުވެއެވެ. މީގެއިތުރުން އެ ޓީމު މިދިޔަ އަހަރު ތިން ވަނަ ޑިވިޝަން ކާމިޔާބު ކޮށްފައި ވަނީ ވެސް އެއްވެސް މެޗަކުން ބަލިނުވެއެވެ.

ކުރިއަށް އެ ޓީމަށް އޮތީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވުމަށް ކުޅޭ ޕްލޭ އޮފް މެޗުތަކެވެ. އެ މެޗުތަކުގައި ކުޅޭނީ ދެވަނަ ޑިވިޝަންގެ ރަނަރަޕް ޓީމު ކުލަބު ޓީނޭޖާއި، މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށް ދިޔަ ދެ ޓީމު ކަމަށްވާ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބެވެ.

comment ކޮމެންޓް