އޮޕް-އެޑް: އިންޑިއާ - ވިދުންގަދަ ޑިމޮކްރަސީއެއް އަދި ގިނަ ޚިޔާލުތަކުގެ މުޖުތަމައެއް

އިންޑިއާގެ 75 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ބޮޑުވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ/ އެސޯސިއޭޓެޑް ޕްރެސް

ތައާރަފު

މީލާދުގެ ފަހުގެ ދެ ހާހެއްހާ އަހަރުގެ ބޮޑުބައެއް އިންޑިއާ ވޭތުކުރީ ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދުގެ ގޮތުގައި، މުޅި ދުނިޔޭގެ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ހިއްސާކުރަމުންނެވެ. އާސާރީ ހެކިތަކުން އެނގޭގޮތުގައި، ގަދީމީ އިންޑިއާގެ އިންޑަސް ވާދީގެ ޙަޟާރާތް ފެށުނީ ޢީސާގެފާނުގެ މީލާދުގެ ކުރިން، ފަސްވަނަ ސާސްކަފުގައެވެ. މެދު ޒަމާނުގެ ދުވަސްވަރުގައި ވެސް އިންޑިއާއިން ވަނީ ވަރުގަދަ ރަސްކަންތަކާއި، އެ ރަސްރަސްކަލުންގެ ދަށުން، އެތައް މިލިއަން މޭލުތަކަކަށް ދެމިގެންވާ ބޮޑެތި ޙަޟާރާތްތައް ދެކިފައެވެ.

މިދިޔަ ސާސްކަފުގެ ފަހު ގަރުނުތަކުގެތެރޭ، އިންޑިއާ ވަނީ އީސްޓް އިންޑިއާ ކޮމްޕެނީގެ ނުފޫޒުގެ ދަށުގައި، 18ވަނަ ގަރުނުން 19ވަނަ ގަރުނަށް، ގަރުނެއްހާ ދުވަސް ހޭދަކޮށްފައެވެ. އެއަށްފަހު، އިންޑިއާގެ މިނިވަންކަމަށް 1957ވަަނަ އަހަރު ކުރި، "ސެޕޯއީ މިއުޓިނީ" ހަނގުރާމައަށް ފަހު، އިނގިރޭސިންނަށް މަޖުބޫރުވީ ސީދާ އިނގިރޭސި ރަސްކަމުގެ ދަށަށް އިންޑިއާ އިތުރު 90 އަހަރަށް ގެންދާށެވެ. އެހެންކަމުން، އިނގިރޭސިވިލާތުގެ ބައެއްގެ ގޮތުގައި، އިނގިރޭސި ރަސްކަމުގެ އެދުންތަކަށް ތަބާވާންޖެހިފައި ދެ ގަރުނެއްހާ ދުވަހު އިންޑިއާ އޮތެވެ. އިނގިރޭސިން އަޅުވެތިކޮށް، އެ ގައުމުތަކުން ފައިދާ ހޯދި ހުރިހާ ގައުމެއްގެ ތެރެއިން ވެސް އިންޑިއާ އަކީ އެންމެ ބޮޑު އަދި އެންމެ މުއްސަނދި ކޮލޮނީއެވެ. އެ ސަބަބާހުރެ، އިންޑިއާއަކީ އިނގިރޭސި ތާޖުގެ ތުއްރަވާހުގެ ގޮތުގައި އޭރު ސިފަކުރެެވުނެވެ.

އެންމެފަހުން، އިންޑިއާ ދޫކޮށް އިނގިރޭސިން ދިޔައީ އިންޑިއަން ސަބްކޮންޓިނެންޓު ތިން ބައެއް ހިމެނޭ ދެ ގައުމަކަށް ބައިކޮށްފައެވެ. އެއީ، އިންޑިއާ، އިރުމަތީ ޕާކިސްތާނު އަދި ހުޅަނގު ޕާކިސްތާނެވެ. އޭރު އިންޑިއާގެ އާބާދީއަކީ 330 މިލިއަނެވެ. އަދި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަކީ 2.7 ޓްރިލިއަން ރުޕީސްއެވެ. އެއީ މުޅިދުނިޔޭގެ ޖީޑީޕީގެ އެންމެ ތިނެއް އިންސައްތައެވެ. ފާއިތުވި ދެހާސް އަހަރު މުޅި ދުނިޔޭގެ އުފެއްދުންތެރި ކަމުގެ ތިންބައިކުޅަ އެއްބައި ހިއްސާކުރި ގައުމުގެ ލޭ، އިސްތިއުމާރީ ބާރުތަކުން އޮހޮރުވާ ހުސްކޮށްލީއެވެ.

މިނިވަން އިންޑިއާ

މިނިވަން އިންޑިއާ ވަނީ 17 މިނިވަން އަދި އިންސާފުވެރި ބަރުލަމާނީ އިންތިޚާބާއި، އެ ގައުމުގެ ހުންގާނުގައި ހިފައި، ގައުމާއި، މުޖުތަމައު އަދި އިގްތިސާދުގެ ކުރިއެރުމާއި، ހަމަޖެހުމާއި، ތަރައްގީއަށްޓަކައި އެ ބޭފުޅުންގެ ދައުރު އަދާކުރެއްވި 15 ބޮޑުވަޒީރުން ދެކެފައެވެ. އިނގިރޭސި ރަސްކަމުގެ ދެ ގަރުނަށް ފަހު، ވީރާނާވެފައިވާ އިންޑިއާ އަލުން އާރާސްތުކުރުމަށްޓަކައި ވަކިވަކި ބޮޑުވަޒީރުން ކުރެއްވި މަސައްކަތަކީ ވެސް ބޮޑު ވާހަކައެކެވެ. މި ވާހަކަތައް އިންޑިއާއާއި، ބޭރުގެ ގިނަ މުސައްނިފުން ކިޔައިދީފައިވެއެވެ.

އިންޑިއާ މިނިވަންވިތާ ފާއިތުވި 75 އަހަރުގެ ތެރޭ އިންޑިއާއިން ވަނީ ފަސް ހަނގުރާމައަކާއި (1948، 1962، 1965، 1971 އަދި 1999)، ގުދުރަތީ އެކި ކާރިސާތަކާއި ބަލިމަޑުކަން ހިމެނޭ އުނދަގޫ، ބައެއް ފަހަރު އުދުވާނީ، ދަތުރެއް ކަޑައްތުކޮށްފައެވެ. އެ ގައުމުގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވި ދެ ބޭފުޅަކު އެ މަގާމުގައި ހުއްޓާ އަނިޔާވެރިގޮތަކަށް ގަތުލުކޮށްފައިވާއިރު، 1965ވަނަ އަހަރުގެ ހަނގުރާމަ ނިންމުމަށް، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގައި ސޯވިއެޓްގެ ޓަޝްކެންޓުގައި ސޮއިކުރެއްވުމަށް ފަހު، ތިންވަނަ ބޮޑު ވަޒީރަކު ވަނީ ގޮތްނޭނގޭ ގޮތަކަށް އަވަހާރަވެފައެވެ. އަދި، 1975ވަނަ އަހަރުން 1977ވަނަ އަހަރަށް ދެމިގެންދިޔަ 21 މަސްދުވަހުގެ ގައުމީ ކުއްލި ނުރައްކަލުގެ މުއްދަތު ފާހަގަކުރެވެނީ އިންޑިއާގެ ތާރީހުގައި ވެސް ޑިމޮކްރަސީއަށާއި، ރައްޔިތުންގެ އަސާސީ ހައްގުތައް މެދުކެނޑި، އާންމު ހާލަތަށް އެރި ބުރޫއެއްގެ ގޮތުގައެވެ.

ހޯދުނު ކުރިއެރުން

އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން ގަންގާ ކޯރުގައި ހިނގާ ފެން ވެސް އިތުރުވި ފަދައެވެ. ނަވާރަސަތޭކަ ފަންސާހުން، ނަވާރަސަތޭކަ ފަންސާސް އެކަކަށް ޒިރާއަތުގެ ދާއިރާއިން ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 56 އިންސައްތަ ހިއްސާކުރިއިރު، ސިނާއީ މަސައްކަތްތަކުގެ ދާއިރާއިން ހިއްސާކުރީ 15 އިންސައްތައެވެ. އަދި، ޚިދުމަތްތަކުގެ ދާއިރާއިން 29 އިންސައްތަ ހިއްސާކުރިއެވެ. އެދުވަސްވަރު، މަސައްކަތްތެރިންގެ އެންމެ ގިނަ ބަޔަކު ދިޔައީ ޒިރާއީ ދާއިރާގައި މަސައްކަތްކުރަމުންނެވެ. އެއީ 72 އިންސައްތަ މީހުންނެވެ. އަދި، އުފެއްދުންތެރިކަމާއި، ޚިދުމަތްތަކުގެ ދާއިރާގައި މަސައްކަތްކުރަމުން ދިޔައީ 10 އިންސައްތައާއި، 18 އިންސައްތައިގެ މަސައްކަތްތެރިންނެވެ. މިއަދު، ޚިދުމަތްކުރުމުގެ ދާއިރާ އިންޑިއާގެ އުފެއްދުންތެރިކަމުގެ 54 އިންސައްތަ ހިއްސާކުރެއެވެ. ސިނާއީ މަސައްކަތްތަކުގެ ދާއިރާ 25.92 އިންސައްތަ މިހާރު ހިއްސާކުރާއިރު، ޒިރާއަތުގެ ދާއިރާއިން ހިއްސާކުރަނީ 20.19 އިންސައްތައެވެ.

މިނިވަންކަމަށް ވިލުނު ރޭ، އިންޑިއާގެ މީހެއްގެ ލައިފް އެކްސްޕެކްޓެންސީ ނުވަތަ ދިރިހުންނާނެ ކަމަށް ނިސްބަތުން ބެލެވުނު އުމުރަކީ 32 އަހަރެވެ. މިހާރު އެ ނިސްބަތް ވަނީ 70 އަހަރަށް މަތިވެފައެވެ. ނަވާރަސަތޭކަ ފަންސާސްވަނަ އަހަރު ވިހޭ ކޮންމެ 1000 ކުއްޖަކުން 145.6 މަރުވިއެވެ. އަދި 1940ގެ އަހަރުތަކުގައި ވިހެއި ކޮންމެ 100،000 ކުދިންގެ ތެރެއިން 2000 ކުދިންގެ މައިން ވިހެއުމުގެ ތެރޭގައި މަރުވިއިރު، 1950ގެ ތެރޭގައި އެ ނިސްބަތް ވަނީ 1000 އަށް ތިރިވެފައެވެ. އޭރު، މުޅި ގައުމުގައި ވެސް ތިބީ އެންމެ 50،000 ޑޮކްޓަރުންނެވެ. އަދި، އަސާސީ ސިއްހީ ފަރުވާދޭ އެންމެ 725 މަރުކަޒެވެ. މިއަދު، ވިހެއުމުގެ ތެރޭގައި މަރުވާ ކުދިންގެ ނިސްބަތް ކޮންމެ 1000/27.7އަށް މަދު ކުރެވިފައިވާއިރު، މަރުވާ މައިންގެ ނިސްބަތް ވަނީ 103/100،000އަށް މަދުކުރެވިފައެވެ. އިންޑިއާގައި މިހާރު 1.2 މިލިއަނަށް ވުރެ ގިނަ ޑޮކްޓަރުން އަންނަނީ ޚިދުމަތް ދެމުންނެވެ. މީގެ އިތުރުން، 54،618 ސަބް-ހެލްތު ސެންޓަރާއި، 21،898 ޕްރައިމަރީ ހެލްތު ސެންޓަރާއި، 4،155 އާބަން ޕްރައިމަރީ ހެލްތު ސެންޓަރު، 2021ވަނަ އަހަރުގެ ޑިސެންބަރުމަހުގެ އަށްވަނަ ދުވަހާ ހަމައަށް ވަނީ ގާއިމުކޮށްފައެވެ. އަމިއްލަ އަދި ސަރުކާރުގެ ހޮސްޕިޓަލުތަކުގެ އަދަދު 70،000އަށް އަރައެވެ. މިއަހަރުގެ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހާ ހަމައަށް 748 އީ-ހޮސްޕިޓަލުގެ އިތުރަށް، 117،771 އަޔުޝްމަން ބާރަތު-ހެލްތު އެންޑެ ވެލްނެސް ސެންޓަރު ސަރުކާރުގެ 'ޑިޖިޓަލް އިންޑިއާ' މަޝްރޫއުގެ ދަށުން ގައުމުގެ އެކި ކަންކޮޅުތަކުގައި ގާއިމުވެ، ހިނގަމުން އެބަދެއެވެ.

ތައުލީމީ ދާއިރާއަށް ބަލައިލާނަމަ، އިނގިރޭސިން އިންޑިއާއިން ފޭބި އިރު، އިންޑިއާގައި 210،000 ޕްރައިމަރީ ސްކޫލާއި، 13،600 މިޑްލް ސްކޫލް އަދި 7،416 ހަޔާ ސެކަންޑަރީ ސްކޫލުގެ އިތުރުން، 498 ކޮލެޖާއި 27 ޔުނިވާސިޓީ ހުއްޓެވެ. މިއަދު އިންޑިއާގައި، 1.6 މިލިއަން ސްކޫލާއި، 42،343 ކޮލެޖާއި، ހާހެއްހާ ޔުނިވާސިޓީ އެބަހުއްޓެވެ. މިހާރު 250 މިލިއަނަށް ވުރެ ގިނަ ކުދިން ސްކޫލުތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ އިރު، 40 މިލިއަނަށް ވުރެ ގިނަ ދަރިވަރުން ޔުނިވާސިޓީތަކުގައި ކިޔަވަމުން އާދެއެވެ.

ދެހާސްވިއްސާއި ދެހާސްއެކާވީސް ވަނަ އަހަރު ތެރޭ އިންޑިއާ ކޮވިޑް-19 ބަލިމަޑުކަމާ ކުރިމަތިލިއިރު އެގައުމުގެ އިގުތިސާދު 7.3 ޕަސެންޓަށް ދަށަށް ދިޔައެވެ. އެއީ ދުނިޔޭގެ އެހެން ބޮޑެތި އިގުތިސާދުތަކަށް ލިބުނު ގެއްލުމާ އަޅާ ބަލާއިރު ކުޑަ ގެއްލުމެއް ކަމުން އެކަމުން އިންޑިއާއަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބެއެވެ. އެންމެ ފަހުގެ އަންދާޒާތަކަށް ބަލާއިރު މިއަހަރު އެ ގައުމުގެ އިގުތިސާދު 8.7 ޕަސެންޓަށް ކުރިއަރާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ގައުމުގެ ގޮތުގައި އިންޑިއާ ބިނާވެފައި ވަނީ ގައުމުގެ ޑިމޮކްރަސީއާއި ގާނޫނީ ވެރިކަމުގެ ވަރުގަދަކަމުންނާއި ތަފާތު ދީންތަކާއި ބަސްތަކާއި ސަގާފަތާއި މޫސުމާއި ތާރީޚާއި ޖިއޯގްރަފީއާއި އިތުރު ގޮތްގޮތުން ވެސް ގައުމު ގުޅިލާމެހިފައިވާ ގޮތުންނެވެ. އިންޑިއާގެ ފުރަތަމަ ބޯހިމެނުން 1951ގައި ކުރިއަށްގެންދިޔަ އިރު އެގައުމުގެ އާބާދީގައި ހިމެނެނީ 305 މިލިއަން ހިންދޫން (އާބާދީގެ 84.1 ޕަސެންޓު)، 35.4 މުސްލިމުން (9.8 ޕަސެންޓު) އަދި 8.3 މިލިއަން ކްރިސްޓިއަނުންނާއި 6.86 މިލިއަން (1.9 ޕަސެންޓު) ސިކުންނެވެ. އެގައުމުގެ މިއަހަރަށް ލަފާކުރެވޭ އާބާދީއަކީ 1090 މިލިއަން ހިންދޫން (79.80 ޕަސެންޓު)، 200 މިލިއަން މުސްލިމުން (14.23 ޕަސެންޓު)، 31.2 މިލިއަން ކްރިސްޓިއަނުން (2.3 ޕަސެންޓު)، 23.7 މިލިއަން ސިކުން (1.72 ޕަސެންޓު)، 9.6 މިލިއަން ބުޑިސްޓުން (0.70 ޕަސެންޓު)، 5.1 މިލިއަން ޖައިނުން (0.37 ޕަސެންޓު) އަދި އެހެން ދީންތަކަށް ތަބާވާ 9.1 މިލިއަން (0.66 ޕަސެންޓު) މީހުންނާއި ވަކި ދީނެއް ހާމަނުކުރާ 3.3 މިލިއަން (0.24 ޕަސެންޓު) މީހުންނެވެ.

އިންޑިއާގައި ދެ މިލިއަން ހިންދޫ ފައްޅިއާއި، މިިހާރު ބޭނުންކުރަމުންދާ 300،000 މިސްކިތާއި، ޖައިނިޒަމްއަށް ހާއްސަ 8،114 ފައްޅިއާއި ބުޑިސްޓުންނާއި އެހެން ދީންތަކުގެ މީހުން އަޅުކަން ކުރަން ހަދާފައި ހުންނަ 165އަށް ވުރެ ގިނަ ތަންތަން ހުރެއެވެ. އިންޑިއާއަށް މިނިވަންކަން ލިބުމާއެކު އެގައުމު ދީނީ ގޮތުންނާއި ސަގާފީ ގޮތުން އަދި ގަބީލާތަކުގެ މައްޗަށާއި ހިންދޫ ދަރިކޮޅުތަކުގެ މައްޗަށް ބައިބައިވެގެންދާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި ނަމަވެސް އެގައުމު މިހާރު އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްވުރެމާ ވަރުގަދަކޮށެވެ.

މުސްތަގުބަލު

ފާއިތުވި 10 އަހަރު ތެރޭ އިންޑިއާގައި ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެ، 2016 ވަނަ އަހަރުން ފެށިގެން އިގުތިސާދީ ކުރިއެރުން ދަށްވި ނަމަވެސް އެގައުމުގެ ޒުވާނުން ކުރީގައި ތިބެގެން، ޓެކްނޮލޮޖީއާއި ޑިޖިޓައިޒޭޝަންއާއި އީޖާދީ ދާއިރާއިން ދަނީ އިންގިލާބެއް ގެންނަމުންނެވެ. އިންޑިއާގެ ސަރުކާރުގެ އާތުމަނިރުބަރު ބަހާރަތު މިޝަން ނުވަތަ އިންޑިއާއަކީ އިތުރު ގައުމަކަށް ބަރޯސާނުވާ ގައުމަކަށް ހެދުމަށް ކުރިއަށްގެންދާ ހަރަކާތްތަކުން އެ މަސައްކަތަށް ވަނީ އިތުރު ބާރެއް ލިބިފައެވެ.

ފާއިތުވި 10 އަހަރުތެރޭ އިންޑިއާގެ އިގުތިސާދަށް އައިސްފައިވާ ބަދަލުތަކާ ބެހޭ ގޮތުން އެނެލިސްޓު ރުޗިރު ޝަރުމާ ހެއްދެވި އެންމެ ފަހުގެ ދިރާސާއިން ވަރަށް މުހިންމު ކަންތައްތަކެއް ހާމަވިއެވެ. އެގޮތުން 2011 ވަނަ އަހަރު އިންޑިއާގައި 55 ބިލިއަނަރުން ތިބިކަމާއި އެމީހުންގެ މިލްކިއްޔާތުގެ އަގު 256 މިލިއަން ޑޮލަރުގައި އޭރު ހުރިކަން ހާމަވިއެވެ. އެއީ އިންޑިއާގެ އޭރުގެ ޖީޑީޕީގެ 13.5 ޕަސެންޓާ އެއްވަރުގެ އަދަދެކެވެ. އޭގެ 10 އަހަރު ފަހުން، 2021ގައި އިންޑިއާގެ ބިލިއަނަރުންގެ އަދަދު 140އަށް އަރައެވެ. އެމީހުންގެ މިލްކިއްޔާތުގެ އަގު 596 ބިލިއަން ޑޮލަރަށް އަރައެވެ. އެއީ ޖީޑީޕީގެ 19.6 ޕަސެންޓާ އެއްވަރުގެ އަދަދެކެވެ. އޭގެ ތެރެއިން 110 މީހުން ބިލިއަނަރުންނަށްވީ ފާއިތުވި 10 އަހަރު ތެރޭގައިކަން ޝަރުމާ ފާހަގަކުރެއްވިއެވެ. އިންޑިއާއަށް މިނިވަންކަން ލިބުނުއިރު އެގައުމަކީ ދުނިޔޭގެ ހަވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. އޭރާ އަޅާބަލާއިރު 2021 ވަނަ އަހަރު އެގައުމުގެ އާބާދީ ހަތަރު ގުނައަށް ވުރެ ވެސް އިތުރުވެފައިވާ އިރު ދުނިޔޭގެ ފެންވަރުގައި ހަމަ އެ މަގާމު ދެެމެހެއްޓުމަކީ އެއީ ކުޑަ ކާމިޔާބީއެއް ނޫނެވެ.

އެ ކާމިޔާބީތަކާއެކު ވެސް އިންޑިއާއަށް މިވަގުތު ބޮޑާވެ، ފަރުވާކުޑަކޮށްލެވެން ނެތެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި:

  1. އިންޑިއާގައި ފަގީރުކަމުގައި ދިރިއުޅޭ މީހުންގެ އާބާދީ ބޮޑުވުން. ވޯލްޑްބޭންކުން ލަފާ ކުރާ ގޮތުގައި ފަގީރުންގެ އަދަދު މުޅި އާބާދީގެ 10 ޕަސެންޓު ކަމަށްވާ 140 މިލިއަނަށް އަރާ.
  2. ގިނަ އަދަދެއްގެ ޒުވާނުން ކޮލެޖުތަކުން މަތީ ތައުލީމު ހާސިލުކޮށް ނިންމި ނަމަވެސް އެމީހުންނަށް ބޭނުންވާ ވަރަށް ރަސްމީ އަދި ނުރަސްމީ ދާއިރާތަކުން ވެސް ވަޒީފާ ނުލިބިދާނެ (2022 ވަނަ އަހަރުގެ އަންދާޒާއަކީ 10.76 މިލިއަން ޒުވާނުން)
  3. އިންޑިއާގެ އަމާޒަކީ ޖީޑީޕީ 10 ޕަސެންޓަށް ވުރެ އިތުރުކުރަން ކަމަށްވީ ނަމަވެސް އެކަމަށް ގައުމުގެ އެތެރެއިންނާއި ބޭރުން ވެސް ހުރަސްތަކެއް ހުރުން

އެފަދަ ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް އިންޑިއާއަށް އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފިދާނެ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި:

  1. އިންޑިއާގެ އާބާދީގެ "މީޑިއަން އުމުރު" 30 އަހަރަށް ވުރެ ދަށްވުން (މީޑިއަން އުމުރަކީ އުމުރުފުރާގެ ތަރުތީބުން އާބާދީ ކުޑައިން ބޮޑަށް އަތުރާލުމަށް ފަހު މެދު އަދަދަކަށް އަންނަ އުމުރެވެ. މީޑިއަން އުމުރު 20 އަހަރާއި 30އަހަރާ ދެމެދު ނަމަ އެކަމުން ދައްކުވައިދެނީ އާބާދީއަކީ ޒުވާން އާބާދީއެއްކަން)
  2. ގައުމު ހިންގުމަށް އިސްކަންދޭ، ވަރުގަދަ ސަރުކާރެއް އޮތުން
  3. އިންޑިއާއަކީ ކުރިއަރަމުންދާ މާކެޓެއް
  4. އީޖާދީ ވިސްނުން ގެންގުޅޭ ޒުވާނުން ތިބުން

އިންޑިއާއިން އެގައުމުގެ އުމްރާނީ ތަރައްގީ ވަރުގަދަކޮށް، މުޖުތަމައުގެ އެއްބައިވަންތަކަން ދަމަހައްޓައި، ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒު ކުރުމުގައި އެއްހަމައެއް ހިފަހައްޓާނަމަ ކުރިއަށް އޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ޔަގީންކުރެވޭނެއެވެ.


ނޯޓް: މިއީ އިންޑިއާގެ 76 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ޑިޕްލޮމެޓެއް ކަމަށްވާ އޭ.އާރު. ގަނަޝްޔަމް ލިޔުއްވި އެޑިޓޯރިއަލްއެއްގެ ތަރުޖަމާއެކެވެ. މިހާރު ރިޓަޔާ ކުރައްވާފައިވާ ގަނަޝްޔަމް ވަނީ އިންޑިއާއިން އެންގޯލާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމާއި ނައިޖީރިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަން ކުރައްވާފައެވެ.

comment ކޮމެންޓް