ޖުލައި މަހު ރޯޔަލްޓީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބުނު: ކަސްޓަމްސް

ކަސްޓަމްސް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުލައި މަހު ރޯޔަލްޓީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން މިއަދު އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2021 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 56 އިންސައްތަ ވަނީ އިތުރުވެފައެވެ.

ކަސްޓަމްސް އިން ބުނީ 2021 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް 2.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި އަދަދުވަނީ 4.3 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށެވެ.

މިދިޔަ ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 31 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ ޖުލައި މަހު 241 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި އަދަދުވަނީ 316 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރެވެ. އޮމާން އިން 797 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 698 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޔޫއޭއީ އިން 550 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ޗައިނާ އިން 493 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 343 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ކަސްޓަމްސް އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން އެކްސްޕޯޓު ކޮށްފައިވާ ޖުމްލަ އަދަދުގެ 27 އިންސައްތަ ޖަރުމަނުވިލާތަށް އެކްސްޕޯޓު ކޮށްފައިވާއިރު އިނގިރޭސިވިލާތަށް 23 އިންސައްތަ، މޮރިޝަސް އަށް 16 އިންސައްތަ، ބަންގްލަދޭޝް އަށް ހަތް އިންސައްތަ އަދި އިންޑިއާ ފަސް އިންސައްތަ މުދާ ވަނީ އެކްސްޕޯޓު ކޮށްފައެވެ.

comment ކޮމެންޓް