އިސްލާމް ދީނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ގދ. ތިނަދޫ، މުހައްމަދު ރުސްތުމް މުޖުތަބާ ހަތަރު މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރި ނަމަވެސް މިނިވަން ވެއްޖެއެވެ.
ރުސްތުމްގެ މައްޗަށް އުފުލާފައިވަނީ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރިކަމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
ތަހުގީގު މަރުހަލާގައި ރުސްތުމް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އެއްބަސްވެ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ވެސް ވަނީ އެ އިއުތިރާފް ދަމަހައްޓާފައެވެ.
އެހެން ކަމުން އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ރުސްތުމްގެ އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލް ވިދާޅުވީ, ގާނޫނުގައި އޮންނަ ގޮތުން ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގެ އަދަބެއްގެ ގޮތުން ދެވޭނީ ހަތަރު މަހާ 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. ނަމަވެސް ރުސްތުމް ކުށަށް އިއުތިރާފްވެފައިވާތީ އެ އަދަބު ތިން މަހާއި 18 ދުވަހަށް ދަށްވާނެ ކަމަށެވެ.
އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތިވާނަމަ އެއް މަހާ ހަ ދުވަހުގެ ޖަލު ހުކުމެއް އަންނައިރު އެ ކުށަށް އިއުތިރާފްވުމުން ޖަލު އަދަބު 27 ދުވަހަށް ކުޑަ ކުރެވޭނެ ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.
ރުސްތުމް ކުށަށް އިއުތުރާފް ވެފައިވާތީ އެ އަދަބު ބޮޑު ކުރުމަށް ދައުލަތުގެ ވަކީލުން އެދިފައެއް ނުވެއެވެ.
މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ހުކުމް އިއްވާފައިވަނީ ދައުލަތުން އެދުނު ގޮތަށް ކުޑަ އަދަބެކެވެ. އެގޮތުން ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގެ އަދަބެއްގެ ގޮތުން ތިން މަހާއި 18 ދުވަސް އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި 13 ދުވަހަށް ރުސްތުމް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެހެން ނަމަވެސް އެ ހުކުމް ތަންފީޒުކުރަން އޭނާ އަލުން ޖަލަށް ދާކަށް ނުޖެހޭނެއެވެ. އެއީ އެ މައްސަލައިގައި ތަހުގީގު މަރުހަލާގައި އޭނާ ހަ މަސް ދުވަހު ޖަލުގައި ހޭދަކޮށްފައިވާތީއެވެ. އަދި އެކަން ގާޒީ މިސްބާހު ވެސް ވަނީ ވިދާޅުވެފައެވެ.
ރުސްތުމް އެންމެ ފުރަތަމަ ހައްޔަރު ކުރީ ކުރި ޓްވީޓަކާ ގުޅިގެންނެވެ. ދީނާ ދެކޮޅު އެއްވުމެއް ތިނަދޫގައި ބާއްވައި އަދި ޒުވާނުންނަށް ދީނާ ދެކޮޅު ވާހަކަތައް ކިޔައިދޭނެ ކަމަށް އޭނާ ކުރި ޓްވީޓްގައިވެއެވެ. އަދި ދީނާ ދެކޮޅަށް ކުރާ މަސައްކަތް އޭނާ ފާޅުގައި ފެއްޓީ ކަމަށް ވެސް އޭނާ ކުރި ޓްވީޓުގައިވެއެވެ.