ވިލުފުށީ ތާރީޚީ އާސާރުތައް ހަލާކުވަނީ، ރައްޔިތުންގެ ކަންބޮޑުވުން

ދެހާސް ހަތަރުވަނަ އަހަރުގެ ސުނާމީ ކާރިސާގައި ވިލުފުށީގައި މީހުން ދިރިއުޅެމުންދިޔަ ގެތަކުގެތެރެއިން ނުވަދިހަ އިންސައްތަ ގޭގެ ބިމާ ހަމަވިއިރުވެސް ރަށުގެ އާސާރީ މިސްކިތަށް ގެއްލުމެއް ނުވެއެވެ. 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެ މިސްކިތް އަދިވެސް އެ ރަށުގައި އެބަހުއްޓެވެ. އެހެން ނަމަވެސް މިހާރު އެ މިސްކިތްވަނީ މަރާމާތުކުރަން ޖެހިފައިފައެވެ. އެއީ މިއަދު ވިލުފުށީގެ ތާރީހީ އާސާރުތަކުގެ ތެރެއިން ފެންނަންހުރި ހަމައެކަނި ތަނެވެ. އެ މިސްކިތުގެ ތެރޭގައި ޒިޔާރާތެއް ހުރެއެވެ. އެ ޒިޔާރާތުގެ ފުރާޅާއި މަތިވަޑާންގަނޑު ސުނާމީގައި ވަނީ ވެއްޓިފައެވެ. އޭގެ ފަހުން އެތަނަށް އެއްވެސް މިންވަރަކަށް އަޅައިލެވިފައެއް ނުވެއެވެ.

ކުރިން ޒިޔާރާތަށް ވަރަށް ބޮޑަށް އިޙްތިރާމެއް ބެހެއްޓެވި އަދި ވިލުފުށީގައި ހުރި އެންމެ ދުވަސްވީ އެކަކު ކަމުގައިވާ ހުސައިން އަފީފް ކިޔައިދިން ގޮތުގައި މިއީ ކުރިން ވަރަށް ރަނގަޅަށް ބަލަހައްޓަމުންދިޔަ ޒިޔާރަތެކެވެ. އެ ޒިޔާރާތުގެ އަހަރީ ދުވަހު މިސްކިތާއި ޒިޔާރަތް ހުންނަ، "މިސްކިތް މަގު"ގައި އެކީއެކައްޗަކަށް ދިދަޖަހައެވެ. އަދި ރަށުގެ ރައްޔިތުންނަށް އެ ދުވަހު ބޮޑުކޭން ކައްކާ ކަމުގައި އަފީފް ކިޔައިދިނެވެ.

"ވެރިކަމުގެ ފަރާތުން އެދުވަހުގަ ބަލާނެ ދޯންޏެއް އެއްޗެއްގެ ރިޔަލުގެ ކަނެއްވެސް ފެނޭތޯ. ދޯންޏެއްގެ ރިޔާ މި ދިމާއަށް ހުރިއްޔާ، އެ ދޯންޏެއް އައި އިރަކުން ނޫނީ ކޭން ނުފެށޭނެ. އިރުއޮއްސުމުގެ ކުރިން އަންނާނެހެން ހީވަންޏާ،" އޭނާ ކިޔައިދިނެވެ.

އެ ކަންކަމަށް ވެސް އޭރު ރަށުގެ ވެރިން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމުގައި އަފީފް ފާހަގަކުރިއެވެ. އެ މިސްކިތުގެ ގޯތި ތެރޭގައި ގަބުރުސްތާނެއް އޮވެއެވެ. އެ ގަބުރުސްތާނާ ޖެހިގެން އޮންނަ މަގަކީ "ގައުކޮށިމަގު" ކަމަށް އަފީފް ކިޔައިދިނެވެ.

"އެ މަގަކީ އެއީ މި މިސްކިތް ހަދަން ގައު އަރުވައިގެން އެ ގައު ކޮށާ ހެދި މަގު. ގަލުން މިހުރީ މިސްކިތް ވެސް ހަދާފައި،" އަފީފް ކިޔައިދިނެވެ.

ވިލުފުށީ ޒިޔާރަތުގެ މަތިން ނަގާފައިވާ ފޮޓޯއެއް: ސުނާމީގައި އެ ޒިޔާރަތް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވަގުތުގަލެއް ބެހެއްޓި، މިސްކިތް ހުރީ ގިބުލައަކަށް ނޫން

ނަމާދު ވަގުތުތައް ބެލުމަށް ވަގުތު ގައު މިސްކިތްތަކުގެ ކައިރީގައި ބަހައްޓައިފައި ހުރެއެވެ. މާލޭ ހުކުރު މިސްކިތުގައި މިހާރު ވެސް ވަގުތު ގަލެއް އެބަހުއްޓެވެ.
ވިލުފުށީގެ މި އާސާރީ މިސްކިތް ކައިރީގައި ވެސް ވަގުތު ގަލެއް ބެހެއްޓިއެވެ. ނަމަވެސް އެވަގުތުގަލުގެ، ވަގުތު ބެލުމަށް ލޮއެ އިން ހަދާފައިވާ ބައި ސުނާމީއަށްފަހު ވަނީ ގެއްލިފައެވެ.

މިސްކިތް ކައިރީގައި ވެވެއް ހުރޭ، އެވެވު މިހާރު ފެންނާކަށް ނެތް!

ވިލުފުށީގެ މި ދުވަސްވީ މިސްކިތުގެ ކައިރީގައި ކުރިން ވެވެއް ހުރެއެވެ. ނަމަވެސް މިއަދު އެ ވެވެއް ފެންނާކަށް ނެތެވެ. އެހެންނަމަވެސް އެވެވު ހުރިތަނުގެ އަޑީގައި ވެވުގެ ހިރިގަލު ވަޑާމުގެ ބައިތައް ހުންނާނެކަމަށް ރަށުގެ ދުވަސްވީ ބައެއް މީހުންގެ ވާހަކަތަކުން ބެލެވެއެވެ. އެ ވެވަކީ ހިރިގަލުން ހަދައިފައިވާ ވެވެކެވެ. ވެވުގެ އަޑީގައި ވެސް ހުންނާނީ ހިރިގާ ކަމުގައި އަފީފް ކިޔައިދިނެވެ.

"އެ ވެވު ދިޔަހިއްކާން ވީމާ ވެސް ރައްޔިތުންނަށް ގޮވާނެ. ގޮވީމާ ރައްޔިތުން އައިސް އޭގެ ހަތަރު ފަރާތުން ދިޔަދޯލި، އެއްކަލަ ފެންއެޅީމަ ފެން ދާ ގޮތަށް ޓިނު ޖަހައި ދިޔަދޯއްޔެއްހެން ހަދައި، ހަތަރު ފަރާތުން ހަތަރު ދިޔަދޯލި ހަދައި. ދެން ރައްޔިތުން ފަށާނީ،" އަފީފް ކިޔައިދިނެވެ.

ދިޔަހިއްކުމުގައި ވެސް އޭރު އެރަށު ރައްޔިތުން އިސްކުރީ އެއްބައިވަންތަކަމެވެ. އެއީ އެއްވެސް އަގަކަށް، ނުވަތަ އުޖޫރައަކަށް އެމީހުން ކުރާ ކަމެއް ނޫނެވެ. ހަތަރު ބަޔަށް ބަހައިލައިގެން ދިޔަ ހިއްކާ ނިންމާލާނީ އަންބާ ކިޔަމުންނެވެ. ބައްޔެއް ފެތުރުނަސް، މަސް ނުބޭވުނަސް ޒިޔާރަތުގައި ކިޔަވާ އިހު ޒަމާނުގައި ގެންގުޅޭ ގަބޫލުކުރުންތައް މިޒަމާނުގެ ގަބޫލުކުރުންތަކާ ވަރަށް ތަފާތެވެ. އޭރު ވިލުފުށީގައި ބައްޔެއް ފެތުރުނު ކަމުގައި ވިޔަސް، އަދި މަސް ނުބޭވުނު ކަމުގައި ވިޔަސް ޒިޔާރާތް ދޮށުގައި ކިޔަވާނެއެވެ.

"މަސް ނުބޭވިއްޖިއްޔާ ކެޔޮޅުންނާ އެންމެން އެއްކޮށްފަ ބުނާނެ، ހިނގާށޭ މަސްވެރިކަމަށް ކިޔަވަމާ. މި ޒިޔާރަތު ދޮށަށް އަންނާނީ," އަފީފް ކިޔައިދިނެވެ.

އެއަށްފަހު ރަށުގައި އޮންނަ ކޮންމެ ދޯންޏަކަށް ކަންދޫރީ ކައްކަން އަންގައިގެން ޒިޔާރާތް ކައިރީގައި އުނދުން ޖަހައިގެން ކަންދޫރީ ކައްކައެވެ. އެއަށްފަހު ހުރިހާ ރައްޔިތުން ގޮވައިގެން މުދިން ކަލޭފާނު ޒިޔާރާތް ދޮށުގައި ފާތިހާ ކިޔެވުމަށްފަހު އެ ކަންދޫރީ ކައެވެ.

"ތިން ދުވަހު އެހެން ހަދާފަ، ދެން މުދިންކަލޭފާނު އަންގާނީ މަހަށް ދާށޭ. ދެން މަހަށް ދިޔައީމަ މަސް ވެސް ހަމަ ވަރަށް ރަނގަޅަށް ބޭނޭ. އިހު ޒަމާނު ހަމަ އެގޮތަށް އޮންނަނީ،" އަފީފް އެ ހަނދާންތައް އާ ކުރިއެވެ.

ވިލުފުށީ އާސާރީ މިސްކިތް މިހާރު ހުރިގޮތް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި ޒިޔާރަތަށް ނަދުރު ބުނެ ވެސް އުޅޭ!

ކުޑައިރު މަޅިފަތި ޖަހައިގެން ދޫނި ހިފަން އުޅުނުއިރު، ދޫނި ނުހިފެންޏާ މިސްކިތްމަގު ކޮޅުން އުނގަށް ދޮންވެލި އަޅައިގެން ގޮސް ޒިޔާރާތް ކައިރީގައި އޮންނަ ދޮންވެލި ފަސްފުންޏަކަށް އޮއްސާލައެވެ.

އެއީ ދޫނި ހިފޭތޯ ނަދުރު ބުނުމުގެ ގޮތުން ކުރިން ކޮށް އުޅުނު ކަންކަން ކަމުގައި އަފީފް ކިޔައިދިނެވެ. އެ ނޫނަސް ބޮޑެތި ކަންކަމުގައި ވެސް މީހުން އެ ޒިޔާރަތަށް ނަދުރުބުނެ އުޅުނެވެ. ރަނާއި ރިހި ވެސް ޒިޔާރަތަށް އޭރު މީހުން ނަދުރު ބުނެފައި ވެދުން ކުރެއެވެ. އަނެއް ބަޔަކު ޒިޔާރަތުގައި ދިދަ ޖަހައެވެ. އިހު ޒަމާނުގައި ޒިޔާރަތުގެ ކައިރީގައި "ތިލަފަތެއް" ހުއްޓެވެ. އެއީ ދިވެހީންގެ އާދަކާދައިގެ ތެރެއިން އާޝޫރާ ދުވަހު ނަދުރު ބުނެގެން ކަންޖާ އަޅާކިރާފައި އެކަނދީން ޞަދަގާތް ދީ ކޮށް އުޅުނު ކަމެކެވެ.

"ކުދިން ކިރާފައި އެ ކަނދި ބަލައި މީސް މީހުން އަންނާނެ މިތަނަށް،" އަފީފް ކިޔައިދިނެވެ. އަފީފް ކިޔައިދިން ގޮތުގައި މިސްކިތް ހުރީ ގިބުލައަށް ނޫންކަން އެނގުމުން ރަށުގެ ވެރިން މާލޭން މީހަކު ގެނެސްގެން މިސްކިތް ތެރޭގައި ގިބުލައަށްވާހެން ނަނު ދެމިއެވެ.

ކައުންސިލްގެ އަމާޒަކީ އެތަންތަން މަރާމާތުކުރުން!

ވިލުފުށީ ކައުންސިލްގެ ރައީސް ހުސައިން ޖަބީން "ސަން"އަށް ވިދާޅުވީ ސުނާމީގައި ވިލުފުށީގެ 90 ޕަސެންޓް ހަލާކުވެދިޔަ ކަމަށެވެ. އަދި ހަލާކުނުވެ ހުރި މަދު ތަންތަނުގެ ތެރޭގައި މިސްކިތް ހިމެނޭ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް މިސްކިތް ކައިރީގައި ހުރި ޒިޔާރަތަށް ގެއްލުން ވެފައި ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ޒިޔާރަތަށް ވަންނަ ގޭޓާއި އެތަނުގައި ހުރި ކިޔަވާގެ ވެއްޓިފައި ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުޑައިރު އެތާ ހުރޭ ކިޔަވާގެއެއް. އެ ގެ ހުރީ ވެއްޓިފައި،" ޖަބީން ވިދާޅުވިއެވެ.

ޒިޔާރަތުގެ މަތިވަޑާންގަނޑާއި ފުރާޅު ވެއްޓިފައި އޮތުމަކީ ކައުންސިލްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި އެތަން މަރާމާތު ކުރުމަކީ އަލަށް ހަވާލުވި ކައުންސިލްގެ ވަރަށް ބޮޑު އަމާޒެކެވެ.

ވިލުފުށީ އާސާރީ މިސްކިތް މިހާރު ހުރިގޮތް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"ތާރީޚް ދެއްކެން އަޅުގަނޑުމެންނަށް އޮތް ހަމައެކަނި ވަސީލަތަކީ މިސްކިތާއި ޒިޔާރަތް. އެހެންވީމަ ވަރަށް މުހިންމުކަމެއް އަޅުގަނޑުމެންގެ ކުރިއަށް އަންނަ ޖީލުތަކަށް އަދި ފަތުރުވެރިކަމަށް ވެސް މިތަނުގެ އަސްލު ނުގެއްލޭ ގޮތަށް މިތަން ދެމެހެއްޓުމަކީ،" ޖަބީން ވިދާޅުވިއެވެ.

ސުނާމީގައި ޒިޔާރަތަށް ގެއްލުންވި ފަހުން އެތަން މަރާމާތު ކުރުމަށް މާ ބޮޑު މަސައްކަތްތަކެއް ކުރެވިފައެއް ނެތެވެ. އެހެން ނަމަވެސް މިހާރު އެކަމަށް ވަރަށް ބޮޑަށް އަމާޒު ހިފައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން މިސްކިތް މަރާމާތުކުރަން ކުރި މަސައްކަތުގެ ތެރެއިން މިސްކިތުގެ އަސްލު ނުގެއްލޭނޭހެން ކުރެހުމަކާއި ބީއޯކިއުއެއް ތައްޔާރު ކޮށްފައިވާނެ ކަމުގައި ޖަބީން ވިދާޅުވިއެވެ.

"އެ ކުރެހުން އަސްލަކަށް ބަލައިގެން މިނިސްޓްރީން ކުރިއަށް ދާން ބޭނުންވަންޏާ އަޅުގަނޑުމެން މަޝްވަރާ މިކުރަނީ، އެ ކުރެހުމާ އެއްގޮތަށް މިތަން މަރާމާތު ކުރަން،" ޖަބީން ވިދާޅުވިއެވެ.

ސަގާފީ ތަރިކައިގެ ގޮތުގައި ފެންނަން ހުރި ހަމައެކަނި ތަނަކީ މިސްކިތާއި ޒިޔާރަތަށް ވާއިރު އެ ދެތަން މަރާމާތުކޮށް ހިމާޔަތް ކުރެވުމަކީ ވިލުފުށީ ރައްޔިތުން އެދޭ އެދުމެކެވެ. އަދި މިފަދަ އަސާރީ ތަންތަނަކީ، ކަމާގުޅޭ މިނިސްޓްރީގެ ފުރިހަމަ ބެލެހެއްޓުމުގެ ދަށުން މެނުވީ އެއްވެސް ބަދަލެއް ނުވަތަ މަރާމާތެއްވެސް ކުރެވޭނެ ތަންތަނެއްވެސް ނޫނެވެ. ކުރިއަށް އޮތްތަނުގައި ރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމުގެ އުއްމީދު ރައްޔިތުންގެ މެދުގައި އޮތްއިރު، ސަގާފީ ތަރިކައަކީ ފަތުރުވެރިކަމަށް މުހިންމު އެއްޗެއްގެ ގޮތުގައި އެ ރަށު ރައްޔިތުން ދެކެއެވެ.

comment ކޮމެންޓް