ސަލްމާން ރުޝްދީގެ ހާލު ވަރަށް ދެރަ، އޭނާ ވެންޓިލޭޓަރުގައި މަރާ ހަނގުރާމަ ކުރަނީ

ސަލްމާން ރުޝްދީ

ނިޔުޔޯކް (13 އޮގަސްޓް 2022): ކިރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް މަލާމާތްކޮށް ފުރައްސާރަ ކުރުމުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުގެ ހަމްދަރުދީ ލިބިފައިވާ އިނގިރޭސިވިލާތުގެ ލިޔުންތެރިޔާ ސަލްމާން ރުޝްދީ ގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާ އޮތީ ފުރާނައާ ހަނގުރާމަ ކުރާ ހާލުގައި ވެންޓިލޭޓަރުގައި ކަމަށް ބައިނަލްއަގްވާމީ މީޑީއާ ރިޕޯޓްތައް ބުނެފިއެވެ.

އިތުބާރުހުރި މަސްދަރަކާ ހަވާލާދީ ރޮއިޓާސްއިން ބުނާ ގޮތުގައި ސަލްމާން ރުޝްދީ އޮތީ ނިޔުޔޯކްގެ ހޮސްޕިޓަލެއްގައި ވެންޓިލޭޓަރުގައެވެ. އޭނާގެ ކަރާއި މޭމަތީގެ 12 ނޫނީ 15 ވަރަކަށް ތަނަށް ވަޅިން ހަމަލާދީފައިވާއިރު ޒަޚަމްތައް ވަރަށް ފުނެވެ. އެހުރިހާ ޒަޚަމްތަކެއް ފަހައި ބޭސްއަޅައި ބެންޑޭޖްކުރަން އެތައް ގަޑިއިރެއް ހޭދަކުރަން ޑޮކްޓަރުންނާއި ނަރުހުންނަށް ޖެހުނު ކަމަށާއި ރުޝްދީގެ ހާލު ވަރަށް ސީރިއަސް ކަމަށް ރޮއިޓާސްއިން ބުނެއެވެ.

ސަލްމާން ރުޝްދީ ގެ ގަޔަށް ވަޅިޖެހުމުން އޭނާ އަށް ފަރުވާދޭން ހޮސްޕިޓަލަށް ގެންދަނީ

އިންޑިއާ ދަރިކޮޅުގެ މީހެއްކަމަށްވާ ސަލްމާން ރުޝްދީ ކިރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް މަލާމާތްކޮށް ފުރައްސާރަ ކޮށްފައިވަނީ 1989 ވަނަ އަހަރު އޭނާ ނެރުނު ވާހަކައެއްކަމަށްވާ "ސަޓަނިކް ވާސަސް" ގައެވެ.

އެ ވާހަކާގައި ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އާއި އެކަލޭގެފާތުގެ ތާހިރު އަނބި އަނބިކަނބަލުންނާ ގުޅުވައިގެން ސަލްމާން ރުޝްދީ ހަދާފައިވާ ބޮޑެތި ދޮގުތަކާއި ކޮށްފައިވާ މަލާމާތާއި ފުރައްސާރައިގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުން އޭނާއާ ދެކޮޅަށް އުތުރިއަރައި އޭނާ މަރާލުމަށް ގޮވާލައި މުޒާހަރާތައް ކުރިއެވެ.

އަދި އީރާނުގެ ވެރިކަމުގައި އޭރު ހުންނެވި އެގައުމުގެ ރޫޙީ ޒައީމް އަދި އީރާނުގެ އިސްލާމީ އިންގިލާބުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޚުމައިނީވަނީ ސަލްމާން ރުޝްދީއަކީ ފެންނަ ކޮންމެ ތަނަކުން މަރާލަންޖެހޭ މީހެއްކަމަށް ވިދާޅުވެ އޭނާގެ ލޭ ހުއްދަ ކުރުމުގެ ދީނީ ފަތުވާއެއް ނެރުއްވާފައެވެ.

އާޔަތުﷲ ޚުމައިނީ

އެފަތުވާ އާ ގުޅިގެން އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ހުޅަނގުގެ ބާރުތަކުން އީރާނަށް ބިރުދައްކައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް އެދުވަސްވަރު އީރާނުން ވަނީ ފަތުވާ ތަންފީޒު ކުރުމާގެން ކުރިއަށްދާނެކަން ހާމަކޮށްފައެވެ. ޚުމައިނީގެ ވެރިކަމުގައި އީރާނުގެ އޭރުގެ ސަރުކާރުން ސަލްމާން ރުޝްދީގެ ބޮލަށް 3.3 މިލިއަން ޑޮލަރުގެ އިނާމެއް ވެސް ހުށަހެޅިއެވެ.

ނަމަވެސް 1989 ވަނަ އަހަރުގެ ޖޫންމަހު ޚުމައިނީ އަވަހާރަވެ އީރާނުގެ ވެރިކަމަށް ބަދަލުތައް އައުމުން އީރާނުންވަނީ ޚުމައިނީގެ ފަތުވާ ތަންފީޒުކޮށް ސަލްމާން ރުޝްދީ މަރާލަން އީރާން ސަރުކާރުން ރަސްމީ ސިފައެއްގައި ދެން މަސައްކަތް ނުކުރާނެކަން ހާމަކޮށްފައެވެ.

ޚުމައިނީއަކީ އީރާނުގެ މިހާރުގެ ވެރިންނާ އަދި ދީނީ ލީޑަރުންނާ އަޅާބަލާއިރު ދީނީ ކަންކަމުގައި ވެސް އަދި ސިޔާސީ ކަންކަމުގައި ވެސް ވިސްނުން ވަރަށް ހަރުކަށި ބޭފުޅެކެވެ. ޚުމައިނީއަކީ އީރާނުގެ އިންގިލާބީ ލީޑަރުކަމަށްވާތީ އޭނާގެ ފަތުވާ އުވާނުލާނެކަމަށް އީރާނުން ބުނެފައިވެއެވެ. އެހެންކަމުން މިހާތަނަށްވެސް އެފަތުވާ އޮތީ އެގޮތުގައެވެ.

1989 ވަނަ އަހަރު ސަލްމާން ރުޝްދީ އާ ދެކޮޮޅަށް ދުނިޔޭގެ ގައުމުތަކުގައި މުސްލިމުން ކުރި މުޒާހަރާތަކުގެ ތެރެއިން

ނަމަވެސް ފަތުވާ ތަންފީޒުކުރަން ރަސްމީ ސިފައެއްގައި މަސައްކަތް ނުކުރާނެކަން އީރާނުން ހާމަކުރުމުން އެފަތުވާއާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން އީރާނާދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއި ފިއްތުންތައްވަނީ އުވާލާފައެވެ. ނަމަވެސް ކޮންމެވެސް ފަރާތަކުން ޚުމައިނީގެ ފަތުވާ ތަންފީޒުކޮށް ސަލްމާން ރުޝްދީ މަރާލަފާނެކަމުގެ ބިރު އޮތްކަމަށް ބުނެ އެތައް އަހަރެއްވަންދެން އިނގިރޭސިވިލާތުން ގެންގުޅުނީ ސަލްމާން ރުޝްދީ ފޮރުވައިގެންނެވެ.

ދެން ގެންގުޅުނީ އާދަޔާ ޚިލާފަށް އޭނާއަށް ރައްކާތެރިކަން ދީ ހިމާޔަތް ކޮށްގެންނެވެ. ނަމަވެސް މި އާދަޔާ ޚިލާފު ހިމާޔަތާއި ރައްކާތެރިކަން އިނގިރޭސި ސަރުކާރުން ދޫކޮށްލުމުން އާދައިގެ ދިރިއުޅުމެއްގައި ސަލްމާން ރުޝްދީ އުޅޭތާ މިހާރުވަނީ އަހަރުތަކެއް ވެފައެވެ.

އުމުރުން މިހާރު 75 އަހަރު ވެފައިވާ ސަލްމާން ރުޝްދީ ގެ ގަޔަށް މީހަކު ވަޅިޖެހީ ނިއު ޔޯކްގެ އަދަބީ މަރުކަޒެއްގައި ލެކްޗާ އެއްދޭން ތައްޔާރުވަމުން ދަނިކޮށެވެ. ސަލްމާން ރުޝްދީއަށް ހަމަލާދިން މީހާ ހައްޔަރުކޮށް ތަހްގީގު ހިންގަމުންދާ ތަހުގީގާ ގުޅޭގޮތުން ނިޔުޔޯކުގެ ފުލުހުން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ. އެހާދިސާއާ އީރާނާ ގުޅުވާފައެއްވެސް ނުވެއެވެ.

ސަލްމާން ރުޝްދީ ކީރިތީ ރަސޫލާ މުހައްމަދު (ސޢވ) އަށް ފުރައްސާރަކޮށް ނެރުނު ވާހަކަ ކަމަށްވާ "ސެނަޓިކް ވާސަސް" ޖަޕާން ބަހަށް ތަރުޖަމާ ކުރި ޖަޕާން މީހެއްކަމަށްވާ އިގަރަޝީ ހިޓޯޝީ ވަނީ 1991 ވަނަ އަހަރު މީހަކު ވަޅިން ހަމަލާދީ މަރާލާފައެވެ. އެހާދިސާއާވެސް އީރާނާ ގުޅުވާފައެއް ނުވެއެވެ. ހިޓޯޝީ ގެ ގަޔަށް ވަޅިޖެހި މީހާވަނީ ފިލާފައެވެ.

comment ކޮމެންޓް