އެފްއޭ ކަޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް އެ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިރޭ ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު މާޒިޔާއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ވަނީ ފެނިފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލީޑު ނެގީ މާޒިޔާއިންނެވެ. އެ ގޯލަކީ މެޗުގެ 15 ވަނަ މިނެޓުގައި މާޒިޔާގެ ހަމްޒާ މުޙައްމަދު ޔޫވީގެ އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް އެ ޓީމުގެ އަކްރަމް އަބްދުލްޣަނީ ބޮލުން ގޯލުގެ މަތީ ކަނަށް ޖަހައިގެން ޖަހައިފައިވާ ގޯލެކެވެ.
ނަމަވެސް އޭގެ ހަ މިނެޓުފަހުން ޔޫވީއިން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ޔޫވީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް މާޒިޔާގެ ގޯލްކީޕަރު ކިރަން ކުމާރު ކައިރިން ނައްޓާލުމަށްފަހު ޖަހައިފައިވާ ގޯލެކެވެ.
އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފުގައި މާޒިޔާގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ އެ ހާފުގައި ދެ ގޯލު ޖަހައިފައެވެ.
މާޒިޔާގެ ދެވަނަ ގޯލު ޖަހައިފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަންއެވެ. އަދި އެ ޓީމުގެ ތިންްވަނަ ގޯލު ޖަހައިފައިވަނީ އެ ޓީމުގެ ހަމްޒާއެވެ. އެ ގޯލު އޭނާ ޖަހައިފައިވަނީ މެޗުގެ 82 ވަނަ މިނެޓުގައެވެ.
އެ ނަތީޖާއާއެކު މާޒިޔާ ވަނީ އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ކުއާޓާގެ އެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00ގައެވެ. ސެމީ ފައިނަލްގެ އެ މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅޭނެ ޓީމެއް ކަށަވަރުވާނީ މާދަމާ ހަވީރު ކުލަބް ގްރީންސްޓްރީޓްއާއި ޓީސީ ސްޕޯޓްސް ކުލަބް ބައްދަލުކުރާ މެޗުންނެވެ.
މިއަދު ހަވީރު ކުޅުނު އެފްއޭ ކަޕްގެ މެޗުގައި ބިސްބުރު ބަލިކޮށް ސަސް ވެސް ވަނީ ސެމީ ފައިނަލަށް ގޮސްފައެވެ. އެ ޓީމު ސެމީގައި ބައްދަލުކުރާނީ ކްލަބް އީގަލްސްއާއެވެ. އެ ދެ ޓީމު ބައްދަލުކުރާ ސެމީ ފައިނަލްގެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00ގައެވެ.