ރ. ރަސްގެތީމުގައި ދެ އަންހެނުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ގޮސް ކަނޑަށް ވެއްޓިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭގެ 11:30ހާއިރުއެވެ.
ރަސްގެތީމުން "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ އެ ދެ އަންހެނުން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލް ކޮންޓްރޯލް ނުވެ، ގޮސް ވެއްޓުނީ އެރަށުގެ ޓީ ޖެޓީން ބޭރު ކަނޑަށް ކަމަށެވެ. އަދި ކަނޑަށް ވެއްޓުނު ސައިކަލް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަކު އެ ސައިކަލް އަދިވެސް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

ސައިކަލް ކަނޑަށް ވެއްޓުނު ޓީ ޖެޓީ --
އޭނާ ބުނީ ކަނޑަށް ވެއްޓުނު ދެ އަންހެނުން ސަލާމަތް ކުރީ އެ ވަގުތު މަސް ބާނަން ޖެޓީ މަތީގައި ތިބި ހަތަރު ފިރިހެނުން ކަނޑަށް ފުންމާލައިގެން ގޮސް ކަމަށެވެ.
"ނަސީބަކުން އެ ކުދިންނަށް އަނިޔާއެއް ނުވެ. ނަމަވެސް އެ ކުދިން ދުއްވީ ތަންކޮޅެއް ބާރަށް. އެހެންވެގެން ކޮންޓްރޯލް ނުވެގެން ގޮސް އެކުދިން ވެއްޓުނީ ހަމަ ސީދާ ކަނޑަށް. އެތަން ވަރަށް ބިރުވެރިވާނެ،" އޭނާ ކިޔައިދިނެވެ.