މާވަށު ސުކޫލްގައި ދަރުސް ދޭން ދިން ހުއްދަ ބާތިލް ކޮށްފި

ލ. މާވަށު ސްކޫލް

ލ. މާވަށު ސުކޫލްގައި ސަލަފް ޖަމުއިއްޔާގެ ފަރާތުން މިރޭ ދީނީ ދަރުސް ބާއްވަން ހުއްދަ ދިނުމަށްފަހު، އެ ހުއްދަ ބާތިލް ކޮށްފިއެވެ.

މިއީ ލ. ފޮނަދޫ އިލްމުވެރިން ޖަމުއިއްޔާއާއި މާވަށު ކައުންސިލްގެ އިތުރުން ޖަމިއްޔަތުއް ސަލަފް ގުޅިގެން މުޅި އެ އަތޮޅަށް އަމާޒު ކޮށްގެން ބާއްވަން އުޅު ދަރުހެކެވެ. މާވަށު ސުކޫލުގައި މި ދަރުސް ބޭއްވުމުގެ ތައްޔާރީތައް ވަމުން އައީ ޕްރިންސިޕަލް ސޮއި ކުރައްވާފައިވާ ހުއްދަ، ކައުންސިލަށް ލިޔުމުން ލިބިގެންނެވެ.

މާވަށު ސުކޫލުގައި ދަރުސް ބޭއްވުމަށް ދީފައިވާ ހުއްދައިގެ ކޮޕީއެއް "ސަން"އަށް ވަނީ ލިބިފައެވެ. ސުކޫލްގެ ޕްރިންސިޕަލް ޒުލައިޚާ ރަފީއު ސޮއި ކުރައްވާ ކައުންސިލްގެ ރައީސް އަހްމަދު މޫސާއަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ ދީނީ ދަރުސް ބޭއްވުމަށް ޓަކައި އެ ސުކޫލްގެ ހޯލް ދޫކުރެވިފައިވާ ކަމަށެވެ.

މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ "ސަން"އަށް ވިދާޅުވީ ސުކޫލުން ދިން ހުއްދައާއެކު މިރޭ 8:30 ގައި ދަރުސް އޮންނާނެ ވާހަކަ ގިނަ ބަޔަކަށް އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ފާހިޝް ޢަމަލުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ މިފަދަ ދުވަސްވަރެއްގައި އަތޮޅު ތެރޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވަން އުޅޭ އެފަދަ ދީނީ ދަރުސްތަކަށް ސަރުކާރުން ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުން ހާމަ ވަނީ ސަރުކާރުގެ ދީނީ ސިޔާސަތުގެ ބަލިކަށިކަން ކަމަށެވެ.

"މިއަދު މެންދުރު ފަހު އިލްމު ޖަމުއިއްޔާގެ މެމްބަރުންނާ ސަލަފް ޖަމުއިއްޔާގެ ގިނަ ޝައިޚުންނާއެކު މާވަށަށް ދަތުރު ކުރަނިކޮށް އަޅުގަނޑުމެންނަށް ސުކޫލުން އަންގަނީ ދަރުސް ދިނުން އެޑިއުކޭޝަން މިނިސްޓްރީން މަނާ ކޮށްފި ކަމަށް. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" އަހްމަދު މޫސާ ވިދާޅުވިއެވެ.

ދަރުސް ދިނުމަށް ދިން ހުއްދަ ބާތިލް ކުރިކަން އެންގުމަށް ޕްރިންސިޕަލް ފޮނުވި މެއިލްގައި ބުނެފައިވަނީ މިނިސްޓްރީގެ ހުއްދަ އަދި ލިބިފައިނުވާތީ ކުރިން ދީފައިވާ ހުއްދަ ކެންސަލް ކުރެވިފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ އަހްމަދު އަލީ "ސަން"އަށް ވިދާޅުވީ މާވަށު ސުކޫލްގައި އެފަދަ ޕްރޮގްރާމެއް ހިންގުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދަ ހުއްދައަކަށް މިނިސްޓްރީގައި އެދިފައި ވެސް ނެތް ކަމަށެވެ.

"ތިޔަ ބުނާ ޕްރޮގްރާމެއް ހިންގަން ސުކޫލްގެ ތަނެއް ދޭން އެއްވެސް ފަރާތަކުން މިނިސްޓްރީގައި އެދިފައެއް ނެތް. ސުކޫލް ހޯލް ވިޔަސް އަދި ސުކޫލްގެ އެހެން ފެސިލިޓީއެއް ވިޔަސް އާއްމު ފަރާތަކަށް ނޫނީ ޖަމުއިއްޔާ، ޖަމާއަތަކުން ވިޔަސް އެ ހިންގާ ކަންކަމަށް ދޫކުރުމަށް އޮންނާނެ އުސޫލެއް. އެ އުސޫލާ އެއްގޮތަށް ސުކޫލްތަކުން ވެސް އަމަލު ކުރާނީ. އަދި އެދޭ ފަރާތަކުން އެދެން ވާނީ ވެސް އެ އުސޫލާ އެއްގޮތަށް،" އަހްމަދު އަލީ ވިދާޅުވިއެވެ.

ދީނީ ނަސޭހަތާއި ދަރުހާއި ވައުޒުތައް ދިނުމަށް ޓަކައި މާލެއާއި އަދި ރަށްރަށަށް ވަޑައިގަންނަވާ ދީނީ އިލްމުވެރީންނަށް އަންނަނީ އެކި ކަހަލަ ހުރަސްތަކާ ކުރިމަތި ކުރުވަމުންނެވެ. ފަހަކަށް އައިސް ގިނައިން ފެންނަނީ ކޮންމެ ވެސް އުޒުރެއް ދެއްކުމަށް ފަހު ދީނީ ދަރުސް ދިނުމަށް ހުރަސް އަޅަން މަސައްކަތް ކުރާ މަންޒަރެވެ.

comment ކޮމެންޓް