ތާޒާ ބްރޭންޑުން ތިމާވެއްޓާ ރަހުމަތްތެރި އާ އުފެއްދުންތަކެއް ނެރެފި

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް: ތާޒާ ބްރޭންޑުން އަލަށް ނެރުނު ތިމާވެއްޓާ ރަހުމަތްތެރި އުފެއްދުންތައް ތައާރަފު ކުރުން --

އައިލެންޑް ބެވެރެޖެސް މޯލްޑިވްސް (އައިބީއެމް) އިން ތާޒާ ބްރޭންޑުގެ ތިމާވެއްޓާ ރައްޓެހި އާ އުފެއްދުންތަކެއް ތައާރަފްކޮށްފިއެވެ.

މިކަމަށް ޓަކައި ހޮޓެލް ޖެންގައި ރޭ ބޭއްވި ހަފްލާގައި މި އުފެއްދުންތައް ނެރެދެއްވީ ޓޫރިމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އައިލެންޑް ބެވެރެޖެސް މޯލްޑިވްސްގެ ޗެއާމަން ހަސަން ޝާހުގެ އިތުރުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އަންވަރެވެ.

އައިބީއެމްއަށް 20 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ފެށި "ތާޒާ ވެށި" ކެމްޕޭނުގެ ދަށުން އަލަށް ތައާރަފުކުރީ އެއް ލިޓަރާއި 500 މިލި ލީޓަރުގެ ތާޒާ ބިއްލޫރި ފުޅިއާއި ޑިސްޕެންސަރަށް ލައްވާ ގޮތަށް ހުންނަ 19 ލީޓަރު "ތާޒާ 5ޖީ"ގެ ބޮޑެތި ފެންފުޅިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މައުސޫމް ވަނީ އައިލެންޑް ބެވަރޭޖުގެ މި ފެށުމުންމިސާލު ނަގައިގެން އެހެން ކުންފުނިތަކުގެ ޒިންމާ އަދާ ކުރުމުގައި ވެސް އާ ވިސްނުންތަކަކާއެކު ހަލުވި ދުވެލީގައި ކުރިއަށް ދިއުމަށް ގޮވާލައްވާފައެވެ.

އައިބީއެމް އިން ބުނީ އަލަށް ތައާރަފް ކުރި އުފެއްދުންތައް މިމަހުގެ 15 ވަނަ ދުވަހުން ފަށައިގެން ބާޒާރުން ލިބެން ހުންނާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރިއަށް ގެންދާ "ތާޒާ ވެށި" ކެމްޕޭނުގެ މަގްސަދަކީ އުކާލެވޭ ޕްލާސްޓިކްގެ މިންވަރު މަދުކޮށް އަދި ދެވަނަ ފަހަރަށް ބޭނުންކުރުމުގެ ސަގާފަތް ކުރިއެރުވުމާއި އަދި ޕްލާސްޓިކް ނޫން ގޮތެއް ފޯރުކޮށްދިނުމުގެ ގޮތުން އާ ޕްރޮޑަކްޓްތަކެއް އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

އައިބީއެމްގެ އުމުރުން 20 އަހަރު ފުރޭއިރު، އެ ކުންފުނި އުފައްދާފައިވަނީ 2002 ވަނަ އަހަރުގައެވެ. މި ކުންފުންޏަކީ "ތާޒާ" ބްރޭންޑުގެ ފެންވަރު ރަނގަޅު ބޯފެން އުފައްދާ، ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކަކަށް ފޯރުކޮށްދޭ ކުންފުންޏެވެ.

comment ކޮމެންޓް