ނާއިމްގެ ހެޓްރިކުން މޮޅުވެ، ވިކްޓްރީން ދެވަނަ ޑިވިޝަން ނިންމާލައިފި

އެމްއޭއެމް ދެވަނަ ޑިވިޝަންގައި ވިކްޓްރީއާއި ލޮރެންޒޯ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ އެފްއޭއެމް

އެެފްއޭއެމް ސެކަންޑު ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވިކްޓްރީ ސްޕޯޓްސް ކުލަބު ކުޅުނު އެންމެ ފަހު މެޗުން މޮޅުވެ އެ ޓީމުން މުބާރާތް ނިންމާލައިފިއެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު ވިކްޓްރީން ކާމިޔާބުކުރީ ލޮރެންޒޯ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ 4-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ވިކްޓްރީއަށް މި ސީޒަނުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާ ހަސަން ނާއިމް ވަނީ ހެޓްރިކެއް ހަދައިފައެވެ.

އެ މެޗުގައި ލޮރެންޒޯގެ ހަމައެކަނި ގޯލު ޖަހައިފައިވަނީ ލިބުނު ޕެނަލްޓީއެއްގެ އެހީގައި ނަސޫހް ސައީދެވެ.

ނަމަވެސް މެޗު ނިމެން ކުޑަތަން ވެފައި ވަނިކޮށް އަޙްމަދު ހުސައިން ވަނީ ވިކްޓަރީގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. އެ ގޯލު އޭނާ ޖަހައިފައިވަނީ މެޗުގެ 83 ވަނަ މިނެޓުގައެވެ.

އެ ނަތީޖާއާއެކު އެފްއޭއެމް ދެވަނަ ޑިވިޝަންގެ އެންމެ ފަހު މެޗު ކުޅެ އެ މުބާރާތް ނިންމާލަން ޖެހިފައިވަނީ ހަ މެޗު ކުޅެ ލިބުނު 10 ޕޮއިންޓާއެކުއެވެ. އަދި ލޮރެންޒޯއިން މި މުބާރާތް ނިންމާލީ ކުޅުނު ހަ މެޗުން ވެސް ބަލިވެ، ތާވަލުގެ ފުލުގައި އޮވެގެންނެވެ.

comment ކޮމެންޓް