މުޖުތަމައު އިސްލާހު ކުރުމުގައި އިސްލާމީ ޝަރީއަތާ ވީހާވެސް ބޮޑަށް ގާތްވާންޖެހޭ: ޑރ. ޝަހީމް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މުޖުތަމައު ތެރޭގައި އުފެދިގެން މި އަންނަ ބޮޑެތި މައްސަލަތައް ހައްލު ކުރުމުގައި އިސްލާމީ ޝަރީއަތާ ވީހާ ވެސް ގާތްވާންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ޑރ. ޝަހީމް މިހެން ވިދާޅުވީ ފާހިޝް ޢަމަލުތައް ހިންގާ މީހުންނާއި ބޮޑެތި ކުށް ތަކަށް އަރައިގަންނަ މީހުން މުޖުތައު ތެރޭގައި ގިނަވަމުން އައުމުގެ ކަންބޮޑުވުން ފާޅު ކުރައްވައެވެ.

ޑރ. ޝަހީމް ވިދާޅުވީ ގައުމުގައި މުންކަރާތްތައް އާއްމުވަމުން ދިޔުމުގައި ސަބަބުތަކެއް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި އިޖުތިމާއީ ސަބަބުތަކާއި ތަރުބިއްޔަތުގެ ސަބަބުތައް ވެސް ހުރެދާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަންކަން ދެނެގަތުމަށް ޓަކައި ޚާއްސަ ދިރާސާއެއް ކުރަންޖެހޭ ކަމަށެވެ.

"މިއީ ވަރަށް ހިތާމަވެރި ހާލަތެއް. މިކަމުގައި ސިޔާސީ ވިސްނުމަށް ނުބަލައި މުޖުތަމައުގައި ތިބި ހަރުދަނާ މީހުންނާއި ތައުލީމީ، އެންމެން ގުޅިގެން ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅު ކުރުމަށް ވަރަށް ވަރުގަދަ ކެންޕެއިނެއް ނުވަތަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން އެބަޖެހޭ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޖުތަމައު ތެރޭގައި ހެޔޮކަންތައްތަކަށް ގޮވާލުމާއި މުންކަރާތްތައް ނަހީ ކުރުމަކީ ކުރިމަގުގެ ޖީލުތަކަށް ޓަކައި އެންމެން ގުޅިގެން އަދާ ކުރަން ޖެހޭ ގައުމީ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އެކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރެއްވިއްޖެ ނަމަ، ގައުމުގައި މިހާރު ހުރި މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އާލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގިނަ ބަޔަކު ހިމެނޭކަން ފާހަގަ ކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ އެ ޒާތުގެ މައްސަލަތަކުގެ ވާހަކަ ދައްކާ އަދި މީޑިއާގައި ރިޕޯޓު ކުރާއިރު، ބަލަންޖެހޭ އިތުރު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެފަދަ ފަރާތްތަކުގެ އާއިލާ އާއި ދަރިންނަށް، ލިބިދާނެ ހިތްދަތިކަމާއި ކޮށްފާނެ ނަފުސާނީ ނުރަނގަޅު އަސަރު ތަކަށް ވިސްނާލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.

"އެފަދަ ފަރާތްތަކުގެ އާއިލާއާއި ދަރިންނަށް އެ ލިބޭ ހިތްދަތިކަމާއި ލަދުވެތިކަން، ކުރިމަތި ނުވާނެ ގޮތަކަށް މުޅި މުޖުތަމައުން ވެސް މި މައްސަލަތކުގައި ޢަމަލު ކުރަންޖެހޭ ކަމަށް ދެކެން. އިސްލާމީ ނަޒަރަކުން ބަލާއިރު، މިކަމުގައި އޮންނަނީ އެ ކުށެއް ކުރި މީހަކު އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ. އެހެން މީހުން ބަދުނާމުވާ ގޮތަށް، ފަޟީހަތްވާ ގޮތަށް މި ކަހަލަ މައްސަލަތަކުގައި ޢަމަލު ކޮށްގެން ނުވާނެ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ މީހުންގެ އަބުރާއި އިއްޒަތް ވަނީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ހިމާޔަތް ކުރެވިފައި ކަމަށެވެ. ނަމަވެސް ކުށަކަށް އަރައިގަންނަ މީހާއަށް އަދަބު ދިނުމަކީ އިސްލާމީ ފަލްސަފާއިން ބަލާއިރު، މީހަކު ފަޟީހަތް ކުރުމެއް ނޫން ކަމަށާއި އެއީ އެމީހަކު ރަނގަޅު މަގަށް ގެނައުމަށް ޓަކައި އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

މުޖުތަމައު ތެރޭގައި ފާހިޝް ޢަމަލުތައް އިތުރުވަމުން ދިއުމަކީ ރަނގަޅު ފާލެއް ނޫންކަން ފާހަގަ ކުރައްވާ ޑރ. ޝަހީމް ވިދާޅުވީ މިކަމުން ގައުމު ސަލާމަތް ކުރުމަށް ޓަކައި ހާއްސަ ގޮތެއްގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމާއި އަޤީދާ ރަނގަޅު ކުރުމާ އާޚިރަތް ދުވަހަށް އީމާންވުން ފަދަ ކަންކަމަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ ކަމަށެވެ.

"އިލްމީ ބޭފުޅުންގެ ދަރުސް ތަކުގައްޔާއި ޚުތުބާ ތަކުގައި ވެސް އިޖުތިމާއީ އަޚުލާގިއްޔާތަށް ވަރަށް ބޮޑަށް އެބަޖެހޭ އަލިއަޅުވާލަން. އަދި ތައުލީމީ މުއައްސަސާތަކުގެ ތެރެއިން ވެސް އެބަޖެހޭ މިކަހަލަ ހޭލުންތެރި ކުރުވުމުގެ އިތުރު މަސައްކަތްތަކެއް ކުރަން. މިހާރު ވެސް ނުކުރެއެކޭ ނޫން މި ދަންނަވަނީ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ގައުމުގައި ފާހިޝް ޢަމަލުތައް ގިނަވަނީ ގާނޫނެއް ނެތިގެން ނޫންކަން ފާހަގަ ކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ ގާނޫލްއުގޫބާތުގައި ވެސް އިސްލާމީ ޝަރީއަތުގައި ކުށެއް ކަމަށް ކަނޑައެޅިފައިވާ ކުށެއް ސާބިތު ވެއްޖެ ނަމަ، އެ ކުށަކަށް އިސްލާމީ ޝަރީއަތުގައިވާ އަދަބެއް ދިނުމަކަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

comment ކޮމެންޓް