ރަޝިއާ ބަލި ކުރުމަށްޓަކައި އެމެރިކާއިން އިތުރު އެއް ބިލިއަން ޑޮލަރުގެ ހަތިޔާރު ޔުކްރެއިންއަށް ދެނީ

ވޮޝިންޓަން (8 އޮގަސްޓް 2022): ރަޝިއާ އަސްކަރީ ގޮތުން ބަލިކުރުމަށްޓަކައި ޔުކްރެއިނަށް އިތުރު އެއް ބިލިއަން ޑޮލަރުގެ ހަތިޔާރު ދިނުމަށް އެމެރިކާ ނިންމައިފިއެވެ.

ރަޝިއާއިން މިކަން ސިފަކޮށްފައިވަނީ ޔުކްރެއިންގެ ހަނގުރާމައަށް ދަރުއެޅުމުގެ ހަރުކަށި އަމަލެއްގެ ގޮތުގައެވެ. ޔުކްރެއިންއަށް ދިނުމަށް އެމެރިކާ ނިންމި އިތުރު އެއްބިލިއަން ޑޮލަރުގެ ހަތިޔާރުގެ ތެރޭގައި އެމެރިކާގައި އުފައްދާ "ހައިމާސް" މަރުކާގެ ރޮކެޓާއި، "ނެސެމްސް" މަރުކާގެ މިސައިލް ހިމެނެއެވެ. ނަމަވެސް މިއީ ކުރުރާސްތާގެ މިސައިލެވެ. ރަޝިއާގެ އެތެރޭގެ ތަންތަނަށް ހަމަލާ ދެވޭވަރުގެ ބާރުގަދަ މިސައިލެއް ނޫނެވެ.

މީގެއިތުރުން އެކިބާވަތުގެ ބޮމާއި ހަނގުރާމައިގާ މަރުވާ މީހުންނާއި ޒަޚަމްވާ މީހުން އުފުލަން ބޭނުން ކުރާ 200 އުޅަނދާއި ގިނަ އަދަދެއްގެ އުންޑައާއި ހަތިޔާރުގެ ސްޕެއާ ޕާޓްސްވެސް އެއްބިލިއަން ޑޮލަރުގެ މިޕެކޭޖްގައި ހިމެނެއެވެ.

ޔުކްރެއިންގެ ހަނގުރާމަ ފެށުނު ފަހުން އެމެރިކާ މިހާތަނަށްވަނީ 8.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ޔުކްރެއިންއަށް ފޯރުކޮށްދީފައެވެ. މީގެއިތުރުން އިގްތިސާދީ އެހީތައްވެސް ދެމުން ގެންދެއެވެ. ނަމަވެސް ރަޝިއާ ވަނީ ޔުކްރެއިންގެ އިރުމަތީގައިވާ ދުންބާސް ސަރަހައްދު އެއްކޮށް ކަހަލަ ގޮތަކަށް ހިފާފައެވެ. އަދި ޔުކްރެއިންގެ ބަނދަރު ރަށެއްކަމަށްވާ މަރިއަޕޯލްއާއި އެރަށުގެ ބަނދަރުވެސްވަނީ ހިފާފައެވެ.

އެމެރިކާގެ އަސްކަރީ އެހީއާއެކުވެސް ރަޝިއާ ފަހަތަށް ޖެއްސުމުގައި ޔުކްރެއިންއަށް މާބޮޑު ކާމިޔާބެއް ނުލިބެއެވެ. ނަމަވެސް ރަޝިއާ ސިފައިންނަށް ގެއްލުންތައް ދިނުމުގައި ޔުކްރެއިން ސިފައިންނަށް ބޮޑެތި ކާމިޔާބުތައް ލިބެމުންދެއެވެ. ރަޝިއާގެ ހަމަލާތަކުގައި ޔުކްރެއިންއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދެއެވެ.

ރަޝިއާގެ ހަމަލާތަކުގައި ދުވާލެއްގެ މައްޗަށް ޔުކްރެެއިން ސިފައިން ސަތޭކައާއި ސަތޭކަ ފަންސާހާ ދެމެދުގެ އަދަދެއްގެ މީހުން މަރުވާ ކަމަށް މުސްތަގިއްލު ރިޕޯޓްތައް ބުނެއެވެ. ޔުކްރެއިންގެ ހަމަލާތަކުގައި މިހާތަނަށް ރަޝިއާގެ 15 ހާސް ސިފައިން މަރުވެފައިވާކަމަށް އެެމެރިކާއާއި ޔުކްރެއިން ބުނެފައިވެއެވެ. އަނެއްކޮޅުން ރަޝިއާގެ ހަމަލާތަކުގައި ޔުކްރެއިންގެ ގިނަ ސިޓީތަކާއި ވިިލެޖްތަކާއި ޓައުންތައްވަނީ ހަލާކުވެފައެވެ. އިންފްރާސްޓްރަކްޗަރ ވަނީ ފުނޑުފުނޑުވެފައެވެ. އިގްތިސާދީ ގޮތުންވެސް ޔުކްރެއިންވަނީ ވަރަށް ދަށް ހާލަތަކަށް ވެއްޓިފައެވެ.

ރަޝިއާއިން މިދިޔަ ހަފްތާގައި ވަނީ ޔުކްރެއިންގެ ޒަޕޮރީޖިޔާގައި ހުންނަ ނިއުކްލިޔަ ރިއެކްޓަރު ހިފާފައެވެ. ހަނގުރާމައިގާ އެ ރިއެކްޓަރަށް ލިބިފައިވާ ގެއްލުންތަކާއެކު އެތަނުން ނިއުކްލިޔަ ރޭޑީއޭޝަން ބޭރުވެދާނެކަމުގެ ކަންބޮޑުވުން ނިއުކްލިޔާ ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީ (އައިއޭއީއޭ)އިން ވަނީ ފާޅުކޮށްފައެވެ. ޒަޕޮރީޖިޔާ ނިއުކްލިޔާ ރިއެކްޓަރު ރަޝިޔާ ސިފައިންގެ އަތްދަށުގައިވީ ނަމަވެސް އެތަނުން އަދިވެސް ކަރަންޓް އުފައްދައެވެ. އެތަން ހިންގަނީވެސް ޔޫކްރެއިނުގެ އިންޖިނޭރުންނެވެ.

ސޮވިއެޓް ޔުނިއަންގެ ޒަމާނުގައި ރަޝިއާއި ޔުކްރެއިން އިއްތިހާދީ އެއްދައުލަތެއްގެ ގޮތުގައި އޮތްއިރު ބިނާކޮށްފައިވާ އެ ރިއެކްޓަރަކީ މުޅި ޔޫރަޕްގައިވެސް ހުރި ނިއުކްލިޔަ ހަކަތައިން ކަރަންޓް އުފައްދާ އެންމެ ބޮޑު ޕްލާންޓެވެ. ހަނގުރާމައިގެ މައިދާނަށް ބަލާއިރު ރަޝިއާ ގެންދަނީ އެހާވަރުގަދައަށް ހަނގުރާމަ ކުރުމުގެ ބަދަލުގައި ޔުކްރެއިން ހަނގުރާމަ ދިގު ދަންމާލުމަށް މަސައްކަތް ކުރަމުންނެވެ.

މިހާރު ފެންނަ ގޮތުގައި ރަޝިއާގެ ސްޓްރެޓީޖިކް އެއް މަގްސަދަކަށް ވެފައިވަނީ އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އަޅާފައިވަ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ޔޫރަޕާ ދެކޮޅަށް ގޭހުގެ ދަތިކުރުމުގެ ވޭންދެނިވި ފިޔަވަޅުތަކެއް އެޅުމެވެ. މިއީ ކުރިޔަށް އޮތް ފިނި މޫސުމުގައި ޔޫރަޕަށް ކެތްކޮށްލެވޭ ވަރަށްވުރެ ވޭންދެނިވި ކަމެކެވެ.

އިންޑިއާއާއި ޗައިނާ އާ އެނޫންވެސް އޭޝިއާގެ ގައުމުތަކާއި އެނޫން ގައުމުތަކުން ގޭހުގެ މާކެޓް ހޯދުމަށްފަހު ރަޝިއާ ގެންދަނީ ޔޫރަޕަށް ފޮނުވާ ގޭސް މަދުކޮށް ޔޫރަޕަށް ވޭންދެނިވި ގޮތަކަށް ދަތި ކުރަމުންނެވެ. މިކަމުގެ ސަބަބުން ޖަރުމަނުވިލާތް ފަދަ ޔޫރަޕްގެ އެތައް ގައުމަކަށްވަނީ ހަކަތައިގެ ދަތިކަން އިންތިހާއަށް ފޯރާފައެވެ. ހަކަތަ ނެތިގެން ޖަރުމަނުގެ ގިނަ އަދަދެއްގެ ކާރުޚާނަތައް ބަންދުކޮށްފައިވާއިރު ޖަރުމަނުގެ ގިނަ ސްޓޭޓްތަކަށްވަނީ ކަރަންޓްގެ ދަތިކަން ދިމާވެ ކޮންމެ ދުވަހަކުވެސް އެތައް ގަޑީއިރަކަށް ކަރަންޓް ކަނޑާލަން ޖެހިފައެވެ.

ޖަރުމަނުގެ އިތުރުން ބެލްޖިޔަމަށާއި ފިންލެންޑަށްވެސްވަނީ ކަރަންޓްގެ ދަތިކަން އިންތިހާއަށް ފޯރާފައެވެ. ރަޝިއާ ޔޫރަޕާ ދެކޮޅަށް މިގޮތަށް ބަދަލު ހިފާނަމަ ކުރިޔަށް އޮތް ފިނިމޫސުމުގައި ޔޫރަޕްގެ ގައުމުތަކުން އެތައް ލައްކަ ބަޔަކު ފިނީގެ ސަބަބުން މަރުވާނެކަމުގެ ބިރުވަނީ ހީވެފައެވެ.

މިހިސާބަށް ދިޔުމުގެ ކުރިން ޔޫރަޕްގެ އެތައް ގައުމެއްގައި ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާތައް އާންމުވެދާނެ ކަމުގެ ބިރުވެސްވަނީ އުފެދިފައެވެ. ޔޫރަޕްގެ ބައެއް ތަޖުރިބާކާރުންވަނީ ޔުކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާގެ ފިއްތުންތަކާއެކު ރަޝިއާއާ ދެކޮޅަށް ޔޫރަޕުން އަޅާފައިވާ ފިޔަވަޅުތައް އުވާލަން ލަސްތަކެއް ނުވެ ޔޫރަޕަށް މަޖުބޫރުވާނެކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް