އެތަށް ދާއިރާއެއްގައި އެމެރިކާއާ މަޝްވަރާކުރުމާއި ގުޅުންތައް ބަދިހުކުރުން ހުއްޓާލަން ޗައިނާއިން ނިންމައިފި

ބެއިޖިން (6 އޮގަސްޓް 2022): ބައެއް ދާއިރާތަކުގައި އެމެރިކާއާ އެކު މަޝްވަރާކުރުމާއި ގުޅުން ބަދިހުކުރުން ހުއްޓާލަން ޗައިނާއިން ނިންމައިފިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާ ބުނާގޮތުން އެމެރިކާއަކީ އެއްގައުމު އަނެއް ގައުމަށް އިހުތިރާމުކުރާ ރީތި ޑިޕްލޮމެޓިކް ގުޅުންތައް ބޭއްވޭ ވަރުގެ ގައުމެއް ނޫނެވެ. އެއަށްވުރެ އަމިއްލަ އެދުންބޮޑު އަދި ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމު ނުކުރާ، ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބާނައި އަމިއްލަ ގޮތްގަނޑާއި ފާޑުފާޑުގެ ފިކުރުތައް ފަތުރަން މަސައްކަތްކުރާ ނާތަހުޒީބު ގައުމެކެވެ.

އެހެންކަމުން ބައެއް ދާއިރާތަކުގައި އެމެރިކާއާ އެކު މަޝްވަރާކުރުމާއި ގުޅުން ބަދަހިކުރުން ހުއްޓާލަން ޗައިނާ ސަރުކާރުންވަނީ ނިންމާފައެވެ. މި ދާއިރާތަކުގެ ތެރޭގައި އަސްކަރީ ދާއިރާއާއި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ތިމާވެށީގެ ދާއިރާ ހިމެނެއެވެ. މީގެއިތުރުން ގައުމުތަކުގެ ސަރަހައްދީ ރޮނގުތައް ހުރަސްކޮށް ކުރާ ކުށްތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އެމެރިކާއާ ގުޅިގެން ޒަމާނުއްސުރެ ޗައިނާއިން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާލަން ވެސް ޗައިނާއިން ވަނީ މިހާރު ނިންމާފައެވެ.

އަދި ޓެރަރިޒަމް ފަދަ އެމެރިކާއަށް ހައްސާސް މައްސަލަތަކުގައި އެމެރިކާ އަށް ދޭ އެއްބާރުލުން ކުރިއަށްވުރެ ކުޑަކުރަން ވެސް ޗައިނާއިން ނިންމާފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ޗައިނާ ސަރުކާރުގެ މި ނިންމުންތަކާއެކު ޗައިނާގެ ދިފާއީ ވަޒީރު ވެއި ވެންގްހެއި ވަނީ އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ތަކުރާރުކޮށް ކުރެއްވި ފޯނުކޯލްތަކަށް ޖަވާބު ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން

އޮސްޓިން ޗައިނާގެ ދިފާއީ ވަޒީރަށް ފޯނުކުރެއްވި ކަމަށްވަނީ ޗައިނާގެ ސިފައިން ޓައިވާންގެ ވަށައިގެން ހިންގާ އަސްކަރީ ހަރަކާތްތަކާއި އަސްކަރީ ތަމްރީންތައް ހުއްޓާލުމަށް އެދިކަމަށްވެއެވެ. ވެންގްހެއި ވަނީ އޮސްޓިން އަށް އިޖާބަ ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

ޗައިނާގެ ސިފައިން ޓައިވާން ގެ ވަށައިގެން އަސްކަރީ ތަމްރީންތައް ފަށައިގެން އުޅެނީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ގެ ރައީސާ ނެންސީ ޕެލޯސީ ޗައިނާ އަށް ގޮން ޖައްސަވާފައި މިދިޔަ ހަފްތާގައި ތައިވާނަށް ރަސްމީ ޒިޔާރަތެއް ކުރެއްވުމާ ގުޅިގެންނެވެ.

ޓައިވާނަކީ 1949 ވަނަ އަހަރު ޗައިނާއިން ވެކިވެގަނެގެން އުޅޭ އެގައުމުގެ ސަރަހައްދެކެވެ. ނަމަވެސް ޓައިވާނުން މިނިވަންކަން އިއުލާނުކޮށްފައެއް ނުވެއެވެ. އެމެރިކާއަކީވެސް ޓައިވާނަކީ ޗައިނާގެ ބައެއްކަމަށް ދެކޭ، ވަން ޗައިނާ ޕޮލިސީ ގަބޫލުކުރާ ގައުމެކެވެ.

ނަމަވެސް ޕެލޯސީ ޗައިނާ އަށް ގޮން ޖައްސަވާފައި ޓައިވާނަށް ރަސްމީ ޒިޔާރަތެއް ކުރެއްވުމަކީ ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަދެގެނެ ޗައިނާއަށް ޖެއްސުން ކުރުމާއި މިނިވަންކަން އިއުލާނު ކުރުމަށް ޓައިވާނަށް ހިއްވަރު ދިނުންކަމަށް ތުހުމަތު ކުރުމަށްފަހު ޗައިނާ ވަނީއިން އެކަމުގެ ބަދަލު ވަރަށް ވޭންދެނިވި ގޮތަކަށް އެމެރިކާގެ ކިބައިން ހިފާނެކަމުގެ އިންޒާރު ދީފައެވެ.

މިމައްސަލާގައި ޗައިނާއިން އެމެރިކާ ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައިވާއިރު ޕެލޯސީގެ ޒިޔާރަތަށްފަހު ޗައިނާއިން ވަނީ އެމެރިކާއަށް ކުރާ އިހުތިރާމު ވަރަށްބޮޑަށް ކުޑަކޮށްފައެވެ. އަދި އެމެރިކާއާ ދެކޮޅަށް ސްޓްރެޓީޖިކް ލެވެލްގައި ގިނަ ކަންތައްތަކެއް ކުރުމަށް ވެސް ޗައިނާ ދަނީ ތައްޔާރުވަމުންނެވެެ.

އެެމެރިކާއަށް ރައްދު ދިނުމުގެ ގޮތުން އީރާނާއި ރަޝިއާ ފަދަ އެމެރިކާގެ ދުޝްމަނުންނަށް ހައްސާސް ޓެކްނޮލޮޖީ ފޯރުކޮށްދީ އެދެގައުމާއެކު ބާއްވާ ސްޓްރެޓީޖިކް ގުޅުންތައް އައު ހަރުފަތަކަށް ޗައިނާއިން ގެންގޮސްފާނެކަމަށް މުހައްލިލުން ވިދާޅުވެފައެވެ. ޗައިނާއަކީ މިހާރުވެސް އެދެގައުމާއެކު ސްޓްރެޓީޖިކް ގުޅުންތައް ބައްވާ ގައުމެކެވެ.

އަނެއްކޮޅުން ޕެލޯސީގެ ދަތުރުފުޅަށްފަހު ޗައިނާއިން ވަނީ ތައިވާން ވަށައިގެން އަސްކަރީ ތަމްރީންތަކެއްވެސް ފަށާފައެވެ. މިތަމްރީންތަކުގައި ޗައިނާގެ ފައިޓާޖެޓްތައްދަނީ ތަކުރާރުކޮށް ޓައިވާނުގެ މަތިން އުދުހި ޓައިވާނަށް ވަންނަމުންނެވެ. އަދި ތައިވާންވަނީ ކަނޑުގެ މަގުން ހިސާރުކޮށްފައެވެ.

ޗައިނާގެ މިއަމަލުތައް ބަލަން އެމެރިކާގެ އަސްކަރީ މަނަވަރުތައް ދުރުގައި ތިބެއެވެ. ނަމަވެސް ޗައިނާ ތައިވާން ވަށައިގެން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކުގެ ތެރެއަށް ވަންނަންވެސް އަދި ޗައިނާގެ އަސްކަރީ ތަމްރީންތައް ހަދާ ސަރަހައްދާ ކައިރިވާންވެސް އެމެރިކާއަކަށް ނުކުރެއެވެ.

މޫސުމާގުޅޭ ކަންކަމާބެހޭ އެމެރިކާގެ ޚާއްސަ މަންދޫބު ޖޯން ކެރީވަނީ މުސުމާގުޅޭ ކަންކަމުގައި އެމެރިކާއާ ގުޅުންތައް ކުޑަކުރަން ޗައިނާއިން ނިންމި ނިންމުމާމެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވޮތުގައި މިކަމުގެ ނޭދެވޭ އަސަރު އެެމެރިކާގެ އިތުރުން މުޅި ދުނިޔޭގެ ތިމާވެއްޓަށް ވެސް ކުރާނެއެވެ.

comment ކޮމެންޓް