ނޮޅިވަރަންފަރުގައި ދެ ފިރިހެނުން އެއްޖިންސުން ގުޅުން ހިންގިކަމުގެ މައްސަލައެއް ފުލުހަށް

ހދ. ނޮޅިވަރަންފަރު ---

ހދ. ނޮޅިވަރަންފަރުގައި ދެ ފިރިހެނުން އެއްޖިންސުން ގުޅުން ހިންގިކަމުގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ ރަށުގައި ދެ ފިރިހެނުން އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައެއް މިދިޔަ މަހުގެ 25 ވަނަ ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާކަމަށެވެ.

އެކަމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާކަމަށާއި އަދި އެ މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވާއިރު، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާ އެކު ގިނަ ދިވެހިންތަކެއް އެއްޖިންސުން ގުޅުން ހިންގަނިކޮށް ފެންނަ ވީޑިއޯތަކެއް ފަހަކަށް އައިސް އަންނަނީ އާއްމުވަމުންވެ.

ނަމަވެސް މަޖިލީހުގެ މުވައްޒަފާއި ކަސްޓަމްސްގެ ދެ މުވައްޒަފުން ސަސްޕެންޑު ކޮށްފައިވަނީ އަލްގީރުއާ ގުޅުން ހުރި މައްސަލާގައި ކަމެއް އަދި ސާފެއްނުވެއެވެ.

އެގޮތުން އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގެ މުވައްޒަފަކާއި ކަސްޓަމަސްގެ ދެ މުވައްޒަފެއް ވަނީ އެމީހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.

އެއްޖިންސުން ގުޅުން ހިންގައި އަދި ވީޑިއޯކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން އެ މައްސަލާގައި ތުހުމަތުކުރެވޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއު ވަނީ ހައްޔަރުކޮށްފައެވެ.

އަލްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ޓީޗަރުންތަކެއްވެސް ސަސްޕެންޑުކޮށްފައިވާކަމަށް އެޑިއުކޭޝަނުން އިއްޔެ ވަނީ ބުނެފައެވެ.

މީގެ އިތުރުން ހަމަ އެ މައްސަލައިގެ ތުހުމަތަށް ހޯމް މިނިސްޓްރީގެ މުވައްޒަފަކުވެސް ވަޒީފާއިން ސަސްޕެންޑުކޮށްފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 100 އަށް ވުރެ ގިނަ ކަމަށް "ސަން"އަށް ވަނީ އެނިފައެވެ.

comment ކޮމެންޓް