ދެވަނަ ފިޔަވަހީގައި އަޅާ ޕްރީ ސުކޫލުގެ މަސައްކަތް އަންނަ މަހު ނިމޭނެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ޕްރީ ސުކޫލު ---

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ޕްރީ ސުކޫލުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަން ނިންމާލެވޭނެ ކަމަށް އެ މަސައްކަތް ކުރާ އެސްޖޭ ކޮންސްޓްރަކްޝަނުން ބުނެފިއެވެ.

ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އެ ޕްރީ ސުކޫލުގެ މަސައްކަތް އެޗްޑީސީން އެސްޖޭ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

އެކަމާ ގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަންގެ ލޮޖިސްޓިކްސް މެނޭޖަރު ޝަފްޒާދު ޞާލިޙް ވިދާޅުވީ މިހާރު އެ ޕްރީ ސުކޫލުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މި މަހުގެ 15 އަށް އެތަން އެޗްޑީސީއާ ހަވާލުކުރެވޭތޯ މަސައްކަތްކުރާ ކަމަށާއި އެތަނުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އެ ޕްރީ ސުކޫލު ފަރުމާކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަސޭހަ ކަމާއެކު އެކްސެސް ވެވޭނެ ގޮތަށް ކަމަށް އެސްޖޭ އިން ބުންޏެވެ.

އެ ޕްރީ ސުކޫލަކީ 24 ކުލާސްރޫމުގެ ހިމެނޭހެން އިމާރާތްކުރާ ސުކޫލެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވާ ފުރަތަމަ ސުކޫލަށް އެ ޕްރީ ސުކޫލު ވާއިރު އެތަނުން ކިޔަވައިދޭން ފަށާނެ ވަކި ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް