ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މުހައްމަދު އިސްމާއީލް ދޫކޮށްލައިފި

މުޙައްމަދު އިސްމާއިލް ހައްޔަރު ކޮށްގެން ގެންދަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު، ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމަށް ބަޔަކު ވަދެގަތް މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ދޫކޮށްލައިފިއެވެ.

ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު "ސަން"އަށް ވިދާޅުވީ ކްރިމިނިލް ކޯޓުން މުހައްމަދު ދޫކޮށްލާފައިވާކަމަށެވެ.

މުހައްމަދު އިސްމާއީލް ބަންދުކޮށް އޭނާގެ ބަންދަށް ފުރަތަމަ ދިނީ ހަތް ދުވަހެވެ. އަދި އޭގެ ފަހުން ދެ ފަހަރު ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު މި މަހުގެ ހަތް ވަނަ ދުވަހު ވަނީ 30 ދުވަހު ބަންދުގައި ބެއްހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ.

އެ ނިންމުން ބާތިލްކޮށް، މުހައްމަދު އިސްމާއީލް މިނިވަން ކޮށްދިނުމަށް އެދި އޭނާގެ ވަކީލުން މިދިޔަ މަހުގެ 21 ވަނަ ދުވަހު ވަނީ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

ނަމަވެސް އޭނާ ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު، ހައިކޯޓުން ބަލައިނުގަތުމުން، މިދިޔަ ހޯމަ ދުވަހު ވަނީ އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މުހައްމަދު އިސްމާއީލް މިއަދު ދޫކޮށްލާފައި އެވަނީ ޖުމުލަ 45 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހުގައެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން މުޙައްމަދު އިސްމާއީލްގެ އިތުރުން ދެ ޝެއިހުންނާއެކު އިތުރު ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން ދޫކޮށްލާފައިވާއިރު ޝެއިޚް ފަޒްލޫން މުހައްމަދު ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޓުވީޓެއް ކުރައްވާފައިވާއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ކެބިނެޓްގެ ސަބް ކޮމިޓީއެއް ވަނީ އުފައްދާފައެވެ.

comment ކޮމެންޓް