އިންސާނުން ހައްދަވާފައިވަނީ އެކަކު އަނެކަކު އެހީތެރިކަމާ މަދަދަށް ބޭނުންވާގޮތަށް: ޚުތުބާ

ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާތް ﷲ އިންސާނުން ހައްދަވާފައިވަނީ އެކަކު އަނެކަކުގެ އެހީތެރިކަމާ މަދަދަށް ބޭނުންވާގޮތަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެންމީހުނަށް އެހީތެރިވެ ހަމްދަރުދީ ވުމަކީ އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމަށެވެ. އަދި އެއީ މުއުމިނުންގެ ސިފައެއް ކަމަށާއި އީމާންކަން ފުރިހަމަކޮށްދޭ ރަމްޒެއްކަމުގައި ޚުތުބާގައި ބުންޏެވެ.

އިހްސާންތެރިވުމާއި އެހީތެރިވުމުގައި ނަބިއްޔާއާއި އަސްހާބު ބޭފުޅުންގެ ހަޔާތްޕުޅުން ގިނަގުނަ އިބްރަތްތައް ލިބެއެވެ.

މުސްލިމުންގެ މެދުގައި އަޚުވަންތަ އެއްބަނޑު އެއްބަފާކަން ތިމާގެ އަމިއްލަ މަސްލަހަތަށް ވުރެ އިސްކުރަންޖެހެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ލިބޭ އަނިޔާތަކުގައި ބައިވެރިވާންޖެހެއެވެ. އެގޮތުން މުސީބާތްތަކުގައި ސާބިތުކަން ދެއްވާ، ކެތްތެރިކަން ދެއްވުމަށް އެދި ﷲގެ ހަޒުރަތުގައި ދުޢާ ދެންނެވުމަށް ޚުތުބާގައި ގޮވާލިއެވެ.

މީގެއިތުރުން ޚުތުބާގައި ބުނީ، އާރާއި ބާރުހުރި މީހުނާއި މަތީ މަގާމުތަކުގެ ވެރީން އަނިޔާ ލިބެމުންދާ މީހުންގެ އަތުގައި ހިފައި އިންސާފު ހޯދައިދޭން މަސައްކަތް ކުރަންވާނެކަމަށެވެ. މާތް ﷲ އެކަލާންގެ ބައެއް އަޅުން މެދުވެރިކުރައްވާ އެކަލާންގެ އަނެއްބައި އަޅުންގެ ބޭނުންތައް ފުއްދަވައެވެ.

އިންސާނުން ހައްދަވާފައި ވަނީ މުއާމަލާތުކޮށް އިޖުތިމާއީ ދިރިއުޅުމެއް އުޅޭގޮތަށެވެ. ވީމާ، ހެޔޮކަންކަމުގައި ވާގިވެރިވެ، އެހީތެރިވުމާއި، މުންކަރާންތައް ނަހީކުރުމުގައި ދެމިތިބެން ޚުތުބާގައި ގޮވާލިއެވެ.

comment ކޮމެންޓް