މަޝްރޫއު ނިމޭއިރު އަލިފުށިން ފެންނާނީ ޚިދުމަތަށް ދޮންވެ ފައްކާވެފައޮތް ބޮޑު ބިމެއް: އާޒިމް

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފައިލް ފޮޓޯ/ މުހައްމަދު ހައްޔާން

ރ. އަލިފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ނިމޭއިރު ރަށުގެ ދެކުނު ފަރާތުން ފެންނާނީ ޚިދުމަތަށް ދޮންވެ ފައްކާވެފައޮތް އެއާޕޯޓަކާއި ބޯހިޔާވަހިކަމަށް ޚާއްސަވެފައޮތް ބޮޑު ބިމެއްކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އަލިފުށީގައި ބިންހިއްކުމާއި އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މިއީ އެމްޓީސީސީގެ ހަޔާތުގައި ވެސް އެއްފަހަރާ ހިންގޭ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އަލިފުށީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތުރުކުރުމުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުވުމުގެ އުފާވެރި ކުލަވަރު ރައްޔިތުންގެ މޫނުމަތިން ފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން އަލިފުށީގައި ބޯހިޔާވަހިކަމަށާއި އެއާޕޯޓުއެޅުމަށް 50.5 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

"މި ބިން އަލިފުށީގެ ބިމާ ގުޅާލެވިގެން ދާނެ. މި ވަގުތުވެސް މި ރަށަކީ 45.5 ހެކްޓަރުގެ ރަށެއް. އެހެންނަމަވެސް މިރަށަ އެކުވެގެން ދަނީ މިއަށްވުރެ ބޮޑު ރަށެއް،" އާޒިމް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ މި މަޝްރޫއަކީ ގާތްގަނޑަކަށް 451 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް ކޮށްގެން ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއެއްކަމަށެވެ.

"ކޮވިޑުގެ ދަތި ހާލަތު އައިސްނިމި އެއަށްވުރެ ދަތި ހަނގުރާމައެއްގެ ތެރޭގައި އޮތްއިރު ވެސް ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ތިބޭފުޅުން ބޭނުންވާ އެއްވެސް ކަމެއް ދަތިނުވާނެހެން، މި ދަތި ހާލަތުގައި ވެސް ކޮންމެވެސް ގޮތެއް ހޯއްދަވައިގެން ކުރައްވާކަމީ އަޅުގަނޑުމެން ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ޝުކުރެއް ދަންނަވަން ބޭނުންވާކަމެއް،" އާޒިމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ ކަންކަން ކޮށްދޭން ބޭނުންފުޅުވާ ވެރިއެއް ކަމަށް އާޒިމް ވިދަޅުވިއެވެ. އެގޮތުން މިދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން 92 މަޝްރޫއު ނިންމާފައިވާކަމަށާއި މިހާރު ވެސް 110 މަޝްރޫއު ކުރިއަށްގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ދިވެހި ރާއްޖޭގަ މުޅި ތާރީޚުގަ ވެސް އެތައްސަތޭކަ އަހަރެއްގެ ތާރީޚުގަ ވެސް މި މަދު ތިން އަހަރުތެރޭ ނުކުރެވޭހާ މަސައްކަތް މި ކުރަނީ، ގާތްގަނޑަކަށް އަޅުގަނޑުމެން މިހާރުވެސް މި ކުރަނީ މިދިޔަ ވިއްސަކަށް އަހަރުތެރޭ ނުކުރެވޭހާ މަސައްކަތް،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންއެދޭފަދައިން ރަށްތައް ތަރައްގީކޮށްދިނުމުގައި ރައީސް ކުރައްވާ އާދަޔާ ޚިލާފު މަސައްކަތަށް ޝުކުރުދަންނަވާކަމަށެވެ.

comment ކޮމެންޓް