މިދިޔަ ކުއާޓަރުގައި ދައުލަތަށް ލިބުނު އާމްދަނީ، އަންދާޒާ ކުރިވަރަށްވުރެ 50 އިންސައްތަ އިތުރު

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި މީރާއިން ދައުލަތަށް ބަލައިގަން އާމްދަނީ، އަންދާޒާ ކުރި ވަރަށް ވުރެ 50 އިންސައްތަ އިތުރުވެއްޖެއެވެ.

މީރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޖުމްލަ 5.29 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެ އިދާރާއިން ވަނީ ބަލައިގަނެފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ބަލައިގަތް 3.40 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 55 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ ކުއާޓަރުގައި ލިބުނު އާމްދަނީގެ ތެރެއިން 3.98 ބިިލިއަން ރުފިޔާއަކީ ޓެކުހުން ލިބުނު އާމްދަނީއެވެ. ބާކީ 1.31 ބިލިއަން ރުފިޔާ އަކީ އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީއެވެ.

އެ އިދާރާގެ ކުއާޓާލީ ރިޕޯޓުގައި ވާގޮތުން، މިދިޔަ ކުއާޓަރުގައި އާމްދަނީ އިތުރުވި ސަބަބަކީ އެކި ޓެކުހާއި، ފީތަކުން ލިބުނު އާމްދަނީ އިތުރުވުމެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ޓެކުހުން ލިބުނު އާމްދަނީ 60 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން، އާމްދަނީން ނަގާ ޓެކުހާއި، ޖީ.އެސް.ޓީ އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ އިތުުރުން އެއާޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ބަލައިގަތް އާމްދަނީ ވަނީ އިތުރުވެފައެވެ.

ޓެކްސް ފިޔަވާ އެހެނިހެން ގޮތްގޮތުން ލިބުުނު އާމްދަނީ ވަނީ 45 އިންސައްތަ އިތުރުވެފައެވެ. އެގޮތުން، ރިސޯޓުތަކުގެ ކުލީގެ މުއްދަތު 99 އަހަރަށް އިތުރު ކުރުމަށް ނަގާ ފީއިން ޖުމްލަ 10 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވާ ކަމަށް މީރާގެ ރިޕޯޓުގައިވެއެވެ. މީގެ އިތުރުން، އަލަށް ކުއްޔަށް ދޫކުރި ރަށްތަކުގެ ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީ ވެސް ބަލައިގަތް މިންވަރު ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް