މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނީ އެއް އާއިލާއަށް: އެންޑީއެމްއޭ

މެޓު އޮފީހުން ބުނެފައިވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިހާތަނަށް ގެއްލުން ލިބިފައިވަނީ އެއް އާއިލާއަށް ކަމަށް, ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނ. މާޅެންދޫ އަދި ނ. ހެނބަދޫގައި ފެންބޮޑުވިކަމަށެވެ. އަދި މާޅެންދޫން އެއް ގެއަށް ފެންވަނުމުގެ ސަބަބުން, އެ ގޭގައި ދިރިއުޅެމުން އައި އާއިލާ އެހެން ގެއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެންޑީއެމްއޭ އިން ބުނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ ދެ ރަށުންވެސް ފެން ހިންދާފައިވާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ ރ. އަތޮޅާއި ގއ. އަތޮޅަށް އުދައިގެ އަސަރު ކޮންމެސް ވަރަކަށް ކޮށްފައިވީ ނަމަވެސް އެއްވެސް ގެއަކަށް ނުވަތަ ތަނަކަށް ގެއްލުންވެފައި ނުވާ ކަމަށެވެ.

އެ އޮތޯރިޓީން އެހެން ބުނެފައިވާއިރު މެޓު އޮފީހުން ބުނެފައިވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށެވެ. އަދި ގަދަ ވިއްސާރައާއެކު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދަ އެރުން އެކަށީގެންވާ ކަމަށެވެ.

ވިއްސާރައިގެ ސަބަބުން މިއަދު ހެނދުނު 10:00 އިން މެންދުރު 02:00 އަށް ހއ. އަތޮޅުން އދ. އަތޮޅަށް ޔެލޯ އެލާޓްވެސް ވަނީ ނެރެފައެވެ.

ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުންނާނެ ކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ ހުރިހާ ފަރާތްތަކުން ވެސް ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

މި ފަހުން ވެސް ރާއްޖޭގެ ގިނަ ރަށްތަކަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއްވިއެވެ. އެގޮތުން ބައެއް ރަށްރަށުގެ ގެތަކަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވިއެވެ.

comment ކޮމެންޓް