ތިލަ މާލެ ބްރިޖުގެ ބިންގާ އެޅުން އިންޑިއާގައި

ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ކުރިއަށް ދަނީ --- ފޮޓޯ/ އެފްކޮންސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި، މާލެއާއެކު ތިލަފުށި އަދި ވިލިމާލެ ގުޅުވާލުމަށް އަޅާ ބްރިޖުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އެ ގައުމުގައި ބޭއްވުމަށް ނިންމައިފިއެވެ.

އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ވެރި ރަށް ނިއުދިއްލީގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކު އަޒީޒް މިއަދު "ސަން"އަށް ވިދާޅުވީ ތިލަމާލޭ ބްރިޖުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އިންޑިއާ އަދި ރާއްޖޭގައިވެސް އޮންނާނެ ކަމަށެވެ. އަދި އެ ރަސްމިއްޔާތު އޮންނާނީ އަންނަ އަންގާރަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެ ކޮޅުގަވެސް ބާއްވަން ވަނީ ހަމަޖެހިފަ. އިންޑިއާ އަދި ރާއްޖޭގަވެސް. ހަމަ އެއް ގަޑިއެއްގަ. އިވެންޓު ލައިވްކުރާނެ،" މަބްރޫކު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށް، ކަމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގައެވެ.

އެކުންފުނިން ވަނީ އަންނަ އަހަރުގެ ޖުލައި މަހު މާލެއާއި ވިލިނގިލި ގުޅާލައި، ދެ ރަށް ދޭތެރޭގައި ބްރިޖުން ދަތުރުކުރަން ފެށޭނެ ކަމަށް ބުނެފައެވެ. އަދި 2024 ވަނަ އަހަރު ބުރިޖުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 މީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިމާލޭގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެއެވެ. އަދި ގުޅީފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓްތަކެއް ގާއިމް ކުރާނެއެވެ.

އޭގެ އިތުރުން ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.

comment ކޮމެންޓް