ކްލިކް ކޮލެޖާއި އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީ އަދި އިނގިރޭސިވިލާތުގެ ނޮޓިންހަމް ޓްރެންޓް ޔުނިވާސިޓީ ގުޅިގެން އިންތިޒާމުކުރާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ޓޫރިޒަމް އެންޑް ސޯޝަލް ރިސާޗް" (އައިސީޓީއެސްއާރު 2022) ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
މި ކޮންފަރެންސް ކުރިއަށްދާނީ އަންނަ މަހުގެ ދެއަކުން ފަހަކަށް އއ. އުކުޅަހުގައެވެ.
އެ ކޮންފަރެންސްގެ މިފަހަރުގެ ޝިއާރުކަމަށްވާ "ރީތިންކިންގ ޓޫރިޒަމް، ހޮސްޕިޓާލިޓީ އެންޑް އިވެންޓްސް ފޯ އަ ބެޓަރ ފިއުޗަރ" ގެ ދަށުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ދުނިޔޭގެ ފަތުރުވެރިކަމާއި ގުޅުންހުރި ހަރަކާތްތައް އަލުން ތަރައްޤީކުރެވޭނެ ގޮތްތަކަށެވެ.
މި ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެ ހަރަކާތްތެރިވާ ފަރާތްތަކާއި ޕޮލިސީ ހަދާ ފަރާތްތަކާއި އެކަޑަމިކް ބޭފުޅުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރު ހުރި ގޮންޖެހުންތަކާއި މި ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޢުލޫމާތު ހިއްސާކޮށް މަޝްވަރާ ކުރާނެއެވެ.
ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މި ދާއިރާއަށް އިތުރު ކުރިއެރުން ލިބޭނެ ފަދަ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށެވެ.