ކޮޅުވެއްޓިއަކުން ޖެހި ހުޅުދުއްފާރުގެ ޕެޓްރޯލް ޝެޑް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ

ހުޅުދުއްފާރުގެ ޕެޓްރޯލް ޝެޑް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި -- ފޮޓޯ/ ހުޅުދުއްފާރު ފޭސްބުކް ޕޭޖް

ހައިމާކެއް ބަރުކޮށްގެން ރ. ހުޅުދުއްފާރު ބަނދަރާ ގާތްކުރަން އުޅުމުގެ ތެރޭގައި ކޮޅުވެއްޓިއެއްގެ ރޭމްޕުން ޖެހި އެރަށުގެ ޕެޓްރޯލް ޝެޑް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ.

އެކަމާ ގުޅިގެން "ސަން" އާ ވާހަކަދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އާތިފް ވިދާޅުވީ ހާދިސާ ހިނގީ މިއަދު މެންދުރު 11:00 ހާއިރު ކަމަށެވެ.

"ރަށަށް ވަންއިރު ވެސް ރޭމްޕް އިނީ ވައްޓާލާފަ. ބަނދަރާ ކައިރިކުރަން އުޅުން އިރުވެސް ރޭމްޕް އިނީ ހަމަ ވައްޓާލާފަ. އެއީ އަސްލު މަނާކަމެއް. އެކަމަކު މޫސުން އެހާ ގޯސްވީމަ އެވަގު އެމީހުނަށް ވެސް ސަމާލުކަން ދޭންވާވަރަށް ސަމާލުކަން ނުދެވުނީ،" އާތިފް ވިދާޅުވިއެވެ.

އެރަށުގެ ޕެޓްރޯލް ޝެޑުން ޚިދުމަތް ދޭން ފަށާފައި ވަނީ މިއަހަރުގެ ރަމަޟާން މަހުގެ ވެސް ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ނަމަވެސް މި ހާދިސާއާ ގުޅިގެން ޕެޓްރޯލް ޝެޑްގެ ޚިދުމަތް ގިނަ ދުވަސްތަކަކަށް މެދުކެނޑޭނެ ކަމަށް އާތިފް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް