ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާ އެކު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ތަކެއް ލީކުވުމާ ގުޅިގެން ހިންގަމުން އަންނަ ތަހުގީގަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ފޯރަމުން ނުދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ފުލުހުންނަށް ނުފޫޒު ފޯރުވާ ކަމަށް ދެކެވެމުންދާ ވާހަކައަކީ ދޮގެއް ކަމަށެވެ.
"އެއްވެސް ފަރާތަކުން މިމައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒެއް ފޯރުވާފައިނުވޭ،" އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ މައްސަލައިގައި ހިމެނޭ ވީޑިއޯތައް ދައުރުކުރުވަން ފެށުމާއެކު، ބައެއް ފަރާތްތަކުން އެކި މަގުސަދުތަކުގައި ސައްހަ ނޫން ފޮޓޯ ހަދައިގެން ދައުރުކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެ ސަބަބަށްޓަކައި ފުލުހުން ވަކި ފަރުދަކަށް އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން ވީޑިއޯތަކާއި، ފޮޓޯތައް ތަހުލީލުކޮށް، އޭގެ ސައްހަކަން ކަށަވަރު ކުރި ކަމަށް ފުލުހުން ބުންޏެވެ.
"މިގޮތުން ޖިނާޢީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއްކަން ފާހަގަކުރަން. މިހާތަނަށް ފޮރެންސިލް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވީޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް މިމައްސަލަތަކުގައި މިސަރވިސްއިން މިދަނީ ހިންގަމުން،" އެ ބަޔާނުގައި ވެެއެވެ.
ފުލުހުން ބުނީ އެ މައްސަލަޔާ ގުޅިގެން މިހާތަނަށް 45 އަހަރާއި، 35 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުއެވެ.
މީގެ އިތުރުން، ގާނޫނީ ވަކީލު، އަހްމަދު ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރުމަށް ވެސް ފުލުހުން ކޯޓު އަމުރު ނަގާފައިވާ ކަމަށް އެނގިފައިވެއެވެ. އޭނާ މި ވަގުތު ހުރީ މާލެއިން ބޭރުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.