ގޮޓަބަޔާ ރާޖަޕަކްސަ ސިންގަޕޫރުގައި ހުންނަވާ މުއްދަތު އިތުރުކުރައްވައިފި

ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ --- ފޮޓޯ/ އަޑާ ޑެރާނާ

ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ސިންގަޕޫރުގައި މަޑުކުރައްވާ މުއްދަތު އިތުރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓެއްގައި ބުނެފިއެވެ.

ދަ ސްޓްރެއިޓްސް ޓައިމްއިސް ނޫހުން ރިޕޯޓުކުރާގޮތުގައި އެ މަނިކުފާނު ސިންގަޕޫރުގައި ހުންނަވާ މުއްދަތު އިތުރުކޮށްފައިވަނީ 14 ދުވަހަށެވެ. އެއީ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށްށެވެ.

ގޮތަބަޔާގެ ވިސާގެ މުއްދަތު އިތުރުކުރައްވާފައިވާ އިރު، އިއްޔެގެ ވަގުތެއްގައި ލަންކާގެ ވަޒީރުންގެ މަޖިލީހުގެ ތަރުޖަމާނު ބަންޑުލާ ގުނަވާދެނާ ގޮޓަބަޔާ ލަންކާއަށް އެނބުރި ވަޑައިގަންނަވާކަން ހާމަކުރައްވާފައިވެއެވެ.

ސްރީލަންކާގައި ތެލާއި، އަސާސީ އެހެނިހެން ބާވަތްތައް އެތެރެކުރުމަށް ދަތިވެ، ތަކެތީގެ އަގު ވަނީ އުފުލިފައެވެ. އަދި މި އަހަރުގެ މާޗުމަހުގެ ތެރޭގައި އެ ގައުމުން ވަނީ ބޭރު ދަރަނި ދެއްކުން ހުއްޓާލާ، ގައުމު ބަނގުރޫޓުވިކަން އިއުލާނުކޮށްފައެވެ.

މި ސަބަބުތަކާ ހުރެ، އޭރު ބޮޑުވަޒީރުކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ އާއި، ރައީސް ގޮތަބަޔަގެ އިތުރުން، މުޅި ސަރުކާރު އެއްކޮށް އިސްތިއުފާ ދިނުމަށް ގޮވާލާ ރައްޔިތުން މުޒާހަރާ ކުރަން ފެށިއެވެ.

އެންމެ ފަހުން، ގޮތަބަޔަ އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރެއްވީ މުޒާހަރާގެ ބައިވެރިން އެ ގައުމުގެ ރިޔާސީ ގަނޑުވަރަށް ވަދެ، އެތަން ހިފުމާއެކުއެވެ.

އުމުރުން 73 އަހަރުގެ ގޮޓަބަޔާ ރާޖަޕަކްސަ ރައީސް ކަމުގެ މަގާމުން އިސްތިއުފާދެއްވަން ނިންމަވާ އެކަން އިއުލާންކުރައްވާފައި ވަނިކޮށް ސްރީލަންކާ ދޫކޮށް ފިއްލަވައިގެން އެންމެ ފުރަތަމަ ވަޑައިގެންނެވީ ރާއްޖެއަށްށެވެ. ރާއްޖޭގައި ގާތްގަޑަކަށް 36 ގަޑިއިރު ހޭދަކުރެއްވުމަށްފަހު ގޮތަބަޔާ ވަޑައިގެންނެވީ ސިންގަޕޫރަށެވެ.

މި މަހުގެ 14 ވަނަ ދުވަހުގައި ގޮތަބަޔާ ސިންގަޕޫރުގައި ހުންނަވައި އިސްތިއުފާގެ ސިޓީ ވަނީ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް އަރުވާފައިވެއެވެ.

comment ކޮމެންޓް