ޔޯގާގެ އަސްލު އައިސްފައި ވަނީ ހިންދޫ އަޅުކަމެއްގެ ގޮތުގައި: އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ އަދާލަތު ޕާޓީ

ޔޯގާގެ އަސްލު އައިސްފައި ވަނީ ހިންދޫ ދީނުގެ އަޅުކަމެއްގެ ގޮތުގައިކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

ޔޯގާ އައިސްފައިވާ ގޮތާއި ޔޯގާއާ މެދު އިސްލާމްދީނުގައި ދެކޭގޮތް ހާމަކޮށް އެ ޕާޓީން މިރޭ ނެރުނު ދިރާސާ ކަރުދާހެއްގައި ވަނީ އެ ދިރާސާގެ އަލީގައި ޔޯގާގެ ހަރަކާތްތަކާއި އަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެ ބަޔާންވެފައިވާކަމަށެވެ.

އެ ދިރާސާގައި ބުނާ ގޮތުން ޔޯގާގައި ބުދު ދީނުގެ އިރުޝާދާއި ފިކުރުތަކުގެ ތެރެއިން ވާ ކަންތައްތަކެއްވެއެވެ. އެގޮތުން ޔޯގާ ހަދާ އިރު ހެދުމެއް ނުލާ ހުރުމަކީ އެންމެ އެދެވިގެންވާ ގޮތްކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

"ހެދުމެއް ލީނަމަވެސް، މެޔާއި ބުރަކަށި އަދި ފަލަމަސްގަނޑު ހާމައަށް ބޭއްވުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. އަދި އިރުއޮއްސޭ ގަޑި އާއި އިރުއަރާ ގަޑީގައި އެ ހަރަކާތްތައް ކުރުމެވެ. އަދި ބޮޑަށް އެދެވިގެން ވަނީ ވީހާވެސް ހާމަތަނެއްގައި އެހަރަކާތްތައް ކުރުމެވެ. އިރު ނުފެންނަ ތަނެއްގައި [އިމާރާތެއްގެ ތެރޭގައި] ހަރަކާތްތައް ކުރާނަމަ އިރެއް ކުރަހާފައި ފާރުގައި ތަތްކޮށްފައި ބެހެއްޓުން އެދެވިގެންވެއެވެ،" އެ ދިރާސާގައިވެއެވެ.

މީގެއިތުރުން ޔޯގާ ކުރުމުގެ ތެރޭގައި ހިންދޫ ދީނުގެ ޚާއްސަ ކަންތައްތަކެއް އިޢުތިޤާދު ކުރުމާއެކު ޔޯގާ ހަދާއިރު ހިންދޫ ކަލާނގެއަށް ނިސްބަތްވާ ގޮތައް ޚާއްސަ ކަލިމަތަކެއް ކިޔަން ޖެހޭކަމަށް އެ ދިރާސާ ކަރުދާހުގައިވެއެވެ. އެގޮތުން އެކަމުގެ ތެރޭގައި ކުރާ އިޢުތިޤާދު ތަކަށް ބަލާއިރު މީހާ މަރުވުމަށްފަހު ރޫޙު އެހެން މަޚްލޫޤަކަށް ބަދަލުވާކަމާއި މަތިވެރި އިލާހާ އެކުވާކަމާއި އަދި އިރު ކަލާނގެ މަތިވެރި ކުރުންފަދަ އެތައް އިޢުތިޤާދުތައް ޔޯގާގެތެރޭގައި ހިމެނޭ ކަމަށް ވެސް އެ ދިރާސާ ކަރުދާހުގައިވެއެވެ.

ހަމައެހެންމެ ކިޔަން ޖެހޭ ލަފްޒުތަކަށް ބަލާއިރު އިރަށް ދެވިފައިވާ ނަންތައް ކިޔާ އިރު މަތިވެރި ކުރުމާއެކު ބޯލަނބާ އަޅުވެތިވާ ކަން ބަޔާންކުރަން ޖެހޭ ކަމަށް ވެސް އެ ދިރާސާ ކަރުދާހުގައިވެ އެވެ.

ފަހުގެ އިލްމުވެރިން ޔޯގާއާ ބެހޭގޮތުން ތަފާތު ރައުޔުތަކަށް ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން ފުރަތަމަ ރައުޔުގައި ގިނަ ޢިލްމުވެރިން މުޅި ޔޯގާ އެއްކޮށް ޙަރާމް ކުރައްވައެވެ. މި ރައުޔުގައި ޔޯގާގެ އަސްލު ކަމުގައި ހިންދޫ ދީނުގެ މަފްހޫމުގައި ވާ ޔޯގާ ހެދުން މުސްލިމަކަށް ހުއްދަ ނުވާނެކަމާއި އެއީ ކަންޑައެޅިގެން އިސްލާމްދީނާ ޚިލާފު ކަމެއްކަމަށް ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެއެވެ.

ދެވަނަ ރައުޔުގައި އަނެއްބައި އިލްމުވެރިން މުޅި ޔޯގާ އެއްކޮށް ހުއްދަ ކުރައްވައެވެ. މިހެން ހުއްދަ ކަމަށް ވިދާޅުވާ ބޭފުޅުން ޙުކުމް ބިނާކުރައްވަނީ ޔޯގާގެ މަފްހޫމު ހުޅަނގުގެ ޤައުމުތަކުގައި މަޝްހޫރުވެފައިވާ ގޮތުގެ މައްޗަށެވެ. އެއީ ކަސްރަތެއް ނުވަތަ ކުޅިވަރެއްގޮތުގައެވެ.

ތިންވަނަ ރައުޔުގައި އިލްމުވެރިން ހުކުމް ކަނޑައެޅެއްވުމުގައި “ޔޯގާ” ހަދާގޮތުގެ މައްޗަށް ބިނާކޮށް ހުކުމް ކަނޑައަޅުއްވައެވެ. އެގޮތުން ޔޯގާގެ ތެރޭގައި ހިމެނޭ އިސްލާމީ ޝަރީޢަތާ ޚިލާފު ނުވާ ހަރަކާތްތަކާއި ކަންތައް ހުއްދަ ކުރައްވައެވެ.

ނަމަވެސް މި ރައުޔުގައިވާ ޝަރުތުތައް ގެނައުމުން ޔޯގާގެ އަސްލު ގެއްލި އެއީ ޔޯގާގެ މާނައިން ބޭރުގެ ހަރަކާތްތަކެއްކަމަށްވާ ކަމަށް އެ ދިރާސާ ކަރުދާހުގައިވެއެވެ. އަދި ޔޯގާ ހުއްދަވަނީ ކަމުގައި ބުނުމަށްވުރެ ޔޯގާގެ ނަމުގައިވާ ހަރަކާތްތަތަކެއް ހުއްދަ ވަނީ ކަމުގައި އެ ރައުޔުން އެނގޭ ކަމަށް ދިރާސާ ކަރުދާހުގައިވެއެވެ. އެ ރައުޔުގެ ނަތީޖާއަކީ ހިންދޫދީނުގެ މަފްހޫމުގެ ޔޯގާއާއި ހުޅަނގުގެ މަފްހޫމުގެ ޔޯގާވެސް ހުއްދަ ނުވުން ކަމަށް އަދާލަތު ޕާޓީގެ ދިރާސާ ކަރުދާހުގައިވެއެވެ.

އެ ދިރާސާ ކަރުދާހުގައިވާގޮތުން ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ ސަބަބުތަކުގެ ތެރޭގައި ޝިރުކުގެ އަމަލު ޔޯގާގެ ތެރޭގައި ހިމެނުން ހިމެނެއެވެ. އަދި ޔޯގާގެ ތެރޭގައި އިސްލާމީ އަގީދާއާ ފުށު އަރާ ކަންކަން ހިމެނުމާއި، ޔޯގާގާއި ހިމެނޭ އަސާނާ ތަކުގައި އެކި ކަލާނގެ އަށް ކުއްތަންވުން ހިމެނޭތީ އާއި، ޔޯގާގާއި ހިމެނޭ ދިހިޔާނާ ގައި އިސްލާމްދީނާ ފުށު އަރާ ކަންކަން ހިމެނުމަކީ ޔޯގާ ހުއްދަ ނުވާ ސަބަބުތައް ކަމަށް އެ ދިރާސާ ކަރުދާހުގައިވެއެވެ.

comment ކޮމެންޓް