އެސްޓީއޯ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރޭޑިއޯގްރަފީ ކޯސްހަދާ ދަރިވަރުންނަށް އޭޑީކޭ ހޮސްޕިޓަލުން އިންޓާންޝިޕް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ އެކުލަވާލި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މަރިޔަމް ނުޒްލާއެވެ. އަދި އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލެވެ.
ރޭޑިއޯގްރަފީއަކީ ރޭޑިއޭޝަން މެދުވެރިކޮށް އެތެރެ ހަށީގެ ގުނަވަންތަކުގެ ފޮޓޯނެގުމުގެ ހުނަރެވެ. ރޭޑިއޯގްރާފަރުންނަކީ އެކްސް-ރޭ އާއި އަލްޓްރާ ސައުންޑް ސްކޭނާއި އެމްއާރުއައި އަދި މެމޯގްރާފް ނެގުމުގެ ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ ބައެކެވެ.
އެސްޓީއޯއިން ބުނީ "ޑިޕްލޮމާ އިން ރޭޑިއޯގްރަފީ" ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައިކަމަށެވެ. މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެކެވެ.
ކޯހަށް ހޮވޭ 25ކުދިންގެ ފުރަތަމަ ބެޗުގެ ކޯސްފީ އެސްޓީއޯއިން ހަމަޖައްސައިދޭނެކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ. މިއީ ލެވެލް ފަހެއްގެ ފެންވަރުގެ ކޯހެކެވެ. ކޯހުގެ މުއްދަތަކީ ދެ އަހަރާ ހަ މަސްދުވަހެވެ.
މި ކޯހުގައި ބައިވެރިވާ ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި 2019ވަނަ އަހަރު ރަޖިސްޓްރީކުރި އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓް އަދި މިދިޔަ އަހަރު ހުޅުވި އެސްޓީއޯ ޖީއީ ސްކިލް ލެބްގައެވެ.