ކުޑަގިރީގައި ގާއިމްކުރި އިންޖީނުގޭގެ މަސައްކަތް ނިންމާ، ރަސްމީކޮށް ކަރަންޓުދޭން ފަށައިފި

ކުޑަގިރީގެ އިންޖީނުގޭގެ މަސައްކަތް ނައިބު ރައީސް ބައްލަވާލައްވަނީ-- ފޮޓޯ: ފެނަކަ

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ސަރުކާރުން ގާއިމްކުރި ޕިކްނިކް އައިލެންޑް، ކުޑަގިރީގައި ފެނަކަ ކޯޕަރޭޝަނުން ގާއިމްކުރި އިންޖީނުގޭގެ މަސައްކަތް ނިންމާ، އެރަށަށް ރަސްމީކޮށް ކަރަންޓް ދޭން އިއްޔެ ފަށައިފިއެވެ.

އެރަށަށް ރަސްމީކޮށް ކަރަންޓުދޭން ފެށުން އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ކުޑަގިރީގައި ގާއިމްކުރި އިންޖީނުގެއަކީ 350 ކިލޯވޮޓްގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ހުރި އިންޖީނުގެއެކެވެ. އަދި މި އިންޖީނުގެއާއެކު 50،000 ލީޓަރުގެ ތެޔޮ ރައްކާކުރަނެ ވަސީލަތް ވެސް ފެނަކައިން ވަނީ އެރަށުގައި ގާއިމްކޮށްފައެވެ.

އެރަށަށް ރަސްމީކޮށް ކަރަންޓުދޭން ފެށުމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ކުޑަގިރީގެ މަސައްކަތް ނިންމުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ފެނަކައިން ކުޑަގިރީގައި ކުރަނީ ކަރަންޓުގެ މަސައްކަތާއި ވޯޓާ ސްޕޯޓްސްގެ މަސައްކަތެވެ.

ސައީދު ވިދާޅުވީ އަމާޒަކީ ވޯޓާ ސްޕޯޓްސްގެ މަސައްކަތް ކުރިއަށްއޮތް ދެތިން ހަފުތާތެރޭ ނިންމުން ކަމަށެވެ.

"ވޯޓާ ސްޕޯޓްސް ގާއިމްކުރަނީ އެންމެ މި ޒަމާނުގެ ވަސީލަތްތަކާއެކީ، ކުޑަގިރި ޕްރޮޖެކްޓަކީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިންހަމަޖެހުމެއް،" އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ކުޑަގިރި ޕްރޮޖެކަޓަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫއެއްކަމަށެވެ.

ކުޑަގިރި މަޝްރޫއު ކުރިއަށްގެންދަނީ ސަރުކާރުގެ އެކި ކުންފުނިތަކުންނެވެ. އެގޮތުން ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށް ޓަކައި ބިން ހިއްކާފައިވަނީ އެމްޓީސީސީގެ ފަރާތުންނެވެ. އަދި ސްޓެލްކޯއިން ވަނީ މިމަހުގެ ކުރީކޮޅު އެރަށުގެ ޑިސްޓްރިބިއުޝަން ނެޓްވޯކްއަޅާ މަގުބައްތި ހަރުކުރުމުގެ މަސައްކަތް ނިންމާފައެވެ.

އެރަށުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް މިހާރު ވަނީ ފަށައިފައެވެ.

comment ކޮމެންޓް