ޒަކާތު ފައިސާ ބެހިގޮތުގެ ރިޕޯޓު ރ. ދުވާފަރު ކައުންސިލުން އިސްލާމިކް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށް އެ މިނިސްޓްރީން މިއަދު ބުނެފިއެވެ.
ދުވާފަރު ކައުންސިލަށް މުދަލު ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318,600 ރުފިޔާ އެ ކައުންސިލްގެ މެންބަރެއްގެ ބޭންކު އެކައުންޓަށް ޖަމާވި ކަމަށާއި އޭގެފަހުން އެ ފައިސާއަށް ވީނުވީއެއް ނޭނގޭ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެކުލަވާލި ޚާއްސަ މޮނިޓަރިން ރިޕޯޓެއްގައި ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ދުވާފަރު ކައުންސިލުން މި އަހަރުގެ ފިޠުރު ޒަކާތާއި މިދިޔަ އަހަރުގެ މުދަލު ޒަކާތް ވެސް އޭގެ ހައްގުވެރިންނަށް ބެހުމަށްފަހު އެކަމުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް އެ މިނިސްޓްރީއަށް ފޮނުވި ކަމަށެވެ.
"...މި ލިޔުންތަކަކީ ޒަކާތުގެ ހައްގުވެރިންނަށް ލިބެންޖެހޭ މިންވަރު ލިބުނުކަން މިނިސްޓްރީން ކަށަވަރުކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށް ފާހަގަކުރެވެއެވެ،" އެ ބަޔާނުގައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އަބަދުވެސް އަންނަނީ ޒަކާތުގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓާ މޮނިޓާކުރަމުންކަމަށެވެ. އަދި ކައުންސިލް އިދާރާތައް މެދުވެރިކޮށް ކޮންމެ އަހަރަކު ފިޠުރު ޒަކާތާއި މުދަލު ޒަކާތުގެ ފައިސާ އޭގެ ހައްގުވެރިންނަށް ރައްދުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރާކަމަށް އެ ބަޔާނުގައިވެއެވެ.
ކައުންސިލްތައް މެދުވެރިކޮށް ކޮންމެ އަހަރަކު ޒަކާތް ބެހުމަށްފަހު އެ ފައިސާ ބެހިގޮތުގެ ރިޕޯޓްތައް ކައުންސިލްތަކުން ހޯދުމަކީ، އެ މިނިސްޓްރީން ޚާއްސަ ސަމާލުކަމެއް ދީގެން ކުރާކަމެއް ކަމެއްކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން، ޒަކާތުގެ ފައިސާއާ މެދު އާންމުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށާއި، އާންމު ރައްޔިތުން މިނިސްޓްރީއަށް ކުރާ އިތުބާރު ގެއްލޭފަދަ މޭރުމުން ޚަބަރު ފެތުރުން ހުއްޓާލުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް މިއަހަރުން ފެށިގެން މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ، އެ މީހުންގެ އެކައުންޓަށް އެ މިިނިސްޓްރީން ފައިސާ ޖަމާކުރާ ގޮތަށްކަމަށެވެ.
އެލްޖީއޭ އިން އެކުލަވާލި ޚާއްސަ މޮނިޓަރިން ރިޕޯޓުގައި ވަނީ މުދަލު ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318,600 ރުފިޔާ މިދިޔަ އަހަރުގެ ސެޕްޓެންބަރު 16 ވަނަ ދުވަހު ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު މުޙައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
އަދި މުދަލު ޒަކާތުގެ ހައްގުވެރިންނަށް ފައިސާ ހަވާލުކުރިކަމަށް ބުނެ އެލްޖީއޭއަށް ލިބިފައިވާ ލިޔުމުގައި ފައިސާ ހަވާލު ކުރި ފަރާތްކަމުގައި ބަޔާންކޮށްފައި ވަނީ ކައުންސިލް މެންބަރު ޒުހުދާ އާދަމް ކަމަށް އެ ރިޕޯޓުގައި ވެއެވެ.
ނަމަވެސް، ޒުހުދާއާ ހަވާލުކުރި ފައިސާ އަކީ މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޒަކާތުގެ ގޮތުގައި ޖަމާކުރި 318،600 ރުފިޔާކަމެއް ނުވަތަ އެހެން ފައިސާ އެއް ކަމެއް ކަށަވަރުވެފައި ނުވާކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.
މީގެއިތުރުން، ލިޔެކިޔުންތަކުން ފާހަގަކުރެވިފައިވާ ގޮތުގައި ޒަކާތް ދިނުމަށް ބޭނުންވާ 54,608 ރުފިޔާ ކައުންސިލް މެންބަރު ޒުހުދާ އާދަމްއާ ނަގުދުކޮށް ހަވާލުކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
އަދި ޒުހުދާއާ ހަވާލުކުރި ފައިސާ ލިބެންވީ ފަރާތްތަކަށް ދިފައިވާކަން އެއްވެސް ލިޔެކިޔުމަކުން ކަށަވަރު ކުރެވެން ނެތް ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.