ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ދަރަނި މެނޭޖުކުރުމަށް ނަސޭހަތްތެރިވަން: ސިޔާމް

އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ވަށާޖެހޭނެ ނިޒާމެއްގެ ދަށުން ދަރަނި މެނޭޖްކޮށް، ލިބޭ އާމްދަނީއަށް ބަލައިގެން ޚަރަދުކުރާ ބަޔަކަށް ވުމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.

ރާއްޖޭގެ 58ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ސިޔާމް ދެއްވި ޚާއްސަ ޚިތާބުގައި އޭނާ ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ދިރިއުޅުމަށް ކުރިމަތިވަމުން އަންނަ ދަތި އުނދަގޫތަކުން އަރައިގަންނަން އެންމެން އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"މިއަދު އެތެރެވަރީގެ ބައެއް ގައުމުތަކުގައި ކަންތައްތައް ހިނގާދާ ގޮތަށް ވިސްނާ، މި ގައުމުގެ އިގްތިސާދު ބަނގުރޫޓު ވިޔަ ނުދިނުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް މިހާރުން މިހާރަށް އެޅުމަށް ދައުލަތުގެ އެންމެހާ ފަރާތްތަކަށް އަޅުގަނޑު ގޮވާލަމެވެ." ސިޔާމްގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ވެސް ސިޔާމްގެ ޚިތާބުގައި ރާއްޖެއަށް މިނިވަންކަން ހޯދައިދެއްވުމަށް މަސައްކަތްކުރެއްވި ބަތަލުންގެ ޒިކުރާ އާކުރުމުގެ މުހިއްމުކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން، މިނިވަން ކަމުގެ ބާނީ، ކުރީގެ ރައީސް އިބްރާހީމް ނާޞިރު ގެންގުޅުއްވި ހިކުމަތްތެރިކަމާއި، ދުރުވިސްނުމާއި، ކޮންމެ ކަމެއްގައި ވެސް ގައުމު އިސްކުރުމުގެ ސިޔާސަތު ނަމޫނާއަކަށް ބަލަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"ރައީސް ނާޞިރާއި، އެ މަނިކުފާނާއެކު، މި ލޮބުވެތި ވަތަނަށް މިނިވަންކަން ހޯދުމަށްޓަކައި، ކުރެވުނު ނުހަނު ބުރަ، ހިކުމަތްތެރި މަސައްކަތުގައި، އެކި ގޮތްގޮތުން ބައިވެރިވެ ވަޑައިގެންނެވި އެންމެހައި ބޭފުޅުން ކުރެއްވި މަސައްކަތަކީ، މި ދިވެހިރާއްޖެ ދުނިޔޭގައި އޮތްހާ ހިނދަކު، އެކަމާ މެދު ޝުކުރުވެރި ވާނޭ ކަމެކެވެ." ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް