ދިއްލީން މަކުނުވިދުރި ޖެހިފައި ހުރި މީހަކު ފެނިއްޖެ

މަކުނުވިދުރީގެ ކޭސްތައް 75 ގައުމަކުން ވަނީ ފެނިފަ -- ފޮޓޯ/ އީޕީއޭ

އިންޑިއާގެ ވެރިރަށް ދިއްލީގައި ދިރިއުޅޭ މީހަކަށް މަކުނުވިދުރި ޖެހި، ފަރުވާ ދޭން ފަށައިފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ މަކުނުވިދުރި ޖެހިފައި ވަނީ 34 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އޭނާއަކީ މީގެ ދުވަސްތަކެއް ކުރިން ހޮސްޕިޓަލަށް ދިޔަ މީހެއް ކަމަށާއި އޭނާގެ ފަރާތުން ފެނުނު އަލާމާތްތަކަކީ ހުން އައުމާއި ހަންގަނޑުގައި ފާރު ހެދުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެއާއެކު ދިއްލީގެ ލޮކް ނަޔަކް ހޮސްޕިޓަލުގައި އޭނާ އެކަހެރި ކުރި ކަމަށާއި އޭނާއަށް މަކުނުވިދުރި ޖެހިފައިވާކަން ޓެސްޓުތަކުން ޔަގީންވީ އިއްޔެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އޭނާއަކީ އިންޑިއާއިން މަކުނުވިދުރި ޖެހުނު ހަތަރު ވަނަ މީހާއެވެ. މީގެ ކުރިން އެގައުމުން ބަލި ޖެހުނު ތިން މީހުންނަކީ ވެސް ކެރަލާގައި ދިރިއުޅޭ މީހުންނެވެ. އަދި އެ ތިން މީހުން ވެސް ވަނީ ފަހުގެ ތާރީޚެއްގައި ގަލްފުގެ ގައުމުތަކަށް ޒިޔާރާތްކޮށްފައި ނަމަވެސް، އަލަށް ބަލި ޖެހުނު މީހާ އިންޑިއާއިން ބޭރަށް ދަތުރުކޮށްފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖުރިވާލް ވަނީ ބަލި މީހާގެ ހާލު ރަނގަޅުވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ހާސްވެ ކަންބޮޑުވާންވީ ސަބަބެއް ނެތް ކަމަށާއި ދިއްލީގައި ދިރިއުޅޭ މީހުން ބަލިން ރައްކާތެރިކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ބަލި ޖެހުނު މީހާއާ ބައްދަލުވި މީހުން ހޯދައި އެ މީހުން ކަރަންޓީން ކޮށްފައިވާ ކަމަށާއި އެ މީހާއަށް ބަލި ޖެހުނު ގޮތް ހޯދަމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ.

ދުނިޔޭގެ 75 ގައުމެއްގައި 16،000އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް މަކުނުވިދުރި ވަނީ ޖެހިފައެވެ. އެ ބަލީގެ ކޭސްތައް ގިނަވުމާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެއީ އާންމު ސިއްހަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅާފައެވެ.

މަކުނުވިދުރީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ވަރުބަލިވުމާއި ބޮލުގައި ރިއްސުން ހިމެނެެއެވެ. އަދި ކަރުގަޔާއި ކިހިލީގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުމާއެކު ހީކެރުވުން ވެސް ހިމެނެއެވެ.

މަކުނުވިދުރި ޖެހިގެން ފަސް ދުވަހުގެ ތެރޭގައި ފާނަބަސަންދު، ހިމަބިހި، ކަށިވިދުރި ފަދަ ބަލިތައް ޖެހުމުން ގައިގައި ނަގާފަދަ ފޮޅުތަކެއް ފެންނާނެއެވެ. އަދި ހުމުގެ އަސަރު ފެންނަތާ ތިން ދުވަހުގެ ތެރޭގައި ފޮޅުތައް ހިކި، ކުރަމަގާލި ލައި ނެއްޓިގެންދެއެވެ.

މަކުނުވިދުރީގެ އަލާމާތްތައް ދެ ހަފުތާއާއި ހަތަރު ހަފުތާއާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް