އިމްޕޯޓް އެކްސްޕޯޓް އާމްދަނީ 44 ޕަސެންޓު މައްޗަށް

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހު، އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ ޖޫންމަހާ އަޅާ ބަލާއިރު، 44 ޕަސެންޓު މަތިވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ޖޫން މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 394 މިލިއަން ރުފިޔާއަށް އަރައެވެ. މިދިޔަ އަހަރުގެ ޖޫންމަހު ދައުލަތަށް ލިބިފައި ވަނީ 274 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ ޖޫން މަހު ރާއްޖެއަށް ވަނީ ޖުމްލަ 5.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހުގެ އެތެރެކުރި 2.9 ބިލިއަން ރުފިޔާގެ މުދަލާ އަޅާ ބަލާއިރު 78 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ޖުމްލަ އަގުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އޮމާނުން އެތެރެކުރި މުދަލެެވެ. އެ ގައުމުން ޖުމްލަ 1.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު، އެއީ ޖުމްލަ އަގުގެ 22 ޕަސެންޓެވެ. ލިސްޓުގެ ދެވަނައިގައި އޮތް އިންޑިއާއިން 636 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއެވެ. އެއީ ޖުމްލަ އަގުގެ 12 ޕަސެންޓެވެ. ތިންވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖުމްލަ އަގުގެ 11 ޕަސެންޓު މުދާ އެތެރެކުރި ޗައިނާއެވެ. އެ ގައުމުން ޖުމްލަ 558 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވަމުން ދާއިރު، މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި ތެލާއި ގޭހުގެ ބާވަތްތަކުގެ އަގު 1.3 ބިލިއަން ރުފިޔާއަށް އަރައެވެ. މީގެ އިތުރުން، މިދިޔަ މަހު އެތެރެކުރި މެޝިނަރީސްގެ އަގު 926 މިލިއަން ރުފިޔާއަށް އަރާއިރު، ކާބޯތަކެތީގެ އަގު 367 މިލިއަން ރުފިޔާއަށް އަރައެވެ.

މިދިޔަ ޖޫން މަހު ރާއްޖެއިން ޖުމްލަ 247 މިލިއަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހު ބޭރު ކުރި 154 މިލިއަން ރުފިޔާގެ މުދަލާ އަޅާބަލާއިރު 60 ޕަސެންޓު އިތުރު އަދަދެކެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދެއްގެ މުދާ ބޭރުކުރާ ތައިލެންޑަށް މިދިޔަ މަހު 148 މިލިއަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފައެވެ. އެއީ ޖުމްލަ އަގުގެ 60 ޕަސެންޓެވެ. މީގެ އިތުރުން ޖަރުމަނުވިލާތަށް 25 މިލިއަން ރުފިޔާގެ މުދާ ބޭރުކުރިއިރު އިނގެރޭސިވިލާތަށް 19 މިލިއަން ރުފިޔާގެ މުދާ ބޭރުކުރިއެވެ. އެއީ ޖުމްލަ އަގުގެ 10 ޕަސެންޓާއި އަށް ޕަސެންޓެވެ.

މިދިޔަ މަހު ޖުމްލަ 140 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަމަސް ރާއްޖެއިން ބޭރުކުރި އިރު، ކަޅުބިލަމަހުގެ އެހެނިހެން އުފެއްދުންތަކުގެ 55 މިލިއަން ރުފިޔާގެ މުދާ ބޭރުކުރިއެވެ. މީގެ އިތުރުން، ރީނދޫ އުރަހަ ކަންނެލީގެ 20 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކުރިއެވެ.

comment ކޮމެންޓް