ނިއުކްލިޔާ ހަތިޔާރު އުފެއްދިދާނެ ކަމަށް އީރާން ބުނާއިރު އައިއޭއީއޭ ބުނަނީ އީރާންގެ ނިއުކްލިޔާ ޕްރޮގްރާމް މެކުހަށް ޖަހާފައިވާ ކަމަށް

އައިއޭއީއޭ ގެ ވެރިޔާ ރަފައޭލް ގްރޮސީ

ވިއެނާ (24 ޖުލައި 2022): އީރާނުގެ ނިއުކްލިޔާ ރިއެކްޓަރުތަކާއި ލެބޯޓްރީތައް ރަނގަޅަށް ބަލައި މޮނިޓާ ކުރުމުގެ ފުރުސަތު އެގައުމުން މިހާރު ނުދޭކަމަށާއި އީރާނުން ނިއުކްލިޔާ ހަރަކާތްތައްވެސް ކުރިޔާ ޚިލާފަށް ވަރަށް ބާރަށް ކުރިއަށްގެންދާކަމަށް އެޓޮމިކް ހަކަތަޔާ ބެހޭ ބައިނަލްއަގްވާމީ އިދާރާ (އައިއޭއީއޭ)އިން ބުނެފިއެވެ.

"އައިއޭއީއޭ"ގެ ވެރިޔާ އަދި ޑިރެކްޓާ ޖެނެރަލް ރަފަޔޭލް ގްރޮޓްސީ ވިދާޅުވީ އީރާނުގެ ނިއުކްލިޔާ ރިއެކްޓަރުތަކާއި ލެބޯޓްރީތަކުގެ ހަރަކާތްތައް ބަލައި މޮނިޓާ ކުރުމަށް "އައިއޭއީއޭ" ބަހައްޓާފައިވާ ކެމެރާތަކާއި އެނޫންވެސް ޓެކްނިކަލް އާލާތްތައް އީރާނުން މިހާރު ނަގާފައިވާ ކަމުގައެވެ. މިކަމުގެ ސަބަބުން ޔޫރޭނިޔަމް ފައްކާކުރުމުގައި އީރާން ކުރިޔަށް ގޮސްފައިވާ މިންވަރު "އައިއޭއީއޭ" އަށް މިހާރު ނޭނގޭކަމަށްވެސް ގްރޮޓްސީ ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިޔާ ރިއެކްޓަރެއް

އީރާނުގެ ޚާރިޖީ ކަންތައްތަކާބެހޭ ސްޓްރެޓީޖިކް ކައުންސިލްގެ ވެރިޔާ ޑރ. ކަމާލް ޚާއްރާޒީ ދާދިފަހުންވަނީ އީރާނުގައި ނިއުކްލިޔާ ހަތިޔާރު އުފައްދަން ބޭނުންވާ ފަންނީ އަދި އިލްމީ ގާބިލްކަން ހުރިކަމަށް ވިދާޅުވެފައެވެ. އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. ޚައްރާޒީ ވިދާޅުވިގޮތުގައި އީރާން މިހާރު އޮތީ އެގައުމު ބޭނުންވެއްޖެނަމަ ނިއުކްލިޔާ ބޮން އުފެއްދޭ ހާލަތުގައެވެ. ނަމަވެސް ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ އީރާނުގެ ސިޔާސަތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިޔާ ރިއެކްޓަރުތަކާއި ލެބޯޓްރީތަކުގައި ބަހައްޓާފައިވާ "އައިއޭއީއޭ"ގެ ކެމެރާތަކާއި ޓެކްނިކަލް އާލާތްތައް އެތަންތަނުން ނާގާފައިވަނީ "އައިއޭއީއޭ"އިން އަދާކުރަންޖެހޭ ޓެކްނިކަލް ދައުރުގެ ބަދަލުގައި އެއިދާރާއިން މާބޮޑަށް ސިޔާސީވެ ސިޔާސީ ރޯލެއް އަދާކުރާކަމަށް އީރާނުން ކުރަމުންގެންދާ ތުހުމަތުތަކާ ގުޅިގެންނެވެ.

އީރާނުންވަނީ "އައިއޭއީއޭ"އަށް ލިބޭ އީރާނުގެ ނިއުކްލިޔާ ހައްސާސް މައުލޫމާތު އީރާނުގެ އެންމެ ބޮޑު ދެދުޝްމަނުން ކަމަށްވާ އެމެރިކާއަށާއި އިސްރާއީލަށް ފޯރުކޮށްދޭކަމުގެ ނުސީދާ ތުހުމަތުވެސް އެއިދާރާގެ މައްޗަށް ކޮށްފައެވެ.

އީރާނުގެ ޚާރިޖީ ކަންކަމާބެހޭ ސްޓްރެޓީޖިކް ކައުންސިލްގެ ވެރިޔާ ޑރ. ކަމާލް ޚައްރާޒީ

އިސްރާއީލުން ސިއްރިއްޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާއިރު "އައިއޭއީއޭ"އިން އެކަމަށް އަޅާލާފައެއް ނުވެއެވެ. އަދި އިސްރާއީލުގެ ނިއުކްލިޔާ އެއްވެސް މަރުކަޒެއް ބަލައި ފާސްކުރުމުގެ އެއްވެސް ކަމެއް "އައިއޭއީއޭ"އިން ކޮށްފައެއް ނުވެއެވެ. އަދި ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާއަށް އިސްރާއީލު ވެއްދުމަށް "އައިއޭއީއޭ" ވެސް އަދި އެމެރިކާވެސް ބާރުނާޅާކަން އީރާނުން ރުޅިވެރިކަމާއެކު އަބަދުވެސް ފާހަގަ ކުރެއެވެ.

ދާދިފަހުން "އައިއޭއީއޭ" ޑިރެކްޓަރު ޖެނެރަލް ރަފަޔޭލް ގްރޮޓްސީ އިސްރާއީލަށް ކުރެއްވި ދަތުރުފުޅުގައި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ބެހޭ ގޮތުން އިސްރާއީލުގެ ވެރިންނާ މަޝްވަރާ ކުރައްވާފައިވާތީ ވެސް އީރާނުން ވަނީ "އައިއޭއީއޭ" ވަރަށް ބޮޑަށް ކުށްވެރިކޮށް އެއިދާރާއާމެދު ނުރުހުން ފާޅުކޮށް އެއިދާރާއަށް ދޭ އެއްބާރުލުން ކުޑަކޮށްފައެވެ.

އީރާނުގެ ނިއުކްލިޔާ މައުލޫމާތު ނުލިބުނަސް އީރާނާ ދެކޮޅަށް "އައިއޭއީއޭ"އަށް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެކަން އީރާނަށް އެނގެއެވެ. އީރާނުން ނިއުކްލިޔާ ޕްރޮގްރާމް ތަރައްގީކޮށް ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ހޯދާފައިވަނީ އެކަން ހުއްޓުވުމަށްޓަކައި އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅައި ކުރެވުނުހާ ކަމެއް ކުރަމުން ގެންދަނިކޮށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް