ޝަރުއީ ދާއިރާގައި އިންޑިއާގެ އެއްބާރުލުން ހޯދުމަށް އެމްއޯޔޫއެއްގައި ސޮއިކުރަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާކޮށް އެ ދާއިރާގައި އިންޑިއާގެ އެއްބާރުލުން ހޯދުމަށް އެގައުމާއެކު އެމްއޯޔޫއެއްގައި ސޮއިކުރަން ނިންމައިފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު އިއްޔެ ކުރެއްވި ޓުވީޓެއްގައިވާ ގޮތުން އެގައުމުގެ "ނެއިބަހުޑް ފަސްޓް" ނުވަތަ އަވައްޓެރި ގައުމުތަކަށް އިސްކަންދޭ ސިޔާސަތުގެ ދަށުން އެގައުމުން ވަނީ ރާއްޖެއަށް ޝަރުއީ ދާއިރާގައި އެއްބާރުލުން ދިނުމާ ބެހޭ އެމްއޯޔޫއެއްގައި ސޮއިކުރަން ފާސްކޮށްފައެވެ.

"މިއަދު ކެބިނެޓުން އިންޑިއާއާ ރާއްޖެއާ ދެމެދު ސޮއިކުރުމަށް ނިންމި އެމްއޯޔޫގެ ސަބަބުން ކޯޓުތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް އަވަސްވެގެންދާނެ،" އޭނާގެ ޓުވީޓުގައިވެއެވެ.

މީގެ އިތުރުން އެކަމުގެ ފައިދާ ދެ ގައުމުގެ އައިޓީ ކުންފުނިތަކަށާއި އަލަށް ފަށައިގަންނަ ކުންފުނިތަކަށް ވެސް ކުރާނެ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

އިންޑިއާގެ ކެބިނެޓުން އެމްއޯޔޫގައި ސޮއިކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައިވާއިރު އެކަމާ ގުޅިގެން ރާއްޖޭގެ ސަރުކާރުން ރަސްމީކޮށް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

އެ އެމްއޯޔޫގައި ސޮއިކުރާނެ ދުވަހެއް އަދި ސާފުނުވާއިރު އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.

އެ ދަތުރުފުޅުގައި ރައީސް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެހެން އިސްވެރިންނާ ބައްދަލުކުރައްވައި ވިޔަފާރި އާއި ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރު ރަނގަޅު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މީގެ އިތުރުން އެ ދަތުރުފުޅުގައި ރައީސް ދިއްލީއަށް ވަޑައިގަތުމުގެ އިތުރުން އިންޑިއާގެ މުމްބާއީއަށް ވެސް ޒިޔާރަތްކުރައްވަން ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް