މި އަހަރު އެންމެ ބޮޑު އިސްކަމެއް ދެނީ އިރުގެ ހަކަތައިން ކަރަންޓު އުފެއްދުމުގެ މަސައްކަތަށް: ޝަރީފް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް --- ސްޓެލްކޯ

ސްޓެލްކޯއިން މި އަހަރު އެންމެ ބޮޑު އިސްކަމެއްދީގެން ކުރާ މަސައްކަތަކީ އިރުގެ ހަކަތައިން ކަރަންޓު އުފެއްދުމުގެ މަސައްކަތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ޝަރީފް ވިދާޅުވީ އިރުގެ ހަކަތައިން ކަރަންޓު އުފެއްދުމުގެ މަސައްކަތް ކުރެވޭނަމަ ބޮޑުތަނުން ކަރަންޓު ޚަރަދު ކުޑަކުރެވޭނެ ކަމަށެވެ. އެހެންކަމުން އެކަމަށް މިއަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަސައްކަތުގެ ދަށުން "އަވިކަތަ" ޕްރޮގްރާމްގެ ނަމުގައި ގޭގޭގެ ފުރާޅު ކުއްޔަށް ދީގެން ސޯލާ ހަރުކުރުމުގެ ޕްރޮގްރާމެއް، މި އަހަރު ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ އިފްތިތާހުކޮށްފައެވެ.

އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ އެ ޕްރޮގްރާމަކީ ޚަރަދުކުޑަ ކުރުމުގެ ގޮތުން ރައްޔިތުންނަށްވެސް އެކި ކަހަލަ ފުރުސަތުތަކެއް ހުޅުވާލައިގެން ކުރިއަށް ގެންދާ ބޮޑު ޕްރޮގްރާމެއް ކަމަށެވެ.

"މި ޕްރޮގްރާމަކީ ވަރަށް އެޓްރެކްޓިވް ޕްރޮގްރާމެއް. ރައްޔިތުންނަށް އެކި ކަހަލަ ފުރުސަތުތައްވެސް ފަހިވާނެ. އެގޮތުން ގޭގެ ވެރިފަރާތައް އެގޭ ފުރާޅު ކުއްޔައް ދީގެން އާމްދަނީ ހޯދުމުގެ މަގުވެސް އެބަ ފަހިވޭ. އަނެއްކާ އެ އާމްދަނީގެ ސަބަބުން ކުއްޔަށް ދޭ ގޭގެ ކަރަންޓު ބިލަށް ޑިސްކައުންޓުވެސް އެބަ ދެވޭ. ހުރިހާ ގޮތަކުން ބެލިޔަސް ސޯލާ ޕްރޮޖެކްޓަކީ ފައިދާހުރި އަދި ވަރަށް ބޮޑަށް ޚަރަދުކުޑަ ކުރެވޭނެ ގޮތެއް،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އަވިކަތަ ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ އަވިން އުފައްދާ ހަކަަތަ ބޭނުންކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ އިތުރުން ތެލަށް ބަރޯސާވުން ހުއްޓުވުމެވެ.

މީގެ އިތުރުން އާންމު ރައްޔިތުން އެދިއްޖެ ނަމަ އެ ގެއެއްގައި ސޯލާ ހަރުކޮށްދިނުމުގެ މަސައްކަތް އެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން ކޮށްދޭނެ ކަމަށް ޝަރީފްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އެ މަސައްކަތްތައް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކަރަންޓު ބިލު ކުޑަކުރުމުގެ އިތުރުން ރައްޔިތުންނަށްވެސް ލުއި ފަސޭހަ އަދި ފައިދާ ވާނެ ގޮތަކަށް ހުރިހާ ކަމެއްވެސް ކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް