ކެނދިކުޅުދޫ ކުޅީގައި ވިލާތަކެއް އަޅަނީ

ނ. ކެނދިކުޅުދޫ އިކޯ ޕާކު --- ފޮޓޯ/ ވިޒިޓް ކެނދިކުޅުދޫ

އިކޯ ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ނ. ކެނދިކުޅުދޫގެ އިކޯ ޕާކުގައި ކުޅީގެ ހިތްގައިމުކަން ފެންނަ ގޮތަށް ވިލާ ކޮޓަރިތަކެއް އަޅަން ނިންމާފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އެ ރަށު ކައުންސިލުގެ ރައީސް މުޙައްމަދު ރައޫފް މިއަދު "ސަން"އަށް ވިދާޅުވީ ކައުންސިލަށް އިންތިހާބުވުމާއެކު ހުރިހާ ކައުންސިލަރުންގެ ވެސް މައިގަނޑު މަގުސަދަކަށްވީ ރަށުން ބޭރު އެހެން ފަރާތްތައް ޒިޔާރަތް ކުރާނެ ހިތްގައިމު ތަނެއްގެ ގޮތުގައި އެ ރަށް ތަރައްގީކުރުން ކަމަށެވެ.

އެގޮތުން އެ ރަށަށް މީހުން ޒިޔާރަތް ކުރާ އެންމެ މައިގަނޑު ސަބަބަކީ އެ ރަށު ކުޅިތައް ކަމަށްވާއިރު މީގެ ކުރިން މާބޮޑު ބޭނުމެއް ނުހިފި އޮންނަ ކުޅިތައް ސާފުކޮށް، އެތަނުގައި ބްރިޖާއި ވޯކްވޭ އާއި ޕްލެޓްފޯމެއް އަޅައިގެން މިހާރު އެތަން ވަނީ ބަދަލުކޮށްފައެވެ.

"އިކޯ ޓޫރިޒަމް ތައާރަފު ވުމާއެކު އެކަން އިތުރަށް ފުޅާކުރެވޭނެ ގޮތްތަކަށް ކައުންސިލުން ދަނީ ވިސްނަމުން. އޭގެތެރެއިން ކުރެވޭ ކަމެއް ވިލާތައް އެޅުމަކީ. އަނެއްކާ ރަށުން ބޭރުން ނުލާހިކު ގިނަ މީހުން މިހާރު މިރަށަށް ޒިޔާރާތްކުރޭ،" އޭނާ ވިދާޅުވިއެވެ.

ރައޫފް ވިދާޅުވީ ކެނދިކުޅުދޫގެ އާ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި ވަނީ ވެސް ޓޫރިޒަމަށް އިސްކަން ދީގެން ކަމަށާއި ވިލާތައް އެޅުމުގައި ކައުންސިލުގެ ވިސްނުން ހުރީ ކޮންމެ ވިލާއެއްގައި ދެ ކޮޓަރި އަޅާގޮތަށް ކަމަށެވެ.

މި އަހަރުގެ ތެރޭގައި އެ ޕްރޮޖެކްޓުގެ މަސައްކަތް ފެށޭނެ ކަމަށާއި ނަމަވެސް ވިލާތައް ހަދަނީ ކައުންސިލްގެ އާމްދަނީ ބަޖެޓުން ކަމަށްވުމުން އެތަންތަން ހެދުމަށް ފައިސާ އެއްކުރަން ވަގުތު ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައޫފް އިތުރަށް ވިދާޅުވީ ވިލާތައް އެޅުމަށްފަހު އެތަންތަން ހިންގުމަށް ރަށުގެ އާންމު ފަރުދުންނަށް ދިނުމަށް ނިންމާފައިވާ ކަމަށާއި އެކަމަކީ ކައުންސިލުގެ ވައުދެއް ކަމަށެވެ.

"ކައުންސިލުން ހިންގުމުގެ ބަދަލުގައި ރަށުގެ ތަރައްގީއަށް ކުރާ ކަމަކުން ރައްޔިތުންނަށް ވިޔަފާރިކުރަން ފުރުސަތު ދެވޭނެ ގޮތަކަށް އަޅުގަނޑުމެންގެ ވިސްނުން ހުރީ. އަނެއްކާ މިހާރު މީހުން އަންނަ ވަރަށް ބަލާއިރު އެނގޭ ވިލާތައް އަޅައި އޭގެ ޚިދުމަތް ދޭން ފެށުމުން ލިބޭ ނަފާ އިތުރުވާނެ. އޭރުން ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ ރަށުގެ ފުދުންތެރިކަންވެސް އިތުރުވާނެ،" އޭނާ ވިދާޅުވިއެވެ.

ކެނދިކުޅުދޫ ކުޅީގެ ރީތިކަން ދެކިލުމަށް އެރަށަށް އެތައް ބަޔަކު ޒިޔާރަތް ކުރާއިރު އެރަށަށް ދާ އެންމެންނަށް ހުރުމުގެ އިންތިޒާމު ހަމަޖައްސައި ނުދެވޭކަން ރައޫފްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ނަމަވެސް ކުރިއަށް އޮތް ތަނުގައި އެކަންކަންވެސް ހަމަޖެހި ކެނދިކުޅުދޫއަށް ގިނަ ބަޔަކު ޒިޔާރަތްކޮށް ރަށު ރައްޔިތުންނަށްވެސް އޭގެ ސަބަބުން ނަފާ ލިބޭނެ ގޮތެއް ހަދައި ދިނުމަކީ ކައުންސިލުގެ އުއްމީދެއްކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް