ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރި 50 ފަރާތަކަށް މަޓީން އެވޯޑު ދީފި

"50 އިޔާޒް އޮފް ޓޫރިޒަމްސް އެވޯޑްސް ބައި މަޓީ"ގެ ނަމުގައި ބޭއްވި އެވޯޑު ހަފްލާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން އެކި ގޮތްގޮތުން ޚިދުމަތްކުރި އަދި އެހީތެރިވި 50 ފަރާތަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން އެވޯޑް ދީފިއެވެ.

މަޓީއިން އިންތިޒާމު ކޮށްގެން އިއްޔެ ހަވީރު ބޭއްވި އެ އެވޯޑު ހަފުލާއަކީ "50 އިޔާޒް އޮފް ޓޫރިޒަމް އެވޯޑްސް ބައި މަޓީ"ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަފްލާއެކެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ އެވޯޑު ހަފުލާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެ ކަނބަލުންނެވެ.

އިއްޔެގެ އެ ހަފްލާގައި، ޓޫރިޒަމްގެ ދާއިރާގައި އެކި ފެންވަރުގައި ޚިދުމަތްކޮށްދީފައިވާ އަދި އެ ދާއިރާ ކުރިއެރުވުމަށް އެކި ގޮތްގޮތުން އެހީތެރިވެދީފައިވާ 50 ފަރާތަކަށް އެވޯޑުދީފައިވެއެވެ.

"50 އިޔާޒް އޮފް ޓޫރިޒަމްސް އެވޯޑްސް ބައި މަޓީ"ގެ ނަމުގައި ބޭއްވި އެވޯޑު ހަފްލާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ވަކިވަކި ފަރުދުންނާއި ރިސޯޓުތައް ހިންގަވާ ބޭފުޅުންނާއި ޓުއާ ގައިޑުންނާއި ފަތުރުވެރިން ރާއްޖެ ގެނައުމުގައި މަސައްކަތްކުރާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ވިޔާފަރިތައް އެކި ގޮތްގޮތަށް ހިންގާ ފަރާތްތައް ހިމެނެއެވެ.

އެ އެވޯޑު ލިބުނު ބޭފުޅުންގެ ތެރޭގައި ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަޙުމަދު ސިޔާމް މުޙައްމަދާއި ވިލާ ގުރޫޕުގެ ޗެއާމަން ގާސިމް އިބްރާހީމާއި ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކުރީގެ ނައިބު ރައީސް މުޙައްމަދު ވަހީދުއްދީން ހިމެނެއެވެ. ހަމައެއާއެކު ސަން ސިޔާމް ގުރޫޕާއި ކްރައުން ކޮމްޕެނީއާއި ދިރާގާއި އެމްއޭސީއެލްއަށް ވެސް އެވޯޑު ދީފައިވެއެވެ.

އިއްޔެގެ އެވޯޑު ހަފުލާގައި އެންމެ ޚާއްޞަ އެވޯޑެއްގެ ގޮތުގައި ދީފައިވަނީ ރާއްޖޭގައި ފަތުރުވެރިކަން ތައާރަފުކޮށްދެއްވައި، އެ ދާއިރާ ކުރިއެރުވުމަށް އެންމެ ބޮޑު ދައުރެއް އަދާކުރެއްވި ފަތުރުވެރިކަމުގެ ބާނީންނަށް ދިން އެވޯޑެވެ.

އެ އެވޯޑު ހަތަރު ބޭފުޅަކަށް ދީފައިވާއިރު އޭގެތެރޭގައި ހިމެނެނީ ޔުނިވާސަލްގެ ޗެއާމަން މުޙައްމަދު އުމަރު މަނިކާއި މަޓީގެ ނައިބު ރައީސް ޗަމްޕާ ޙުސައިން އަފީފާއި ހެލްތު މިނިސްޓަރު އަޙްމަދު ނަސީމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ، ޖޯޖް ކޯބިންއެވެ.

"50 އިޔާޒް އޮފް ޓޫރިޒަމްސް އެވޯޑްސް ބައި މަޓީ"ގެ ނަމުގައި ބޭއްވި އެވޯޑު ހަފްލާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުރީގެ ރައީސުންނަށްވެސް ވަނީ އެވޯޑް އަރުވާފައެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ކުރީގެ ރައީސް އަލްމަރުހޫމް އިބްރާހީމް ނާސިރަށް ވަނީ އެވޯޑް ދީފައެވެ.

މަޓީން ބުނީ އެ އެވޯޑު ލިބޭ ފަރާތްތައް ހޮވާފައިވަނީ ތަޖުރިބާކާރު ޖަޖުންގެ ޕެނަލްއަކުން ބެލުމަށްފަހުގައިކަމަށެވެ.

އެ އެވޯޑު ހަފުލާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މަޓީން މުޅި އަހަރަށް ބަހާލައިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ހަފުލާއެކެވެ.

"50 އިޔާޒް އޮފް ޓޫރިޒަމްސް އެވޯޑްސް ބައި މަޓީ"ގެ ނަމުގައި ބޭއްވި އެވޯޑު ހަފްލާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އިއްޔެ ބޭއްވި އެވޯޑު ހަފުލާގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މަޓީން އިތުރު ހަރަކާތްތަކެއް ވެސް އިންތިޒާމުކޮށްފައިވެއެވެ.

އޭގެ ތެރޭގައި ފަތުރުވެރިކަމާ ބެހޭ ގޮތުން ލިޔެފައިވާ ދެ ފޮތެއް ނެރުމާއި ތިމާވެށި ހިމާޔަތް ކުރުން ކުރިއެރުވުމަށް މަޓީން ޕާލީ މޯލްޑިވްސްއާ ޕާޓްނާޝިޕް ހެދުން ހިމެނެއެވެ.

comment ކޮމެންޓް