ޤައުމީ ޓީމް ކޭމްޕްކުރާ ތަނަކަށް ކ.ހުރާ ހެދުމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ނިންމަނީ

ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް ކޭމްޕްކުރާ ތަނެއްގެ ގޮތުގައި ކ. ހުރާ ހެދުމަށް އެ ރަށުގެ ރަށު ކައުންސިލާ އެކު ކުޅިވަރާ ބެހޭ މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހު ކ. ހުރާއަށް ކުޅިވަރާ ބެހޭ މިނިސްޓަރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރަށު ކައުންސިލާއެކު، ހުރާގެ ރައްޔިތުންގެ އަމިއްލަ ހަރަދުގައި އަޅާ އިޖްތިމާއީ މަރުކަޒު ބައްލަވާލެއްވުމަށްފަހުގަ އެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލް އާއި މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީގެ އިތުރުން މިނިސްޓްރީގެ ކަމާ ބެހޭ މުއައްޒަފުން ބައިވެރިވެވަޑައިގެންނެވި މިދަތުރުގައި، ހުރާ ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކޮށް ކޭމްޕް ސައިޓާއި ފުޓްބޯޅަ ކުޅޭ ސަރަޙައްދުގެ ކަންތައްތަކާ ބެހޭ ގޮތުންނާއި ކުރިއަށް އޮތްތަނުގައި ފުޓްބޯޅަ ކުޅޭ ސަރަޙައްދު ތަރައްޤީކުރުމަށް، އެ ރަށުގެ ކައުންސިލާ އެކު ވެސް މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އަދި އެ ދަތުރުގައި ހުރާ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި އަޅާ އިޖްތިމާއީ މަރުކަޒު، ބައްލަވާލެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ ބަޖެޓް ތަންދޭވަރުން މަރުކަޒު ބިނާކުރުމުގެ މަސައްކަތައް އެހީތެރިކަންދެއްވާނެ ކަމަށެވެ. އަދި ހުރާ ސްކޫލްގެ އިސް ބޭފުޅުންނާއި ސްކޫލްގެ ޕްރިންސިޕަލް އަދި ސްކޫލް ގައި ކިޔަވަމުންދާ ކުދީންގެ ބެލެނިވެރިން މިނިސްޓަރު އާއި ބައްދަލުކުރައްވައި ސްކޫލްގެ އެކިއެކި ކަންތައްތަކާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މިނިސްޓަރުގެ މިދަތުރުގައި 'ހުރަވީ އިނޮވޭޓިވް ޔޫތް' އާއި 'ހުއްރިއްޔާ ސްޕޯޓްސް ކްލަބް' އާއި ބައްދަލުކޮށް ކްލަބްގެ އެކިއެކި ކަންތައްތަކާއި ރަށުގެ ޒުވާނުންނާއި ކުޅިވަރާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު