ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ދަތުރުކުރެއްވި މަތިންދާބޯޓު ރާއްޖޭގައި ޖައްސަން ހުއްދަ ދިނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އެންގެވުމަށް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ސީއެންއެންގައިވާ ގޮތުން ގޮތަބަޔަ ރާއްޖެ ވަޑައިގެންނެވީ އެގައުމުގެ އެއާފޯސްގެ އޭއެން31 މަރުކާގެ ބޯޓެއްގައެވެ. އެ ބޯޓު ރާއްޖޭގައި ޖައްސަން އެއާ ޓްރެފިކް ކޮންޓްރޯލުން ފުރަތަމަ ހުއްދަ ނުދިން ނަމަވެސް އެ ހުއްދަ ދޭން ރައީސް ނަޝީދު އެންގެވީ ކަމަށް އޮފިޝަލާ ހަވާލާދީ އެ ނޫހުގައިވެއެވެ.
ގޮތަބަޔަ ރާއްޖެ ވަޑައިގެންނެވީ އަނބިކަނބަލުންނާއި ދެ ހަށިފާރަވެރިންނާ އެއްކޮށް ކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި ލަންކާ އެއާފޯސްއިން ވަނީ އެ ބޭފުޅުންނަށް ފްލައިޓެއް ހަމަޖެއްސީ ރައީސްގެ އެންގެވުމަށް ކަމަށާއި ޑިފެންސް މިނިސްޓްރީން ވެސް އެކަމަށް ހުއްދަ ދިން ކަމަށް ބުނެފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ގޮތަބަޔަ ވަނީ މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެއީ އެގައުމުގެ އެއް ލައްކައަށް ވުރެ ގިނަ މީހުން ރައީސްގެ ގެކޮޅު ކައިރިއަށް އެއްވެ، ބައެއް މީހުން ގެކޮޅު ހިސޯރުކުރި ފަހުންނެވެ.
އޭގެ ފަހުން ރިޔާސީ ގަނޑުވަރުން ފިއްލަވައިގެން އުޅުއްވި ގޮތަބަޔަ ރާއްޖެއަށް ވަޑައިގެންނެވުމުގެ ކުރިން އެމެރިކާއަށާއި ދުބާއީއަށް ފިއްލަވަން މަސައްކަތްކުރެއްވިއެވެ. ނަމަވެސް، ލަންކާގެ މައި އެއާޕޯޓު ކަމަށްވާ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގެ މުވައްޒަފުންނާއި އިމިގްރޭޝަން މުވައްޒަފުންނާއި ޓްރިންކޮމަލީގެ ކަނޑުގެ ބަނދަރުގެ މުވައްޒަފުން އެކަމަށް ހުރަސް އެޅި ކަމަށް ރިޕޯޓުތަކުގައިވެއެވެ.
ކުރިން ލަންކާގައި ބަތަލެއްގެ ދަރަޖަ އާންމުންގެ ހިތްތަކުން ލިބިފައިވާ މަގްބޫލު ވެރިއެއްގެ ގޮތުގައި ހުންނެވުމަށް ފަހު ގޮތަބަޔައާ ދެކޮޅަށް ރައްޔިތުން މުޒާހަރާ ކުރަނީ އޭނާ ވެރިކަން ކުރެއްވި ގޮތުން ގައުމު ބަނގުރޫޓުވެ، އިގްތިސާދީ ގޮތުން އިނދަޖެހި، ރައްޔިތުން ހާލުގައި ޖެހުމާއެކު ވެސް އިސްތިއުފާ ދެއްވަން ތަކުރާރުކޮށް ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ.