ނ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު 2022"ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މިލަދޫގެ އޮބިއަންސް ހޯދައިފިއެވެ.
އެ ޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޑަފަރީގެ ހިތްވަރު ޓީމާ ދެކޮޅަށް ފައިނަލް މެޗުގައި ކުޅެ 5-3 ނަތީޖާއަކުން މޮޅުވެގެންނެވެ.
ނ. ކުޑަފަރީ ފުޓްސަލް ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ.
އެގޮތުން ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި އޮބިއަންސްގެ ފާތިމަތު ޝާލިއާ ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑުނަގާފައެވެ.
މީގެ އިތުރުން ހިތްވަރުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އަނެއްކާވެސް ޝާލިއާ ވަނީ ގޯލެއްޖަހައިދީފައެވެ.
ހިތްވަރު ޓީމުގެ އޭރިއާ ބޭރުން އޮބިއަންސްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމުގެ ބޭނުން ހިފައިގެން އެ ޓީމުގެ ހަސީނާ އާދަމް ވަނީ މެޗުގެ ތިންވަނަ ގޯލުޖަހައިފައެވެ.
ނަމަވެސް ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ހިތްވަރު ޓީމަށް ލިބުނު ކޯނަރެއްގެ ބޭނުން ހިފައިގެން އެ ޓީމުގެ ޒައިނަބު ވަނީ މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
ދެވަނަ ހާފު ފަށައިގެން ވެސް ދެ ޓީމުން ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ ހަތްވަނަ މިނެޓުގައި ހިތްވަރު ޓީމުގެ 11 ނަމްބަރު ވަނީ އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ.
ނަމަވެސް އޭގެ ފަހުން އޮބިއަންސްގެ ޝާލިއާ ވަނީ އެ ޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އެ ގޯލަކީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާއެކެވެ. އޭގެ ދެ މިނެޓު ފަހުން އަނެއްކާވެސް އޭރިއާ ބޭރުން އޭނާ ވަނީ އެ ޓީމުގެ ފަސްވަނަ ގޯލު ޖަހައިފައެވެ.
އެ ދެ ގޯލާއެކު ހިތްވަރު ޓީމުން ކުރިއަށް ޖައްސާލައިގެން ކުޅެ އެ ޓީމުގެ ސީމާ އާދަމް ވަނީ ހިތްވަރު ޓީމުގެ ތިންވަނަ ގޯލުޖަހައިދީފައެވެ.
އެ މުބާރާތް ކާމިޔާބު ކުރުމުން އޮބިއަންސްއަށް ތައްޓާއި 30،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ މޯލްޑިވްސް ޑިވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ މައުރޫފެވެ.
"ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު 2022"ގައި ފިރިހެން ހަތް ޓީމު ބައިވެރިވެފައިވާއިރު އަންހެން ޑިވިޝަންގައި 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި ފަސް ރަށަކުން 16 އަހަރުން ދަށުގެ ފަސް ޓީމެއް ވެސް ވަނީ ބައިވެރިވެފައެވެ.