މުޅި ރަށް ބެލިިއިރު ވެސް ހެނބަދޫން ގެއްލުނު ޒުވާނާ ނުފެނުނު

ނ. ހެނބަދޫ --- ފޮޓޯ/ އެމްޓީސީސީ

ނ. ހެނބަދޫން ގެއްލިގެން ހޯދަމުން ދާ ޒުވާނާ އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ހެނބަދޫ ކުންނާރުގެ، އިބްރާހީމް ރާމިޒް، 28،އެވެ.

ހެނބަދޫ ކައުންސިލްގެ ރައީސް ޙުސައިން އަބޫބަކުރު މިއަދު "ސަން"އަށް ވިދާޅުވީ ރާމިޒްގެ ޚަބަރެއް ނުވެގެން އޭނާގެ މައިންބަފައިން އޭނާ ހޯދަމުންދާތާ ދެ ދުވަސް ވެއްޖެ ކަމަށެވެ.

ނަމަވެސް ރާމިޒް ގެއްލިގެން އުޅޭ ކަމުގެ ޚަބަރު އޭނާގެ މައިންބަފައިން ކައުންސިލަށް ރިޕޯޓުކޮށްފައިވަނީ ރޭ 19:00 ހާއިރުއެވެ. އަދި އެވަގުތު ކައުންސިލުން ޕޮލިހަށް ވާނީ އެ މައްސަލަ ރިޕޯޓުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަބޫބަކުރު ވިދާޅުވީ ހެނބަދޫ އަކީ އެހާ ޖަންގަލިވެސް ބޯރަށެއް ނޫން ކަމަށެވެ. އެހެންކަމުން ރަށު ރައްޔިތުންނަށް ވާނީ އޭނާއާ ބެހޭ އެއްވެސް ޚަބަރެއް ވާނަމަ އެކަން އަންގައިދިނުމަށް އެދިފައިކަމަށް އަބޫބަކަރު ވިދާޅުވިއެެވެ.

"މި ރަށަކީ ޖަންގަލި ބޯ ރަށެއް ނޫން. ދެން އެހެންވެ އަޅުގަނޑަށް އެ މައުލޫމާތު ލިބުމުން އެ ވަގުތު ޕޮލިހަށް ވެސް ވާނީ އެ މައްސަލަ ހުށަހަޅާފަ. ރައްޔިތުންނަށް ވެސް އޮންނާނީ އިލްތިމާސްކޮށްފަ އޭނާއާ ބެހޭ އެއްވެސް ޚަބަރެއް ވާނަމަ ފޯރުކޮށްދެން." ކައުންސިލު ރައީސް ވިދާޅުވިއެވެ.

އެ ރަަށު ކައުންސިލާއި ރައްޔިތުންވެގެން ރޭ ވެސް ރާމިޒް ހޯދުމުގެ މަސައްކަތް ކުރި ކަމަށާއި ނަމަވެސް އަދިވެސް އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށް އަބޫބަކަރު ވިދާޅުވިއެވެ.

އަބޫބަކުރު ވިދާޅުވީ ރާމިޒް ގެއްލިގެން ރިޕޯޓުކުރުމާއެކު އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރުމުގެ ތެރެއިން އެރަށުގެ ގޮނޑުދޮށުގައި އޮތް ކެނޯއެއް ބާލާފައިވާކަން އިއްޔެ ހަވީރު ފާހަގަ ވެފައިވާ ކަމަށެވެ.

މީގެ ކުރީން ރާމިޒް މަސައްކަތްކުރީ ރަށުން ބޭރުގައިކަން ފާހަގަ ކުރައްވައި ކައުންސިލްގެ ރައީސް ވިދާޅުވީ އެ ވަޒީފާ ދޫކޮށްފައި ރަށަށް އައިސްގެން އުޅެނީ ފުލުހުން ބަލަމުން އަންނަ މައްސަލައެއްގައި ކަމަށް އޭނާގެ ބައްޕަ ބުނި ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ރާމިޒަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ. ހެނބަދޫން މި ނޫހާ ވާހަކަ ދެއްކި މީހަކު ވެސް ބުނީ ރާމިޒަކީ ޑްރަގް ބެނުންކުރާ މީހެއްކަން ރަށުގެ ގިނަ ބަޔަކަށް އެނގޭ ކަމަށެވެ.

comment ކޮމެންޓް