ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަކީ މައުސޫމް ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ އިންސާނަކަށް އަނިޔާވެރި ގޮތުގައި ކަންތައް ކުރުމަށް ދުވަހަކު ވެސް އެދޭނެ ބެފުޅެއް ނޫން ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން މިހެން ބުނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީންނާއި ބައެއް މީޑިއާތަކުން، އެޕާޓީގެ ލީޑަރުގެ އިސްތަށިފުޅުގައި އަޅުވަމުން އަންނަ ތުހުމަތުތަކަށް ރައްދު ދެއްވަމުންނެނެވެ.
އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލަށްލުމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވެރިކަމަށް ވަޑައިގަތުމަށް ހުޅުވޭ ދޮރެއް ކަމަށް ބައެއް މީހުން ދެކޭ ކަމަށެވެ.
އެވާހަކައަށް ރައްދުދެއްވާ އަދުރޭ ވިދާޅުވީ އެފަދަ ވާހަކަ ތަކަކީ ޤާސިމް އަޑީގައި ހުންނަވައިގެން ފަތުރާ ވާހަކަތަކެއް ކަމަށެވެ. އަދި ރިޔާސީ ރޭހުގައި ރައީސް ޔާމީން އެކަހެރިކޮށް، އެއްލައިލުމަށް އެ ކުރައްވާ މަސައްކަތްތައް ކާބިޔާބުނުވެ، ދާނީ ފަނުފުލުންލައިގެން ކަމަށް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޤާސިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ މީޑިއާގައި ރިޕޯޓު ކޮށްފައިވާ ޚަބަރަކީ ވަކި ބަޔަކު އަޑީގައި ތިބެގެން ފިތުނަ އުފެދޭ ފަދަ ގޮތަކަށް ލިޔެފައިވާ ޚަބަރެއް ކަމަށެވެ. އަދި އެއީ ކޮންބައެއްކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ނަމަވެސް އެކަމުގެ ތަފުސީލަށް ދާން ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ޤާސިމް، މީގެ ކުރީން ވެސް ވާދަ ކުރައްވާފައިވަނީ ވަކި ބޭފުޅަކު ވާދަ ކުރައްވާތޯ، ނުވަތަ ނޫންތޯ ބައްލަވާފައެއް ނޫން ކަމަށާއި އަދި އެފަހަރު ތަކުގައި ވެސް ރައީސް ޔާމީނާއި އެހެން ބޭފުޅުން ވެސް ވާދަ ކުރެއްވި ކަމަށެވެ.
"ޤާސިލް އިބްރާހީމަކީ ދުވަހަކު ވެސް އެއްވެސް އިންސާނަކަށް އެއްވެސް ބޭފުޅަކަށް އަނިޔާވެރިވާނެ ބޭފުޅެއް ނޫން. ރައީސް ޔާމީން ޖަލުގައި އޮންނެވިއިރު ވެސް ވާނުވާގައި އޮތުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އަޑުއުފުއްލެވި އެއް ބޭޅަކީ ވެސް ޤާސިމް އިބްރާހީމް. އެހެންވީމަ އެމަނިކުފާނޭ ކިޔައިގެން މިފަދަ ވާހަކަ ދެއްކުމަކީ ޖޭޕީން އިންތިހާއަށް ކަންބޮޑުވާ ކަމެއް،" އިލްހާމް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ނެރޭ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް މީގެ ކުރީން ވެސް ވިދާޅުވެފައިވާ ވާހަކަ ފަށްކުރައްވަމުން އަދުރޭ ވިދާޅުވެފައިވަނީ ދެން ވެސް ރާއްޖޭގައި އުފެދޭނީ ޕީޕީއެމްގެ ސަރުކާރެއް ކަމަށެވެ. އަދި ޕީޕީއެމުން ވެރިކަމަށް އައުމަށް އެހެން އެއްވެސް ޕާޓީއެއްގެ އެހީތެރިކަމެއް ބޭނުންނުވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
މިވާހަކައަށް އިޝާރާތް ކުރައްވާ އިލްހާމް ވިދާޅުވީ ރައީސް ޔާމީން ގިނިކަންޏާ ނުކުންނަވައިގެން އިންތިޚާބު ކާމިޔާބު ނުކުރެއްވޭކަން ޔާމީނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ޒާތުގެ ކޮސް ވާހަކަ ދައްކައިގެން ރިޔާސީ ޓިކެޓް ފޭރިގަންނެ، އެމަނިކުފާނު ޖަލަށްލުމަށް ޕީޕީއެމްގެ އިސްވެރީންތަކެއް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލްހާމް ތުހުމަތު ކުރެއްވިއެވެ.
"ރައީސް ޔާމީނަށް ޖަލު ހުކުމެއް އައުމަކީ އެންމެ ބޮޑަށް ޕީޕީއެމްގައި މިހާރު އެތިބި އިސް ވެރީން އުފާ ކުރައްވާނެ ކަމެއް. ރިޔާސީ ރޭހުގައި ވާދަ ކުރުމަށް ނުވަތަ ޓިކެޓުގެ އުއްމީދުގައި ތިބި ހަތެއް ނުވަތަ އަށް ބޭފުޅުން އެބަތިބި. ރެއާއި ދުވާލު ދުވާކޮށް މާތްﷲއަށް ދަންނަވާ އެމީހުންނަށް ކުރެވުނުހާ މަސައްކަތްކަތެއް ކުރަމުން ގެންދަނީ ރައީސް ޔާމީން ޖަލަށް ލެވޭތޯ،" އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ އޭނާ އެ ދައްކަވަނީ ކޮން ވާހަކައެއް ކަމާއި އަދި އެއީ ކޮންބައެއްކަން ރައީސް ޔާމީންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ފަރާތްތަކާ ބައްދަލު ކުރައްވަނީ ވެސް އޭބޭފުޅުން ކަމަށެވެ.